ލައިފްސްޓައިލް

ޔަމަނު "ނަރަކަ ވަޅު"ގެ ހަގީގަތެއް ނޭނގޭ!

ޔަމަނުގެ އުތުރުގައި އޮންނަ "ވެލް އޮފް ބާހޫތު" މަޝްހޫރުވެފައި ވަނީ "ނަރަކަ ވަޅު" ގެ ނަމުންނެވެ. މި ވަޅުގަނޑަކީ ގޮތް ނޭނގޭ ވަޅުގަނޑެއް ކަމަށް ބުނެ އެކި ކަހަލަ ޝައިތާނުންގެ ވާހަކަތައް ވެސް މި ވަޅުގަނޑާ ގުޅުވައިގެން އެ ގައުމުގައި ކިޔައި އުޅެ އެވެ. ޔަގީންވާ ކަމަކީ "ވެލް އޮފް ހެލް" އަކީ ކުޑަ ނަމަވެސް ގުދުރަތީ އަޖައިބެއް ކަމެވެ.

ޔަމަނުގެ އުތުރުގެ ރީޖަނެއް ކަމަށްވާ އަލް-މަހްރާ ޕްރޮވިންސްގެ ޖަންގަލީގައި އޮންނަ މި ބިޔަ ބޮޑު ވަޅުގަނޑު "ދަ ވެލް އޮފް ބާހޫތު" އަކީ އަޖައިބު އެތައް ކަމެއް އެކުލެވޭ ތަނެކެވެ. އެ ގައުމުގެ މީހުން ޒަމާނުއްސުރެ ކިޔަމުން އަންނަ ފޯކްލޯތަކުގައި ކިޔަނީ އެ ވަޅުގަނޑު އުފެދިފައި ވަނީ ޝައިތާނުން ލާ ޖަލެއްގެ ގޮތުގައި ކަމަށެވެ.

ހަގީގަތުގައި މި ވަޅުގަނޑަކީ ޔަމަނުގެ ހަދުރަމޫތުގައި އޮންނަ ފަރުބަދައެއްގެ ހޮހޮޅައެކެވެ. ވަޅުގެ ފުޅާމިނުގައި 100 ފޫޓު ހުރެ އެވެ. މިއީ އޮމާނުގެ ވެރިރަށް ސަނާ އާ 800 މޭލު ދުރުގައި އޮންނަ ތަނެކެވެ. ވަޅުގަނޑުގެ ފުޅާމިނުގައި 30 މީޓަރު ހުންނަ މި ވަޅުގަނޑުގައި 100 އާއި 250 މީޓަރާ ދެމެދު ފުން މިނެއް ހުންނާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

އިހު ޒަމާނުގެ ފުލޯކު ވާހަކަތަކުގައި ބުނަނީ މިއީ ޝައިތާނުންގެ ގައިދުހާނާ ކަމަށެވެ. އެހެން ކިޔަނީ އެ ވަޅުގަނޑުން އާދަޔާހިލާފު ނުބައި ވަހެއް އަރާތީ އެވެ.

ޔަމަނުގެ އޮފިޝަލުން ބުނަނީ އެ ވަޅުގަނޑުގެ އަޑީގައި ވަނީ ކޯޗެއް ކަމެއް އެ ގައުމުގެ ސަރުކާރަކަށް ވެސް ނޭނގޭ ކަމަށެވެ.
މަހްރާގެ ޖިއޯޖިކަލް ސާވޭ އެންޑް މިނަރަލް ރިސޯސަސް އޮތޯރިޓީގެ ޑައިރެކްޓަރު ޖެނެރަލް، ސަލާހް ބަބައިރް ވިދާޅުވާ ގޮތުގައި އެ ހޮހޮޅައިގައި އޮކްސިޖަން ލެވެލް ވަރަށް ދަށެވެ. އަދި އެއްގޮތަކަށް ވެސް ވައި ދައުރެއް ނުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އޮތޯރިޓީގެ ފަރާތުން ވެސް އެ ވަޅުގަނޑު ތެރެއަށް މީހުން އެރުވައިގެން ކޮންމެވެސް ވަރަކަށް ވަޅުގެ އަޑީގައިވާ އެއްޗެއް ހޯދަން ވަނީ މަސައްކަތް ކޮށްފަ އެވެ.

"ގާތްގަނޑަކަށް 50 ނުވަތަ 60 ވަރަކަށް މީޓަރު އަޑިއަށް މީހުންނަށް އަދި ފޭބުނީ. ވަޅުގަނޑުގެ އަޑިން އާދަޔާޚިލާފު އެއްޗެހިތަކެއް އަހަރުމެންނަށް ފާހަގަ ކުރެވިފައިވޭ. އަދި ވަޅުގަނޑުގެ އަޑިން ދުވަނީ ވެސް އެހެންނާ ދުވަހަކު ވެސް މީހަކަށް ދުވާފައި ނުވާ ކަހަލަ ވަހެއް. މިއީ ހަގީގަތުގައި ވެސް ވަރަށް އަޖައިބު ކުރުވަނިވި ކަމެއް،" ސަލާހް ވިދާޅުވި އެވެ.

ޔަމަނުގެ މީހުން ކިޔާ ފޯކްލޯ ވާހަކަތަކުގައި ކިޔާ ގޮތުގައި މި ވަޅުގަނޑަކީ ޖިންނީން ދިރިއުޅޭ ތަނެކެވެ. އެހެންވެ އެހިސާބުގަނޑުގައި ދިރިއުޅޭ ގިނަ މީހުން އެވަޅުގަނޑު ހުންނަ ހިސާބަށް ދާން ބިރުގަނެ އެވެ. އަދި ވަޅުގަނޑުގެ ވާހަކަ ދައްކަން ބިރު ގަންނަ މީހުން ވެސް މަދެއް ނޫނެވެ. އެމީހުންނަށް ކުރިމަތިވެދާނެ ބަދުނަސީބަކަށް ބިރުންނެވެ. ޖިންނިންގެ ހަމަލައެއް އެމީހުންނަށް އަތުވެދާނެ ކަމަށް ގަބޫލުކުރާތީ އެވެ.

ސަލާހް ބުނި ގޮތުގައި މި ވަޅުގަނޑަކީ އެތައް މިލިއަން އަހަރެއް ވެފައިވާ ވަޅުގަނޑެކެވެ. އެހެންވެ މިތަންތަނުގެ ރިސާޗް ހަދައި ތަހުލީލުކުރުން މުހިއްމު ކަމަށެވެ.