އެމްޑީޕީ

"ހަރުކަށި ފިކުރަށް އެކަނި އަމާޒު ކޮށްގެން ނުވާނެ"

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރި "ހައެއްފަހެއް" ގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށްދާއިރު އެއީ ހަރުކަށި ފިކުރާ އެކަނި ގުޅުން އޮތް ކަމެއްގެ ގޮތުގައި ބެލުން ރަނގަޅު ނޫން ކަމަށް ތަހުގީގު ކުރިއަށްދާ ގޮތް ބަލަން އެމްޑީޕީން އުފައްދާފައިވާ ހާއްސަ ކޮމެޓީގެ ޗެއާ ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "މޭ ހައެއް ކޮމެޓީ" ގެ ކޮމެޓީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ހަސަން ވިދާޅުވީ މި މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވާ އެންމެންނަކީވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށް ބެލެވުނު ނަމަވެސް ތަހުގީގު މުޅިން އެގޮތަށް ވިސްނައިގެން ކުރިއަށް ގެންދިއުން ރަނގަޅު ނޫން ކަމަށެވެ.

ހަސަން ވިދާޅުވީ މި މައްސަލާގައި އެންމެ ފުންމިނަށް ދިއުމަކީ މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށާ ހަމަލާ ދިން މީހުންނާއި އެކަމަށް ފަންޑު ކުރި މީހުން އަދި އެކަމަށް ހިތްވަރުދިން ބަޔަކު ތިބި ނަމަ އެ ބަޔަކުވެސް ދެނެގަންނަން ޖެހޭ ކަމަށެވެ.

"މި މައްސަލާގައި މިހާތަނަށް ހައްޔަރުކުރެވިފައިވާ ފަރާތްތަކަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް، އަޅުގަނޑަށް ހީވާގޮތުގައި ވަކި ބަޔަކަށް ނެރޯޑައުންކޮށްގެން މިކަންތައް ކުރިއަށް ގެންދެވޭކަށް ނެތް. އަޅުގަނޑުމެން ބަލަން ޖެހޭ މިކަމުގައި ދެން އުޅެނީ ކޮން ބައެއްތޯ، ކޮން ބައެއްގެ އިންޓްރެސްޓްގައިތޯ މިކަން ކުރެވުނީ މި ހުރިހާ ދިމާއަކުން އަޅުގަނޑުމެން ބަލައިގެން އަޅުގަނޑަށް ހީވާގޮތުން މިކަމުގެ އެންމެ އަޑިއަށް ދެވޭނީ،" ހަސަން ވިދާޅުވިއެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން ފަސް މީހަކު ހައްޔަރު ކޮށްފައިވެއެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

ހަމަލާގެ އިސް މީހަކީ އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ. ހަމަލާ ދިނުމަށް ބޭނުންކުރި އައިއީޑީ ގޮއްވާލާފައިވަނީ އަދުހަމް އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. ފާތިހް އަކީ ހަމަލާ ދިން ތަނުގައި ސައިކަލް ބެހެއްޓި މީހާ އެވެ. މުޖާޒް ހައްޔަރުކޮށްފައިވަނީ ހަމަލާ ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.

އަދުހަމް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ހުޅުމާލޭގެ ފްލެޓް (95-ޖީ-02) ގައި ހުއްޓާ މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މުޖާޒް ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ގ. ފެހިދޯދިގޭގައި ކުއްޔަށް ދީފައިވާ ތަނަކުން މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ހުޅުމާލެ އިން ތަހުމީން ވެސް ހައްޔަރުކުރީ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ބ. ދަރަވަންދޫ އިން ފާތިހު ހައްޔަރުކުރީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހުގެ ރެ އެވެ.

ފަސްވަނަ މީހާގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ.

ކޮމެޓީން މިހާރު ވަނީ މަޖިލީހުގެ 241 ކޮމެޓީ އާއި ފުލުހުންނާއި ސިފައިންނާއި ރައީސް އުފެއްދެވި އިންޓެލް ކޮމެޓީ އާއި ރައީސް އައްޔަން ކުރެއްވި މަންދޫބާއި ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލު ކުރެއްވުމަށް ނިންމާފައެވެ. އަދި އެކަމަށް އެދި ވަރަށް އަވަހަށް އެޕޮއިންޓްމަންޓަށް އެދޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ގައުމީ މަޖިލީހުގެ 100 މެންބަރުންގެ ވޯޓާއެކު ޖޫން 10 ވަނަ ދުވަހުގެ ރޭ އުފެއްދި "މޭ ހައެއް ކޮމެޓީ" ގައި ހިމެނިވަޑައިގަންނަވަނީ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން މެންބަރަކާއި ވިލުފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ މެންބަރު ހަސަން އަފީފް އާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އެވެ. ނަޝީދުގެ ފަރާތްޕުޅުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީން ޝަފީގް މިވަގުތު ހިމެނިވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ ވިސްނުންފުޅަކީ ކޮމަންވެލްތްގެ ގައުމެއްގެ މިފަދަ މައްސަލަތަކުގެ ތަޖުރިބާ ހުރި ބޭފުޅަކު ހޯއްދެވުމެވެ. އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.