ޑރ. އަހުމަދު ޒާހިރު އަލީ

ހިސާން ބިލް ދިރާސާކުރަން ލިބިފައިވާ ވަގުތު މަދު: މިނިސްޓަރު

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅި ބިލަށް ހިޔާލު ހުށަހަޅަން ދީފައިވާ ވަގުތު މަދު ކަމަށް އިސްލާމިކް މިިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ހިސާން ހުށަހެޅުއްވި ބިލް ދިރާސާ ކުރަމުންދާ ޖުޑިޝަރީ ކޮމިޓީން އިސްލާމިކް މިނިސްޓްރީގެ ހިޔާލުހޯދަން ރަސްމީކޮށް އިއްޔެ ފޮނުވި ސިޓީގައި އަންނަ ހޯމަ ދުވަހުގެ ކުރިން މިނިސްޓްރީގެ ހިޔާލު ފޮނުވައިދިނުމަށް އެދިފައިވާތީ 'އަވަސް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ އެ ބިލާ ގުޅޭގޮތުން މިނިސްޓްރީގައި ތިއްބެވި ވާއިޒުންނާއި ފަތުވާ މަޖިލީހުގެ ބޭފުޅުންނާ އަދި ބައެއް އިލްމުވެރިންނާވެސް މަޝްވަރާކުރައްވާ، ދިރާސާތަކެއް ކުރުމަށްފަހު ހިޔާލު ހުށަހަޅުއްވާނެ ކަމަށެވެ.

"ލިބުނު ވަގުތު މަދު. އެކަމަކުވެސް ދެން ރަނގަޅު. މި މައްސަލަ ފެންމަތިވިއިރަށް ދިރާސާއެއް ވެސް ކޮށްލާފައި އޮތީ. ފަތުވާ މަޖިލީހުން ވެސް ބައްލަވާފަ އެސައިންޓްމަންޓެއް އެބައިން ހަދާފައި." ޑރ. ޒާހިރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ލިބިފައި އޮތް ވަގުތު މަދު ކަމުގެ ސަބަބުން ގިނަ އިލްމުވެރިންނާ މަޝްވަރާ ނުކުރެވިދާނެ ކަަމަށާއި ނަމަވެސް އަދާލަތު ޕާޓީގެ އިލްމުވެރިންނާ އަދި މިވަގުތުގަ މަޝްވަރާކޮށްލެވެން ހުރި ބައެއް އިލްމުވެރިންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ހިސާން ބިލާ ގުޅިގެން ރާއްޖޭގެ ދީނި އިލްމުވެރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އިއްޔެއާ ހަމައަށް ދީނީ އިލްމުވެރިއެއްގެ ސިޓީއެއް މިނިސްޓްރީ އަށް ލިބިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާގައި އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފައި ހުރި ތަން ފެނިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވި އެވެ.

"އެބިލު ހުށަހަޅާފައިވަނީ ރަނގަޅު މަގުސަދެއްގައި ކަމަށް ވެދާނެ. ނަމަވެސް ގޯސްކޮށް ހުރި ކަންތައްތައް ބުނެދޭން ޖެހޭނެ. އަދި ބިލުގައި އެބަހުރި އިސްލާހުކުރަން ޖެހޭ ބައިތައް" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު އިސްލާހުކުރަން ހުރި މައްސަލަތަކަކީ ކޮބައިކަމެއް އަވަސް އިންޓަވިއުގައި މިނިސްޓަރު ވިދާޅުވެފައެއް ނުވެ އެވެ.

ބިލާ ގުޅޭ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މަޖިލީހުގެ މެމްބަރުން ފާހަގަކުރެއްވީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހަދަން އޮތް އޮތުމެވެ. އެހެންކަމުން ކޮމިޓީ މަރުހަލާގައި އެބައި އުނިކުރަން މެމްބަރުން ވަނީ ގޮވާލައްވާފަ އެވެ.