މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ މާމިގިލި ބަނދަރުގެ އޮޕަރޭޝަން ހުއްޓާލައިފި

އެމްޕީއެލް އިން މާމިގިލީގައި ހިންގަމުން ގެންދާ އިންޓަނޭޝަނަލް ޕޯޓުގެ މަސައްކަތްތައް މިވަގުތަށް ހުއްޓާލައިފި އެވެ.

އަވަސް އަށް މިރޭ މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލްގެ މާމިގިލި ޕޯޓަށް މިދިޔަ ދެ ތިން އަހަރު އެއްވެސް ކާގޯ ބޯޓެއް ބަނދަރު ކުރަން ނުދާ ކަމަށެވެ. އެހެންކަމުން އެތަނުން އެއްވެސް ފައިދާ އެއް ނުލިބި އަބަދު ގެއްލުމުގައި ހިންގުމަކީ ކުރެވޭނެ ކަމަކަށް ނުވާތީ މިވަގުތު އެ ބަނދަރުގެ އޮޕަރޭޝަން ހުއްޓާލީ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް މަސައްކަތް ކޮށްފިން ވެސަލް ތަކެއް އެޓްރެކްޓް ކުރެވޭތޯ ވެސް. އެކަމަކު ވެސް ކޮވިޑްގެ ސަބަބުންނާއި ހާލަތު އޮތް ގޮތުން އަދި އެއްވެސް ވެސަލްއެއްގެ ޝައުގުވެރިކަމެއް ނެތް. ދެން އިންކަމެއް ޖަނަރޭޓް ނުވާތީ މިވަގުތަށް ސްކޭލްޑައުން ކުރަން ކުންފުނީގެ ބޯޑުން ވެސް މިއޮތީ ނިންމާފައި،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާމިގިލި ޕޯޓުގެ މަސައްކަތް މިވަގުތަށް ހުއްޓާލުމާ ގުޅިގެން މީގެ ދެ ދުވަހެއް ކުރިން މާމިގިލީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަން އަންގާފައިވާނެ ކަމަށެވެ. މާމިގިލީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެމްޕީއެލްގެ މަސައްކަތްތައް ހިނގަމުންދާ ކޮންމެ ބަނދަރަކަށް ވެސް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ފަހަރެއްގައި މުވައްޒަފަކު ބޭނުންވެދާނެ ރަށުގައި ހުންނަށް ވެސް. އަދި އެމްޕީއެލްގެ އެހެން ބަނދަރަކަށް ބަދަލުވާން ވެސް. އެހެންވެ މުވައްޒަފުންނަށް އެ ފުރުސަތު އަޅުގަނޑުމެން މިހާރު ވާނީ ދީފަ،" ޝާހިދު ވިދާޅުވި އެވެ.

މާމިގިލީގައި ހިންގަމުން ގެންދާ އިންޓަނޭޝަނަލް ޕޯޓުގައި މިވަގުތު މަސައްކަތް ކުރަމުން ދަނީ 35 މުވައްޒަފުންނެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މާމިގިލި ބަނދަރުގެ ބައެއްގައި އިންޓަނޭޝަނަލް ޕޯޓެއް ހެދުމަށް ކުރީގެ ސަރުކާރުން ނިންމާފައިވަނީ ވިޔަފާރީގެ ގޮތުން ފައިދާ ވާނެ ގޮތްތަކެއް ބެލުމަށްފަހުގައި ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން މިވަގުތު ސްކޭލްޑައުން ކުރި ނަމަވެސް ދެން އަޅުގަނޑަށްވެސް ހީވަނީ އެ ބަނދަރުގެ މަސައްކަތް އެއްކޮށް ހުއްޓާލުމާ ދިމާލަށްހެން މިދެވެނީ. އެކަމަކު މިވަގުތު ހުއްޓާލީކީ ނޫން. ބޯޑުން ނިންމާފައި މިއޮތީ ގެއްލުން ވާތީ މިވަގުތަށް ސްކޭލްޑައުން ކުރަން،" މާމިގިލި ޕޯޓު ކުރިއަށް އޮތް ދުވަސްތަކުގައި އެއްކޮށް ހުއްޓާލަން ޖެހިދާނެ ކަމުގެ އިޝާރާތެއް ދެއްވަމުން ޝާހިދު ވިދާޅުވި އެވެ.

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ވިލާ ގުރޫޕުން މާމިގިލީގައި ހަދާފައިވާ ބަނދަރުން ބައެއްގައި، ބައިނަލްއަގްވާމީ ވިޔަފާރި ބަނދަދެއް ހެދި ކަމަށް ނިންމާ، ކުރީގެ ސަރުކާރުން އެ ބަނދަރު ހިންގަން އެމްޕީއެލްއާ ހަވާލުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. ކުރީ ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ކޮންމެ އަހަރަކު ވެސް މާމިގިލީ ޕޯޓުން ދައުލަތަށް 8 މިލިއަން ރުފިޔާގެ ގެއްލުން ލިބެމުންދާ ކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

ފައްޔާޒު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މާމިގިލީ އިންޓަނޭޝަނަލް ޕޯޓް ކާމިޔާބު ކަމާއެކު ހިންގުމަށްޓަކައި އެމްޕީއެލްއާ އެކު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި އަމިއްލަ ބަޔަކާ ހަވާލުކޮށްގެންވެސް ކާމިޔާބު ކަމާއެކު އެ ބަނދަރު ހިންގޭނެ ގޮތެއް އޮތްތޯ ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވެގެން މަޝްވަރާތަކެއް ކުރެވުނު ޕޯޓްސްއާ އެކު އެތަން ސަކްސަސްފުލް ކުރެވިދާނެ ގޮތެއް އޮތްތޯ. އެކަމަކު އަދިވެސް އަޅުގަނޑުމެންނަކަށެއް ހިސާބު އަކުރުން އެއީ ކާމިޔާބު ގޮތަކަށް ހިންގި ދާނެ ތަނެއް ކަމަކަށް ނުފެނޭ މިވަގުތަކަށް. ދެން އެތާންގައި އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް ޕްރައިވެޓް ޕާޓީސްއާ އެކު ވެސް ވާހަކަ ދެކެވުނު ޕޯޓް އޮޕަރޭޓް ކުރަން. އެހެެން ނަމަވެސް އެއީ މާ ކާމިޔާބު މަސައްކަތަކަށް ނުވި،" ފައްޔާޒު ވިދާޅުވި އެވެ.

ވިލާ ގުރޫޕުން މާމިގިލީގައި ހަދާފައިވާ ބަނދަރުން ބައެއް، ވިޔަފާރި ބަނދަރެއްގެ ގޮތުގައި ހިންގުމަށް އެމްޕީއެލްއާ ހަވާލުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖޫން 28، 2017 ގައެވެ.

މާމިގިލީ ބަނދަރުން، ވިޔަފާރި ބަނދަރެއް ހިންގުމަށް ބޭނުންކުރާނީ 600 މީޓަރުގެ ސަރަހައްދެއް ކަމަށް އެމްޕީއެލުން އޭރު ބުންޏެވެ. އެ ނިންމުން ކުއްލި ގޮތަކަށް އޭރު އައީ ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމާއި ރައީސް ޔާމީންގެ ސަރުކާރާ ގުޅުން ކެނޑި، ގާސިމްގެ ވިޔަފާރިތަކަށް އަމާޒުކޮށް އޭރުގެ ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން ދިއުމުގެ ތެރެއިން ކުރި ކަމެއްގެ ގޮތުގަ އެވެ.

ވިލާ ގުރޫޕުން މާގިލީގައި ހަދާފައިވާ އެއާޕޯޓާ އެކު ޒަމާނީ ފެންވަރަށް ހަދާފައިވާ ބަނދަރުގެ ދިގުމިނަކީ 670 މީޓަރެވެ. ކުރީ ސަރުކާރުން މާމިގިލީގައި ހަދާފައިވާ ބަނދަރުން ބައެއް، ވިޔަފާރި ބަނދަރެއްގެ ގޮތުގައި ހިންގުމަށް އެމްޕީއެލްއާ ހަވާލުކުރީ އެރަށު ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް އަދި އެންގުމެއްވެސް ނެތި އެވެ.