އަހުމަދު މަހްލޫފު

މަހުލޫފުގެ މައްސަލަ އަނބުރާ ފޮނުވާލައިފި

Jun 18, 2021
3

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލާގައި ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރު އަހްމަދު މަހްލޫފަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.

‎މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ އޭގައި ބޮޑެތި ގާނޫނީ މައްސަލަތައް ހުރުމާއި ގުޅިގެންނެވެ. މި މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

‎މި މައްސަލާގައި ބައެއް ފަރާތްތަކުގެ ހެކި ބަސް ނަގާފައިވަނީ ގާނޫނާއި ހިލާފަށްކަން އެނގިފައިވެއެވެ. އަދި ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ވައިބާ ގްރޫޕެއްގައި ދައްކާފައިހުރި ވާހަކަތަކެއް ކަމަށް ބުނާ ޗެޓްލޮގްގެ ޗެއިން އޮފް ކަސްޓޮޑީއެއް ނެތުމުގެ އިތުރުން ސީދާ އޭސީސީއިން މި މައްސަލާގައި ދައުވާކުރަން ފޮނުވުން ފަދަ ކަންކަމާމެދު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ ވަކީލުން މައްސަލަ ފޮނުވާލުމުގެ ކުރިން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވަރަށް އިތުބާރު ހުރި ފަރާތަކުން އަވަސްއަށް ކަށަވަރުކޮށްދީފައިވެއެވެ.

‎މި މައްސަލައިގެ ތަހުގީގު ކުރިން ކުރިޔަށް ގެންދިޔައިރު ވެސް މިކަންކަން ރަނގަޅު ކުރުމަށް ޕީޖީއިން ކޮމިޝަނަށް ލަފާދީފައިވާކަން ވެސް ވަނީ އެނގިފައެވެ. މި މައްސަލައާ ގުޅިގެން މީގެ ކުރިން މަހްލޫފް ވަނީ ކަންކަން ކުރަމުންދާ ގޮތާއި މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ނަމަވެސް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މައްސަލަ އަނބުރާ ފޮނުވާ ނުލާ ކަމަށާ އޭސީސީއާ ބައެއް ކަންކަމުގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އޮފިޝަލް އެހެން ވިދާޅުވި ނަމަވެސް "ލިޔެކިޔުންތަކާއެކު މައްސަލަ އަނބުރާ ފޮނުވާލާ" ކަމަށް ބަޔާންކޮށް ޕީޖީން އޭސީސީއަށް ސިޓީއެއް ފޮނުވިކަން ވަނީ ޔަގީން ކުރެވިފައެވެ.

މިކަމާއި ގުޅޭގޮތުން އޭސީސީގެ ބަހެއް ލިބިފައެއް ނުވެއެވެ.

‎މި މައްސަލައާ ގުޅިގެން މަހްލޫފް މީގެ ކުރިން ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ފެށުނު ހިސާބުން ފެށިގެން ވެސް އޭނާއާ މެދު އަމަލުކުރަމުންދަނީ ޒާތީކޮށް ސިޔާސީގޮތުން ކަތިލާ "ކަންބަޅި" އެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަމުންދަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަން އެންމެ އިސްވެރިންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވެއެވެ. މިކަން ކުރަމުންދާ ހަމައެކަނި ބޭނުމަކީ މަގާމުން ވަކިކުރުން ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

‎އޭސީސީއަށް އަށް ދައުވާ ކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް މި މައްސަލައިގަ ލިބިގެން ނުވާ ކަމަށާއި އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފުވާ ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.

‎އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދުމާއެކު އެ ކޮމިޝަނާއި އޭސީސީ އަދި ޕީޖީގެ އިތުރުން ފުލުހުންނާ ގުޅިގެން އެކުލަވާލާފައިވާ އަމިއްލަ އުސޫލުގައި ވެސް ދައުވާކުރަން ފޮނުވަން ޖެހެނީ އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ. އަދި މީގެ ކުރިން ބައެއް ފަރާތްތަކަށް ކޮމިޝަނުން ދައުވާކުރަން ފޮނުވާފައިވާއިރު މިމައްސަލައިގަ މަހްލޫފްގެ މައްސަލާގައި ދައުވާކުރަން ޕީޖީއަށް ފޮނުވީ އޭސީސީއިންނެވެ.

‎އެސެޓް ރިކަވަރީ ކޮމިޝަން އުފައްދާފައިވަނީ ޖަނަވަރީ 2012 އިން ފެށިގެން ނޮވެންބަރު، 17 2018 ގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީއެވެ. އަދި އެ ފަދަ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވަނީ އެފަދަ މައްސަލަތައް ތަހުގީގުކޮށް އިންސާފު ގާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީ ކަމަށް ވެސް ނޮވެމްބަރު، 17 2018 ގައި ކޮމިޝަން އެކުލަވާލަމުން ނެރުއްވާފައިވާ ރައީސްގެ ގަރާރުގައިވެއެވެ.

‎މަހްލޫފް މައްޗަށް ދައުވާކޮށްފައި ވަނީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕްރޮގްރެސިިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 (ތެއްތިރީސްހާސް) އެމެރިކާ ޑޮލަރު ލިބިފައިވާކަން އެނގޭ ކަމަށް ބުނެއެވެ.