ހަބަރު

ސިއްހީ ދާއިރާއިން އެވޯޑްތަކެއް ދޭން ނިންމައިފި

  • އެވޯޑްތައް ދޭނީ ދުނިޔޭގެ ސިއްހަތު ދުވަހު
  • ހިދުމަތުން ރިޓަޔާކޮށްފައިވާ ފަރާތްތަކަށް ވެސް އެވޯޑް ދޭނެ
  • ސިއްހީ ދާއިރާގެ ކުރިއެރުމަކީ ހިދުމަތްތެރިން

ސިއްހީ ދާއިރާގެ ހިދުމަތްތެރިންނަށް އެ މީހުން ކުރި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހެލްތް މިނިސްޓްރީ އިން އެފަދަ ފަރާތްތަކަށް އެވޯޑެއް ދޭން ނިންމައިފައިވާ ކަމަށް ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ، ބައިނަލްލަގުވާމީ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ ގެ މެންބަރަކަށް ވީތާ، 50 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އިރުތިޝާމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ވަނީ ކުޑަ ދުވަސްކޮޅެއްގައި ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައި ކަމަށެވެ. އަދި ބައިނަލްލަގުވާމީ ފެންވަރުގައި ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖެއިން ހޯދާފައިވަނީ ފާހަގަކޮށްލެވޭ ކަމިޔާބީތަކެއް ކަމަށް އެކަމަނާ ފާހަގަ ކުރެއްވި އެބެ. އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިފައިވާ ކާމިޔާބީތަކުގެ ފަހަތުގައި މިދާއިރާގައި ހިދުމަތް ކޮށްފައިވާ އަދި ކުރަމުންދާ މީހުންގެ ދައުރު ވަރަށް ބޮޑެވެ.

"އެގޮތުން އެފަރާތްތައް ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ހެލްތް އިން 7 އޭޕްރިލްގައި ފާހަގަ ކުރާ ދުނިޔޭގެ ސިއްހަތާ ބެހޭ ދުވަހު އެފަރާތްތަކަށް އެވޯޑެއް ދޭނެކަން މިއަދު އަޅުގަނޑު އިއުލާން ކުރަން،" އިރުތިޝާމް ވިދާޅުވި އެވެ.

އިރުތިޝާމްގެ ވާހަކަފުޅުގައި ރާއްޖޭއަކީ މަދިރިން ފެތުރޭ ބައްޔެއް ކަމަށްވާ މެލޭރިއާ އެއްގޮތަކަށް ވެސް ނެތް ގައުމެއް ކަމަށް ޑަބްލިއުއެޗްއޯ އިން އިއުލާން ކޮށްފައިވާ ކަން ފާހަގަކުރައްވާ އެއީ ކާމިޔާބީއެއް ކަމަށް ވެސް ވިދާޅުވި އެވެ. އެކަމުގައި ހެލްތް ވޯކަރުންގެ ދައުރު ބޮޑުކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ވޭތުވެ ދިޔަ ދެއަހަރު ތެރޭގައި ސިއްހީ ދާއިރާއިން ހޯދާފައި ހުރި ކުރިއެރުންތަކަށް މިނިސްޓަރު ވަނީ އަލިއަޅުވާލައްވައިފަ އެވެ. އެ ކުރިއެރުންތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އާސަންދައިން ބޭސް ލިބޭ ފާމަސީ ގާއިމް ކުރުމާއި އައިޖީއެމްއެޗްގެ ހިދުމަތްތައް ތަރައްގީ ކުރުމާ އަދި ހިތުގެ ބަލިތަކާއި އެހެން ވެސް ިދވެހިންގެ މެދުގައި އާންމު ބަލިތަކަށް ހިދުމަތް ދެވޭ ފެންވަރަށް އައިޖީއެމްއެޗް ތަރައްގީ ކުރުން ހިމެނެ އެވެ.

އޭނާ ވިދާޅުވީ ޑަބްލިއުއެޗްއޯގެ އެހީތެރިކަމާ އެކު ރާއްޖޭގެ ސިއްހީ ދާއިރާއަށް ގިނަ ބަދަލުތަކެއް ގެނެވުނެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމުގައި އެ ޖަމްއިއްޔާގެ ދައުރު ފާހަގަކޮށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.