ދިވެހި މީޑިއާ

މީޑިއާ ކޮމިޝަންގެ ބިލު ފޮނުވުން އަވަސްކުރަން އަންގަނީ

ސަރުކާރުން ޑްރާފްޓް ކުރަމުންދާ މީޑިއާ ކޮމިޝަންގެ ބިލް އެޓާނީ ޖެނެރަލް އޮފީހުން މަޖިލީހަށް ފޮނުވުން އަވަސްކުރަން އެންގުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.

މަރާލުމަށް ފަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ސަރަހައްދުގެ މޫދަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރާ ގުޅޭ ގޮތުން މީޑިއާތަކުން ހަބަރުތައް ގެނެސްދިން އިރު ކުޑަކުދިންގެ ކަަރާމާތަށް އަސަރުކުރާ ފަދަ ވާހަަކަތައް ގެނެސްދީފައިވާތީ އެ މައްސަލަ ބަލަން މަޖިލީހުގެ މިނިވަން މުވައްސަސާތަަކުގެ ކޮމިޓީން މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކުޑަކުދިންގެ ހައްގުތައް ގެއްލޭ ގޮތަށް ހަބަރުތައް ގެނެސްދޭ މަންޒަރު ފެންނަމުންދާ ކަމަށެވެ. އެހެންކަމުން އެކަން ހުއްޓަވަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އެއީ އެތައް ބައެއްގެ ހައްގު ގެއްލި އަދި ކުޑަކުދިންގެ ހައްގު ގެއްލި އަދި ބައެއްގެ އަބުރު ކަތިލެވި އަދި ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ވާހަތައްވެސް ދެކެވެމުން އަންނައިރުގައި އަދި ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގެ ވެސް އިންޓަގްރީޓީއާއި އެ ބޭފުޅުންގެ އަގު މުޖުތަމައުގައި ވެއްޓިގެންދާ ފަަދަ ހަބަރުތައް ހުށަހެޅި މިނިވަންކަމުގެ ނަމުގައި ބަަޔަކު މީހުން ނާޖާއިޒް ގޮތުގައި މި ބޭނުންކުރަމުންދާ މި ދުވަސްވަރު އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ [އަގުލަބިއްޔަތު] ދެއްވާފައިވާއިރު އަޅުގަނޑުމެންގެ ވާޖިބު އަދާކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ" ހުސައިން ވިދާޅުވި އެވެ.

ރާއިފްއާ ގުޅޭ ގޮތުން ބައެއް މީޑީއާތަކުގައި ގެނެސްދީފައިވާ ހަބަރުތައް ރެގިއުލޭޓް ކުރެވޭނީ ގާނޫނީ ގޮތުން ހަމަޖައްސަން ޖެހޭ ކަންކަން ފުރިހަމަވެގެން ކަމުގައިވެސް ހުސައިން ވިދާޅުވި އެވެ. އެހެންކަމުން މީޑީއާތައް ރެގިއުލޭޓް ކުރުމާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ޑްރާފްޓް ކުރަމުންދާ މީޑިއާ ކޮމިޝަންގެ ބިލު އަވަހަށް ނިންމާ މަޖިލީހަށް ފޮނުވަން ސިޓީ އަކުން ދެންނެވުމަށް ހުސައިން ހުށަހެޅުއްވި އެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ މެމްބަރު އަދި ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް އެވެ.

ހުސައިންގެ ހުށަހެޅުން ބަލައިގަންނަން ކޮމިޓީގެ އަށް މެމްބަރަކު މިއަދު ވޯޓު ދެއްވި އެވެ. އެހެންކަމުން މީޑިއާއާ ގުޅޭ ބިލް އަވަސްކުރަން އެޓާނީ ޖެނެރަލް އޮފީހަށް ސިޓީ ފޮނުވަން މިއަދު ކޮމިޓީން ފާސްކުރި އެވެ.

ރާއިފްއާ ގުޅޭގޮތުން ތޯތޯ ހަބަރުތައް ފަތުރާތީ އެކަން މީގެ ކުރިން އޮތީ މޯލްޑިވްސް މީީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ސަމާލު ކަމަށް ވެސް ގެނެސްފަ އެވެ. އަދި އެކަމާ ގުޅޭ ބައްދަލުވުމެއް މިއަދު އެ ކައުންސިލުން ބާއްވަން ވެސް ތާވަލް ކުރި އެެވެ. އެ ބައްދަލުވުމުގައި ނިންމާ ނިންމުންތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ހިއްސާކުރަން ވެސް އެމްއެމްސީން މިއަދު ނިންމި އެވެ.