އަހުމަދު މަހްލޫފު

އަޅުގަނޑަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން: މަހްލޫފް

އޭސީސީން އޭނާއާ މެދު އަމަލުކުރަމުންދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް، އޭސީސީގެ ރައީސް މަރިޔަމް ޝިއުނާގެ އިސްތިއުފާ އަށް ގޮވާލައްވައިފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ މިނިސްޓަރު މަހްލޫފަށް ލިބިފައިވާ ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެެވެ. ނަމަވެސް ރޭގައި ބައެއް ނޫސްތަކުން ވަނީ އެ މައްސަލަ ޕީޖީ އޮފީހުން އަނބުރާ އޭސީސީ އަށް ފޮނުވާލާފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. އެކަމަކު ޕީޖީ އޮފީހުން މިއަދު އެ ވާހަކަތައް ދޮގުކޮށްފައިވެ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު އަވަސް އަށް ވިދާޅުވީ މިނިސްޓަރު މަހްލޫފަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ފޮނުވާފައިވާ މައްސަލަ ޕީޖީ އޮފީހުގައި އެބައޮތް ކަމަށާއ އެ މައްސަލަ އަނބުރާ ފޮނުވާލި ކަމަށް ބުނާ ވާހަކަތަކަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.

"މައްސަލަ މި އޮފީހުގައި ބާއްވާފައި ކުރިން ވެސް އިސްލާހު ކުރުމަށް ދެންނެވި ބައެއް ކަންކަން އިސްލާހުކުރުމަށް ދެންނެވީ. އަދި އިތުރު ބައެއް ލިޔުންތައް ބޭނުންވާތީ ހުށަހެޅުމަށް [އޭސސީ އަށް] ދެންނެވީ،" އޮފިޝަލް ވިދާޅުވި އެވެ.

މަހްލޫފްގެ މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވާލާފައި ނުވާ ކަން ޕީޖީ ހުސައިން ޝަމީމް ވެސް ރޭ ވަނީ އަވަސް އަށް ޔަގީންކޮށްދެއްވާފަ އެވެ.

މިނިސްޓަރު 'މަހްލޫފްގެ މައްސަލަ އަނބުރާ ފޮނުވާލައިފި' ކަމަށް ބުނެ ރޭ 'އަވަސް' ގައި ޖެހި ހަބަރެއް ޝެއާ ކުރައްވަމުން މަހްލޫފް މިއަދު ވިދާޅުވީ އޭނާގެ މައްސަލަ އޭސީސީން ޕީޖީ އޮފީހަށް ފޮނުވި ދުވަހު ބޮޑު ބަޔާނެއް ނެރެފައި މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލުމުން "ތިބެނ ހަނު" ކަމަށެވެ.

މަހްލޫފް ތުހުމަތުކުރައްވާ ގޮތުގައި އޭސީސީން އޭނާގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ވެސް ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނުކޮށެވެ.

"މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ،" އޭސީސީއަށް ފާޑު ވިދާޅުވަމުން ވިދާޅުވެފައިވެ އެވެ.

އޭސީސީގެ ރައީސް ޝިއުނާ ވެސް މަހްލޫފް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ އޭނާ އަކީ "ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން" ކަމަށެވެ.

"ކަންކުރަން ނޭގެންޔާ އިސްތިއުފާ ދެއްވީމާ މާރަނގަޅު ވާނެ،" ޝިއުނާގެ އިސްތިއުފާ ގޮވާލައްވަމުން މަހްލޫފް ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން މިމަހުގެ ނުވަވަނަ ދުވަހު ފޮނުވާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

މަހްލޫފްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށްފަހު އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މަހްލޫފަށް 33،000 އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި އެއީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ދެއްކުމަށް މަހްލޫފް މަސައްކަތްތަކެއް ކުރެއްވި ކަމަަށާއި ނަމަވެސް ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާ އަށް ބަލާއިރު އެއީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އަތުން ހޯއްދަވާފައިވާ ރިޝްވަތުގެ ފައިސާ ކަން އެނގޭ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އޭސީސީން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލް ފާސްކުރުމަށް މަޖިލީހުގައި ނެގުނު ވޯޓުގައި އޭރު މަޖިލިސް މެންބަރަކަށް ހުންނަވައިގެން މަހްލޫފް ވޯޓު ދެއްވާފައިވާ ކަމަށާއި އޭނާއަށް 33،000 އެމެރިކާ ޑޮލަރު ލިބުނީ އެކަމުގެ މުގާބިލުގައި ކަމަށެވެ. ވޯޓު ދެއްވުމަށް މަހްލޫފް މަޖިލީހަށް ވަޑައިގެންނެވީ މެލޭޝިއާގައި ހުންނެވުމަށްފަހު ކަމަށްވެސް ފާހަގަކޮށްފައިވެ އެެވެ.

އޭސީސީން ވަނީ މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް އުފުލައިދިނުމަށް އެެދިފަ އެވެ. އެގޮތުން އެދިފައިވަނީ ކޮރަޕްޝަންގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ ކޮށްދިނުމަށެވެ.

މި މައްސަލައާ ގުޅިގެން މަހްލޫފް މީގެ ކުރިން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ ފެށުނު ހިސާބުން ފެށިގެން ވެސް އޭނާއާ މެދު އަމަލުކުރަމުންދަނީ ޒާތީކޮށް ސިޔާސީގޮތުން ކަތިލާ "ކަންބަޅި" އެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަމުންދަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެެގެން ކަމަށާއި އެ ބައެއްގެ ބޭނުމަކީ އޭނާ މަގާމުން ވަކިކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

‎މަހްލޫފް އިތުރަށް ވިދާޅުވީ އޭނާ އަށް ތުހުމަތުކުރާ މައްސަލާގައި ދައުވާ ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް އޭސީސީއަށް އަށް ލިބިގެން ނުވާ ކަމަށެވެ. އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފުވާ ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެ އެވެ.