އެޓާނީ ޖެނެރަލް

އަބުރުގެ ގާނޫނު ވުޖޫދުކުރާ ސަބަބު ސާފުކޮށްދީފި

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް ހުށައެޅުމަށް ނިންމި ސަބަބު އެޓާނީ ޖެނެރަލްގެ އޮފީހުން ސާފުކޮށްދީފި އެވެ.

އެ އޮފީހުން މިރޭ ނެެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުމަށް ސަރުކާރުން ގަސްތުދުކޮށްފައިވާ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލަކީ އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ޖަދުވަލު 2 ގައި ހިމެނޭ "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު" އަށް ބާރު ލިބިދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުމަށްޓަކައި އެކުލަވާލާ ބިލެއް ކަމަށެވެ.

ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގައި ހިމެނޭ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަކީ، މިހާރުވެސް ތަންފީޒު ކުރެވެމުންދާ ގަވާއިދެއް ކަމަށާ އެ ގަވާއިދު ހިމެނޭގޮތުން ގާނޫނުގެ ޖަދުވަލު 1 އާއި 2 ގައި ހިމެނޭ އެންމެހައި ގަވާއިދުތަކަކީ އެއަށް ބެލެނިވެރިކަން ލިބިދޭ ޤާނޫނެއް ވުޖޫދަށް އަންނަންދެން، އެ ޤާނޫނުގެ ދަށުން ބާރު ލިބިދޭންޖެހޭ، އެއަށް ޢަމަލުކުރުމުގެ މުއްދަތެއް ކަނޑައެޅިފައިވާ ގަވާއިދުތަކެއް ކަމަަށެވެ. މި ބިލު އެކުލަވާލުމަށް ނިންމާފައިވަނީ، ޤާނޫނުގެ ޖަދުވަލު 2 ގައި ހިމެނޭ ގަވާއިދުގެ މުއްދަތު ހަމަވުމުގެ ކުރިން، ކަމާބެހޭ ޤާނޫނީ އޮނިގަނޑު ގެނައުމަށް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލުގައި މައިގަނޑު ގޮތެއްގައި އެކުލެވޭނީ، އަބުރާބެހުމަކީ ކޮބައިކަމާއި، އަބުރާބެހުން ކަމަށް ނުބެލެވޭނެ ޙާލަތްތަކާއި، މީހެއްގެ އަބުރާބެހިއްޖެނަމަ އެކަމުގެ ސަބަބުން އަބުރާބެހެވޭ މީހާއަށް ލިބޭ ގެއްލުމަށް މަދަނީ ބަދަލުނަގައިދިނުމުގެ އުސޫލުތަކާއި، އަބުރާ ބެހުމުގެ މަދަނީ ދަޢުވާއެއް ލިބޭ ފަރާތްތަކަށް ލިބިދޭ ދިފާޢުތަކާގުޅޭ އުސޫލުތައް ކަމަަށްވެސް ބުނެފައިވެއެވެ.

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް ހިމެނޭއިރު އަބުރު ރައްކާތެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނެއް ރައީސް ޔާމީންގެ ސަރުކާރުންވެސް ގެނައެވެ. ނަމަވެސް އެ ގާނޫނާއި ދެކޮޅަށް މިހާރު ސަރުކާރުގައި ތިބި ބޭފުޅުން އޭރު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އަދި އެ ގާނޫނު އުވާލާނެ ކަމަށް ރައީސް ސޯލިހް ވައުދުވެވަޑައިގެންނެވިއެވެ. އެ ވައުދުފުޅާ އެއްގޮތަށް ވެރިކަމަށް ވަޑައިގެން ރައީސް އެންމެ ފުރަތަމަ އުވާލެއްވީވެސް އެ ބިލެވެ.