ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސްގެ ގެކޮޅުގައި އުޅެވޭނެ މީހުން ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހަމަޖައްސާ ގެކޮޅުގައި ރައީސްގެ ދަަރިންގެ ތެރެއިން ކައިވެނި ނުކުރާ ދަރިންވެސް ދިރިއުޅެވޭނެ ގޮތް ހަދަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ފާސް ކޮށްފި އެވެ.

މަޖިލީހުގެ ރައީސަށް ހާއްސަ ގެކޮޅެއް ހަމަޖެއްސުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް 241 ކޮމެޓީއަށް ފޮނުވީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ރައީސްގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއެއް މަޖިލީހުން ހަމަޖައްސައިދޭން ޖެހޭނެ އެވެ. ރައީސްގެ އާއިލާގެ ގޮތުގައި ހިމަނައިފައި ވަނީ ރައީސާއެކު ދިރިއުޅޭ އަނބިމީހާ ނުވަތަ ފިރިމީހާ އާއި ދަރިންގެ އިތުރުން މަންމަ އާއި ބައްޕަ އެވެ.

ނަމަވެސް ދަރިންގެ ތެރޭގައި 18 އަހަރު ނުފުރޭ ދަރިންނާއި 18 އަހަރު ފުރުނަސް ކައިވެނި ނުކޮށް ތިބޭ ދަރިިންނާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިން ވެސް ހިމެނޭގޮތަށް މަޖިލީހުގެ ރައީސަށް ކަނޑައަޅާ ގެކޮޅުގައި ދިރިއުޅެވޭނެ ގޮތަށް އިސްލާހު ގެންނަން ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސް ކޮށްފަ އެވެ.

އެގޮތަށް އެ އިސްލާހު ގެންނަން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ގޮތުގައި ވެސް އެގޮތަށް މިހާރު ވެސް އޮތުމުން ތިންބާރުގެ ވެރިންނަށް ގެކޮޅު ހަމަޖައްސާ އިރު ހަމަހަމަކޮށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް 241 ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ބުނެފައި ވެއެވެ.

މަޖިލީހުގެ ރައީސަށް ވެސް ރަސްމީ ގެކޮޅު ހަމަޖައްސަން ސަރުކާރުން ނިންމީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެންނެވެ.

މަޖިލީހުގެ ރައީސްއަށް ގެކޮޅު ހަމަޖައްސަން ހުށަހެޅިއިރު އުއްތަމަ ފަނޑިޔާރަށް ވެސް ހާއްސަ ގެކޮޅެއް ހަމަޖައްސަން ބިލެއް ވަނީ ހުށަހަޅާފަ އެވެ.