މޯލްޑިވްސް ޕޮލިސް ސާވިސް

ދެ އަހަރު ވީއިރުވެސް ލުތުފީ މައްސަލައިގެ ތަހުގީގު ނުނިމޭ

Jun 17, 2021

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީގެ މައްޗަށް ތުހުމަތު ކުރާ މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ އިރުވެސް މައްސަލައިގެ ތަހުގީގު ނުނިމޭ ކަމަށް ފުލުހުން ބުނެފި އެވެ.

ހަސަން ލުތުފީއަށް ކުރާ މަނީ ލޯންޑަރިންގެ ތަހުގީގާ ގުޅޭގޮތުން މިއަދު އަވަސް އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. މައްސަލައާއި ގުޅިގެން އަވަސް އިން ކުރި އިތުރު ސުވާލުތަކަށް ފުލުހުން ޖަވާބު ދީފައެއް ނުވެ އެވެ.

ލުތުފީ އަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އެންމެ ފުރަތަމަ ހާމަކުރީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

މިމައްސަލައިގެ ތަހުގީގު ފެށިއިރު ވެސް އަދި މިހާރުވެސް ލުތުފީ ހުންނެވީ މެލޭޝިއާގަ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ދިވެހި ފުލުހުންގެ ޓީމެއް މެލެޝިއާ އަށް ގޮސް ލުތުފީއާ ބައްދަލުކޮށް ތަހުގީގަށް ބަޔާނެއް ވަނީ ނަގާފަ އެވެ.

މަނީ ލޯންޑަރިންގެ މިމައްސަލާގައި އިތުރު ބަޔަކު ވެސް ހިމެނޭ ކަމަށް ފުލުހުުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް އެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ލުތުފީއާއި އޭރު އޭސީސީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ.
ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވީ އެއް މިލިއަން ޑޮލަރު ޖަމާކުރި ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓް ފްރީޒްނުކޮށް، އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރަން އޭސީސީން ރައީސް ޔާމީނާ އެކު އެއްބަސްވުމެއް ހެދުމުންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތް ފެންމަތިވުމާ ގުޅިގެން އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގުގައި އެ ކޮމިޝަންގެ ރައީސްގެ ގޮތުގައި ލުތުފީ ހުންނަވައިގެން ހިޔާނާތުގެ ތުހުމަތުތަކުން ރައީސް ޔާމީން ސަލާމަތް ކުރަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުވެސް ބައެއް ސިޔާސީ ބޭފުޅުން ލުތުފީގެ މައްޗަށް ކުރައްވަ އެވެ. އެފަދަ ތުހުމަތުތަކަކާއި ގުޅިގެން އޭސީސީގެ މެންބަރު ކަމުން ލުތުފީ ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ދަނިކޮށް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.