ރައްޔިތުންގެ މަޖިލިސް

އެސްޖީ އައްޔަނުކުރުމާ ގުޅޭ ދެ ބިލު އަނބުރާ ގެންގޮސްފި

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެެނެރަލް (އެސްޖީ) އައްޔަން ކުރާ އުސޫލަށް ބަދަލު ގެންނަން ހުށަހެޅި ދެ ބިލު އަނބުރާ ގެންގޮސްފި އެވެ.

ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ގޮތުގައި ހުންނަވާ އެސްޖީ، ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކުރާ ގޮތަށް ބަދަލު ކުރަން ލާމަރުކަޒީ ގާނޫނާއި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސައީދު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ އެ ދެ ބިލުވެސް ސައީދު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. ގެންދިޔަ ވަކި ސަބަބެއް ރިޔާސަތުން ވިދާޅުވެފައެއް ނުވެ އެވެ.

އަނބުރާ ގެންދިޔަ ދެ ބިލުގެ ބޭނުމަކީ ސިވިސް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ފާޅުކަން ބޮޑު ގޮތެއްގައި ހުޅުވާލައި އެކަށީިގެންވާ ހަމަހަމަ ފުރުސަތުތަކެއް ހުރިހާ އެންމެނަށްވެސް ހޯދައިދިނުން ކަމަށް ސައީދު ކުރިން ވިދާޅުވެފައިވެ އެވެ. ހަަމަ އެހެންމެ ސިވިލް ސާވިސްގެ ގާނޫނުގައި ބުނެފައިވާ ގޮތަށް ސިޔާސީ ގޮތުން ވަކި އަތަކަށް ނުޖެހި އަދި ވަކި ފަރާތެއްގެ ރުހުން ހޯދަން މަސައްކަތް ނުކުރާ ޕްރޮފެޝަނަލް މިންގަނޑަކުން ހިދުމަތް ފޯރުކޮށްދިނުމުގެ އުސޫލެއް ތައާރަފްކުރުމަކީ ވެސް ބިލްގެ ބޭނުމެއް ކަމަށް ވިދާޅުވެފައިވެ އެވެ.

މިހާރު އޮންނަ އުސޫލުގެ ދަށުން އެސްޖީގެ މަގާމަށް މީހުން ހޯދުމަށް އިއުލާން ކުރަނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. އަދި އެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އިންޓަވިއު ކުރުމަށްފަހު ނަންތައް ޝޯޓް ލިސްޓުކޮށް ސީއެސްސީން ކައުންސިލަށް ހުށަހަޅަ އެވެ. އެއަށްފަހު ކައުންސިލުގެ ލަފާގެ މަތިން އެސްޖީގެ މަގާމަށް މީހަކު އައްޔަނުކުރެ އެވެ. ނަމަވެސް އަލަށް ގެންނަ އިސްލާހުގައި ކައުންސިލްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ވަނީ ހުށަހަޅާފަ އެވެ.

ސައިދު ހުށަހެޅުއްވި މި ދެ ބިލަށް ބަހުސް ކުރި މަރުހަލާގައި އިދިކޮޅު މެންބަރުންނާއި އަދި ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރުން ވެސް ވަނީ ބިލާ ދެކޮޅަށް ވާހަކަދައްކަވާފަ އެވެ. އެ ދެ ބިލު ފާސްވެއްޖެނަމަ ލާމަރުކަޒީ ނިޒާމު އެފުށް މިފުށަށް ޖެހިދާނެ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވެފައިވެ އެވެ.