ސަވަންސީ ސިޓީ ދޫކޮށް މެންޗެސްޓާ ސިޓީ އަށް ބަދަލުވި އެންމެ ބޮޑު ސަބަބަކީ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ހޯދުން ކަމަށާއި ޗެމްޕިއަންސް ލީގު ކާމިޔާބުުކުރަން ބޭނުންވާ ކަމަށް އައިވަރީ ކޯސްޓްގެ ފޯވަޑް ވިލްފްރެޑް ބޯނީ ބުނެފި އެވެ.
ފަންސަވީސް މިލިއަން ޕައުންޑްގް ޓްރާންސްފާ ފީއެއްގައި ސްވަންސީ އިން ސިޓީ އަށް ވިއްކާލި ބޯނީ، 26، ވަނީ ސިޓީއާއެކު ހަތަރު އަހަރާއި ބައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ބޯނީ ބުނީ ސިޓީ އަށް ބަދަލުވާން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ހޯދުން ކަމަށެވެ.
"މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ގަބޫލްކުރަން. އޭގެ އެންމެ ބޮޑު ޗެމްޕިއަންސް ލީގުގައި ސިޓީ ވާދަކުރުން. އަހަރެން ކުރިން ވެސް ބުނިން ޓީމު ބަދަލުކުރަންޏާ، އަހަރެން ބަދަލުވާނީ ޗެމްޕިއަންސް ލީގު ކުޅޭ ޓީމަކަށޭ. ޗެމްޕިއަންސް ލީގުގައި ކުޅެން އަހަރެން ވަރަށް ބޮޑަށް ބޭނުންވޭ. އަދި އެ މުބާރާތް ކާމިޔާބުކުރުމަކީ އަހަރެންގެ ހުވަފެނެއް."
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ސިޓީއާ ކުރިމަތިލާނީ ސްޕެއިންގެ ބާސެލޯނާ އެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ބުރުގައި ސިޓީ ކަޓުވާލީ ބާސާ އެވެ.
ބޯނީ ބުނީ ބާސާ އަތުން ސިޓީ އަށް ބަދަލު ހިފޭނެ ކަމަށް ގަބޫލްކުރާ ކަމަށެވެ.
"ސިޓީ އަކީ މޮޅެތި ކުޅުންތެރިން ތިބި ވަރުގަދަ ކްލަބެއް. އަހަރެމެން ޖެހޭނީ މެޗަށް ރަނގަޅަށް ތައްޔާރުވާން،" ބޯނީ ބުންޏެވެ.
ސްވަންސީގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 12 މިލިއަން ޕައުންޑަށް ނެދަލޭންޑްސްގެ ވިޓެސޭ އާންހެމް އިން ސްވަންސީ އަށް ބޮނީ 2013 ވަނަ އަހަރެވެ. ބޯނީ އަކީ މިދިޔަ އަހަރު ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އެވެ. -- އީއެސްޕީއެން