މޯލްޑިވްސް ޕޮލިސް ސާވިސް

އަފްޣާން ޖަލުގައި ތިިބި ދިވެހި އާއިލާއަށް އަނިޔާކުރި ވާހަކަ ދޮގުކޮށްފި

ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އުޅެނިކޮށް އަފްޣާނިސްތާނުން ހައްޔަރުކުރި ދިވެހި އާއިލާއަށް އެ ގައުމަށް ދިޔަ ދިވެހި ފުލުހުން އަނިޔާކޮށް ހުތުރު ބަހުން މުހާތަބު ކޮށްފައިވާ ކަަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް މޯލްޑިވްސް ޕޮލިސް ސާވިސް އިން ދޮގު ކޮށްފި އެވެ.

އަފްޣާނިސްތާނުން ހައްޔަރު ކޮށްފައި ވަނީ އަލީ ޝަފީއު، ހ. މޫންލައިޓްވެލީ ގެ އިތުރުން އޭނާގެ އަންހެނުންނާއި އެ ދެމަފިރިންގެ ހަތަރު ކުދިން ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، ޝަފީއު އޭނާގެ އަނބި ދަރިން ގޮވައިގެން އަފްޣާނިސްތާނަށް ގޮސްފައި ވަނީ 2018 އަހަރުގެ ޖޫން މަހުގެ ތެރޭގައި ސްރީލަންކާއަށް ބޭސް ފަރުވާއަކަށް ދިޔުމަށްފަހު އެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ޕާކިސްތާނު މަގުން އެ އާއިލާ އަފްޣާނިސްތާނަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ފުލުހަށް ވަނީ ލިބިފަ އެވެ.

ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ޝަފީއު އަކީ އޭނާގެ ކުރީގެ އަނބިމީހާއާއި ދަރިފުޅު ގޮވައިގެން 2015 ވަނަ އަހަރު ސީރިއާއަށް ދާން އުޅެނިކޮށް އެއާޕޯޓުން ހިފަހައްޓާފައިވާ މީހެކެވެ. އަދި ހަމަ އެ އަހަރު ބ. ހިބަޅިދޫގެ ފަޅު ތެރެއިން ފެނުނު ހަތިޔާރާ ގުޅުން ހުރި ތަކެތި ފެނިގެން، ޝަފީއު ހައްޔަރުކުރި ކަމަށާއި، ނަމަވެސް، ހެކި ނެތުމުގެ ސަބަބުން އޭނާ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި، އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ވާގި ދޭ ޖަމާއަތަކާ ގުޅިގެން ޝަފީއު އާއި އޭނާގެ އަނބިދަރިން ހައްޔަރު ކުރި މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

އަދި އޭނާގެ މައްޗަށް ޝަރީއަތް ކުރެވި، ޓެރަރިޒަމްގެ ކުށް ސާބިތުވެ، 21 އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން 2019 ވަނަ އަހަރުގެ ފެބްއަރީގައި ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް އަފްޣާނިސްތާނަށް ދިޔަ އެވެ. އެ ޓީމުގައި ހިމެނޭ ފުލުހުން ޝަފީއުގެ އާއިލާއަށް އަނިޔާކޮށް ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ބަޔަކު ދަނީ ފަތުރަމުންނެވެ.

އެ ވާހަކަތަކާއި ގުޅިގެން ފުލުހުން މިރޭ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިންސާނީ ކަރާމާތަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. މިފަދަ ދޮގު ވާހަކަތައް ފަތުރާ ފުލުހުންނާމެދު ނަފްރަތު އުފައްދާ މުވައްޒިފުން ނުރައްކަލަށް ހުށައެޅޭ ގޮތަށް ވާހަކަ ދައްކާ ސޯޝަލް މީޑިއާގައި ވަކިވަކި ޕޯސްޓްތައް ކުރަމުންދާ މީހުންގެ މައްސަލަތަކާއި ހަގީގަތެއް ނެތް ވާހަކަތަކަށް ހިތްވަރުދޭ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފަ އެވެ.