މީހުން

ސުޕަހީރޯއެއް ނެތް ދިވެހި ސިނަމާގެ ސުޕަވިލަން!

އެންމެ ފުރިހަމަ އެކްޓަރުން ދިވެހި ފިލްމީ ދާއިރާ އިން ފެނުމަކީ މަދުން ނޫނީ ނުވާ ކަމެކެވެ. ވާނީ ވެސް އެހެންނެވެ. މިތަނުގައި މި އުޅެނީ ޕްރޮފެޝަނަލް ޓްރެއިނިން ލިބިގެން އެކްޓްކޮށް އުޅޭ ބައެއް ނޫނެވެ. މިކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން އުފަންވެފައި ތިބި ފިލްމު ސްޓާރުންނެވެ.

ފަހަރެއްގައި ބައެއް މީހުން ބޭނުންވާ ފެންވަރުގެ މޮޅު ހުނަރުވެރިޔަކަށް އެންމެން ނުވަނީ ވެސް މި ސަބަބާ ހެދި އެވެ. ދެން ވެގެންދާ ގޮތަކީ، ހީކުރާ ފެންވަރު ދެއްކޭ ދާއިރާއަކަށް ދިވެހި ސިނަމާ ނުވުމުން އެތަނުގައި އުޅޭ އެންމެން މި ތިބެނީ އަގެއް ނެތް ބަޔަކަށް ވެފަ އެވެ.

ބައެއް މީހުންގެ ނަޒަރުގައި ދިވެހި ސިނަމާގެ އެކަކަކީ ވެސް މޮޅު މީހެއް ނޫނެވެ.

އާދަޔާހިލާފަށް ހުނަރުވެރި މީހާ އަށް ވެސް އޮންނަނީ މި ދެންނެވި ހިޔަނި އެޅިފަ އެވެ. އެމީހަކީ ހުނަރުގެ ގޮތުން ކިތަންމެ މޮޅު މީހަކަށްވިޔަސް އެކަން އޮންނަނީ ގިނަ ފަހަރަށް ފާހަގަނުކުރެވި، އަގުވަޒަން ވެސް ނުކުރެވިފަ އެވެ.

އެގޮތަށް ފޮރުވިފައިވާ އެއް ހުނަރުވެރިޔަކީ އެކްޓަރު އަހުމަދު ސައީދެވެ. މިއީ ދިވެހި ސިނަމާއިން މަދުން ނޫނީ ނުފެންނަ ފެންވަރުގެ ހުނަރުވެރިކަމެއް ލިބިފައިވާ އެކްޓަރެކެވެ.

އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ "އަހުޝަމް" އަކީ ވެސް ސައީދުގެ ގަދަފަދަ ރޯލެއް ހިމެނޭ ފިލްމެކެވެ. ފިލްމުގައި ކުޅެފައިވާ ރޯލުން އެންމެފަހުން އެވޯޑެއް ލިބިގެންދާނެ ކަމުގެ އުއްމީދެއްގައި އޭނާ ހުރިއިރު މި އެވޯޑެއް ލިބިއްޖެ ނަމަ އެ ޝަރަފެއް ވެގެންދާނީ އޭނާގެ ފިލްމީ ހަޔާތުގައި އަމިއްލަ ނަމަށް ލިބޭ އެންމެ ބޮޑު ކާމިޔާބީ އަށެވެ.

ފިލްމީ ދާއިރާގައި މެދުނުކެނޑި، އެއް ފެންވަރެއްގައި 18 އަހަރު ހޭދަކޮށްފައިވިޔަސް ސައީދަކީ އަބަދުވެސް "އާދައިގެ އެކްޓަރެއް" ގެ ގޮތުގައި ލޭބަލްކުރެވިފައިވާ ފަރާތެކެވެ. ނަމަވެސް ދިވެހިން އުފެއްދި އެންމެ މުހިންމު އަދި އެންމެ ކާމިޔާބު ޓީވީ ޑްރާމާތަކުން ފެށިގެން ފިލްމުތަކުގައި ވެސް ސައީދަކީ އާދަޔާހިލާފު އެތައް ކެރެކްޓާއެއް ނިކަން ފުރިހަމަ ގޮތަކަށް ހުށަހަޅައިދީފައިވާ އެކްޓަރެކެވެ.

އޭނާގެ މިކާމިޔާބީގެ ސިއްރަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އޭނާ އަކީ ލިބުނު ކޮންމެ ކަހަލަ ރޯލަކުން ވެސް ފުއްދާލައިގެން ހުންނަ އެކްޓަރަކަށް ވުމެވެ.

ސައީދުގެ މި އާދަޔާހިލާފު ކެރިއަރެއްގެ ފެށުމަކީ 1997 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ޓީވީއެމުން ދެއްކި އާސިމް ތައުފީގުގެ ލަވައެކެވެ. އެކަމަކު އެ ލަވައިގެ ތަރިންގެ ތެރޭގައި ސައީދެއް ނުހިމެނެ އެވެ. އޭނާ އަކީ "އެކްސްޓްރާއެކެވެ".

"އޭރުގެ އެންމެ މަޝްހޫރު އެއް ދެ ތަރިން ކަމުގައިވާ ޖަމްބު ހަސަން އަފީފާއި މަރިޔަމް ނިޝާ ލީޑް ރޯލު ކުޅުނު އެ ލަވައިން އަޅުގަނޑަށް ކުޅެލަން ލިބުނީ ކުޑަކުޑަރޯލެއް. މިސާލަކަށް ލަވައިގެ ދިގު މިނަކީ ފަސް މިނެޓް ކަމުގައިވާ ނަމަ މިނެޓަކާއި ބައިން އަޅުގަނޑު ފެންނާނީ،" އެ ލަވައިން ފުރުސަތު ލިބުނު ދުވަސް އިއްޔެވީ ކަމެއްހެން އަދިވެސް ހަނދާނުގައި އެބަހުރި ކަމަށް ބުނެ ވާހަކަ ދައްކަމުން ސައީދު ކިޔައިދިނެވެ.

އެ ލަވަކުޅެގެން އޭނާ އަށް ލިބުނީ 300ރ. އެވެ.

ކުރީގެ މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) އިން ތައުލީމު ހާސިލުކުރި ސައީދަކީ ލަވައެއްގެ މި ދެންނެވި ތަންކޮޅުން ފިލްމީ ދާއިރާ އަށް ތައާރަފްވުމުގެ ކުރިން އޭނާގެ ސްކޫލްގެ ހަޔާތުގައި ވެސް ކޮންމެވެސް ވަރަކަށް އެކްޓްކޮށް ޑްރާމާ ކުޅެ އުޅުނު ފަރާތެކެވެ. އެހެން ނަމަވެސް އޭރު ވެސް ފާހަގަކޮށްލެވޭ "އެކްޓަރެއް" ނޫނެވެ.

އޭރު އެމްއީއެސްގައި އެންމެ މަޝްހޫރީ ފަހުން މުހައްމާކަލޯގެ ގޮތުގައި ފިލްމީ ދާއިރާގައި މަޝްހޫޜުކަން ހޯދި ކޮމެޑީ އެކްޓަރު މުހައްމަދު އަބްދުﷲ ގެ ކޮމެޑީ ސްކެޗުތަކެވެ. ސައީދުމެން ކުޅުނު ސީރިއަސް ޑްރާމާތައް މީހަކު ފާހަގައެއް އަދި ހަނދާނެއް ވެސް ނުކުރެ އެވެ.

މި ސިލްސިލާއެއް މިފަދަ ގޮތަކަށް ނިމިގެން ދިޔަ ނަމަވެސް މުނިފޫހިފިލުވުމުގެ ދާއިރާ އަށް ސައީދުގެ ހިތުގައި އުފެދިފައި އޮތް ޝައުގުވެރިކަން ފަނޑުވި ޒަމާނެއް އޭނާގެ ހަޔާތަށް ނާދެ އެވެ.

"އޭރު ވެސް އެންމެ ކުރިން ވެސް ހިތަސް އަރާ ކަމެއް އޮވޭ. މިސާލަކަށް މިހެން ދުނިޔޭގައި އުޅެފައި ނިމިގެންދާއިރު އަޅުގަނޑަކީ ވެސް އުޅުނު މީހެއްކަން ދެން އަންނަ މީހުންނަށް އެނގޭ ކަހަލަ ކަމެއް ކުރަން. އޭރަކު ދެން ރާއްޖޭގައި މީހުން ޕޮލިޓިކްސްއެއް ނުވާނެ. އެހެންވީމަ ހުރިހާ ޝައުގުވެރިކަމެއް ދެވުނީ މުނިފޫހިފިލުވުމުގެ ދާއިރާ އަށް،" މާ ކުރީގެ ހަނދާންތަކެއް ކުލަކޮށްލަމުން ސައީދު ބުންޏެވެ.

ފިލްމު ސްޓާރަކަށް ބަދަލުވުމުގެ ކުރިން ސައީދަކީ ފިލްމު ޓޭޕުތަކުގެ ފޯރި މާލެތެރޭގައި ގަދަވި ދުވަސްވަރު ފިލްމު ކުއްޔަށް ދޫކުރާ ތަނެއް ވެސް ހިންގި ފަރާތެކެވެ.

"އޭރު ވަރަށް ގިނައިން ފިލްމު ބަލަން. މާލެ އަށް އާ ފިލްމެއް އަންނައިރަށް އެ ފިލްމެއް ބަލާނަން އަޅުގަނޑު. އޭރު މާލެއަކަށް ނުގެނޭވެ އަޅުގަނޑު ނުބަލާ ހިންދީ ފިލްމެއް. ސްކޫލްގައި އުޅެފައި ހުސްގަޑިއެއް ލިބޭ އިރަށް ވެސް އޮންނާނީ ފިލްމު ބެލުން،" ސައީދު ބުންޏެވެ.

ފިލްމާއި ފިލްމީކަންކަމަށް އޭނާގެ ހިތުގައި ދެވިފައި އޮތް މި ޝައުގުވެރިކަމެއްގެ ބޮޑުކަމުން އެ ދާއިރާ އިން ކުރިއަށް ދާން ލިބުނު އެންމެ ހަނި ފުރުސަތުގައި ވެސް އޭނާ ހިފީ އެވެ. އެއީ ފުރަތަމަ "އެކްސްޓްރާއެއް" ގެ ގޮތުގައި ކުޅުނު ވީޑިއޯ ލަވަ އެވެ.

"އަޅުގަނޑު މި ދާއިރާ އަށް ނުކުތްއިރު ކޮންމެ މީހަކު ވެސް ބޭނުންވަނީ ލީޑްރޯލު ކުޅެން. އެއްވެސް މީހަކު ބޭނުމެއް ނުވޭ އާދައިގެ ކުދި ރޯލުތަކެއް،" ސައީދު ބުންޏެވެ.

"އެހެން އުޅެނިކޮށް އަޅުގަނޑު ގާތަށް އަންނަނީ ޑައިރެކްޓަރު އަބްދުލް ފައްތާހު. އޭނާ އަޅުގަނޑު ގާތު ބުނީ އޭނާ ބުނާ ރޯލެއް ކުޅެފި ނަމަ މީހުން ސައީދު ވަރަށް ބޮޑަށް ބަލައިގަންނާނެއޭ. ފައްތާހު އެގޮތަށް އަޅުގަނޑު ގާތަށް އައީވެސް ލީޑްރޯލު ނޫން އެހެން ރޯލެއް ކުޅޭނެ މީހަކު ހޯދަން އުނދަގޫވެގެން."

ކޮންމެއަކަސް ސައީދުގެ ނަސީބަކަށްވީ އެހެން ތަރިން އެހާ ކުޅެން ބޭނުންނުވި އާދައިގެ ރޯލުތަކެވެ. ފައްތާހުގެ ހުށަހެޅުން ގަބޫލުކޮށް އޭނާގެ ޓީވީ ޑްރާމާ "ތީއޭ މިހިތުގެ ވިންދަކީ" ގެ ސަޕޯޓިން އެކްޓަރެއްގެ ގޮތުގައި ދެ އެޕިސޯޑަކުން ފެނިލިތަނުން ސައީދު ތަރިއެއްހެން އަރައިގެން ގޮސް މުޅި ރާއްޖެ އަށް މަޝްހޫރުވީ އެވެ.

އެއަށް ފަހު ފިލްމީ ދާއިރާގެ "ސުޕަސްޓާރަކަށް" ނުވަތަ އެންމެ އަގުބޮޑު އެކްޓަރުންގެ ލިސްޓަށް އޭނާގެ ނަން ނޭރިޔަސް އެފަދަ އެކްޓަރުންނާ ވާދަކުރުމުގެ ރޭހުގައި އޭނާ ދެން ފަސްއެނބުރި ބަލައެއް ނުލަ އެވެ. އަރައިގެން ދިޔަގޮތަށް ގޮސް ފިލްމީ އުދަރެހަށް އަރައި ބަބުޅަން ފެށީ އެވެ.

އެއަށް ފަހު ފައްތާހުގެ މަޝްހޫރު ޓީވީ ޑްރާމާތައް ކަމުގައިވާ "ކުރަމޭ ވަދާއީ ސަލާމް" އާއި ހިނިތުންވެލާށޭ ކަލާ" ފަދަ އާދަޔާހިލާފު މަސައްކަތްތަކުން ސައީދުގެ ނިކަން އާދަޔާހިލާފު ރޯލުތައް ފެނިގެން ގޮސްފައިވެ އެވެ. ފިލްމުތަކަށް ބަލާއިރު "ލޫދިފާ" އާއި "އިންސާފު" އަދި "އަހުޝަމް" އަކީ ސައީދު އޭނާގެ ފިލްމީ ހަޔާތުން ފާހަގަކުރާ ބޮޑު މަސައްކަތްތަކެވެ.

އެކަމަކު އޭނާގެ މި ހުރިހާ ކާމިޔާބީއަކަށް ބަލާއިރު ވެސް ފާހަގަކޮށްލެވޭ އެއް ކަމެއް އެބައޮތެވެ. ސައީދަކީ އަބަދުވެސް "އެންމެ ނުބައި މީހާ" އެވެ. އެކްޓަރެއްގެ ގޮތުގައި ގޯހީކީއެއް ނޫނެވެ. އެކަމަކު އޭނާ އާންމުކޮށް ކުޅެނީ "ނުބައިބައި" ރޯލުތަކެވެ.

މިސާލަކަށް އޭނާގެ އެންމެ ކާމިޔާބު ޑްރާމާތަކާއި ފިލްމުތަކަށް ބެލިޔަސް މިހުރިހާ މަސައްކަތްތަކެއްގައި ވެސް ކުޅެފައި ވަނީ ނެގެޓިވް ރޯލެވެ. "އަހުޝަމް" ގައި އޭނާ އަކީ ސިޔާސީ އަންޑަބޮސް އެކެވެ. ފިލްމު "އިންސާފު" ގައި އޭނާ އަކީ ކޮރަޕް ޕޮލިހެކެވެ. ފިލްމު "ލޫދިފާ" ގައި އޭނާ އަކީ މަކަރާއި ހީލަތުން ފައިދާ ހޯދާ ކޮން އާޓިސްޓެކެވެ.

ފައްތާހުގެ އެންމެ މަޝްހޫރު ޑްރާމާތަކުގައި ވެސް ކުޅެފައި ވަނީ މުޅިން ވެސް ނެގެޓިވް ރޯލުތަކެވެ. ފަހަރެއްގައި ސައީދުގެ އާދަޔާހިލާފަށް މޮޅު އެކްޓިން ބައެއް މީހުންނަށް ފާހަގަނުކުރެވިފައި އޮތް ސަބަބަކީ މިއީ ކަމަށް ވެސް ވެދާނެ އެވެ.

އޭނާ ބުނީ ނެގެޓިވް ރޯލުތައް ނުވަތަ އެފަދަ ސަޕޯޓިން ރޯލުތަކަށް އެކްޓަރުން ހޯދުމަކީ ފިލްމީ ދާއިރާގައި އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ. އެހެންވެ އޭނާ އަށް އެފަދަ ރޯލުތައް ލައްވާލަނީ ކޮންމެ ރޯލަކަށް ވެސް ތައްޔާރަށް ހުންނަ މީހަކަށް ވީމަ ކަމަށެވެ.

"އެކަމަކު އަޅުގަނޑު ބުނާނީ މީހާ ކޮންމެ ރޯލެއް ކުޅުނަސް ބެލުންތެރިންނަށް ކަމުދާ ފެންވަރަކަށް ހުށަހަޅައި ދެވިއްޖެ ނަމަ ބެލުންތެރިން އެ މީހަކު ބަލައިގަންނާނެ ކަމަށް،" ސައީދު ބުންޏެވެ.

"މެދުނުކެނޑި 18 އަހަރު ހޭދަކޮށްލެވުނީ މި ދާއިރާގައި މިހާރު. އަޅުގަނޑުގެ އެކްޓް ނުފެންނަ އަހަރެއް ނުދާނެ މި މުއްދަތުގައި. ލަވައެއް ނުކިކުންނަނަ ނަމަ ޑްރާމާއެއް. ޑްރާމާއަކުން ނުފެންނަ ނަމަ ފިލްމަކުން ފެންނާނެ."