ބަކައްޓެއްގެ މޫނުގައި ރާމާމަކުނެއްގެ ސިފަ ހުރުމުން އެ ބަކަރި އޮތް އަވަށުގެ މީހުން ވަރަށް ބިރުން އުޅެފި އެވެ. މިސުރުގެ އަސިޔޫތު ގަވަނޭޓްގެ ހިދާޔާ އަވަށުގައި އުފަންވި މި ބަކަރި އުފަންވިތާ ދެ ވަނަ ދުވަހު ވަނީ މަރުވެފަ އެވެ.
މި ބަކަރީގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މިޑިއާގައި ވައިރަލްވުމުން އޭގެ ވެރިމީހާ ބުނީ އޭނާ ގެންގުޅެ ބޮޑުކުރި ބަކައްޓަކަށް މިފަދަ "އަޖައިބެއް ކަހަލަ ހައިވާނެއް" ލިބިދާނެކަމަށް ހީވެސް ނުކުރާ ކަމަށެވެ.
ބައެއް މީހުން ބުނަނީ މި ބަކައްޓަކީ ދެ ބާވަތެއްގެ ޖަނަވާރަކުން އުފަންވީ އެއްޗެއް ކަމަށް ގިނަ ބަޔަކު ޝައްކުކުރާއިރު ތަޖުރިބާކާރުން ބުނަނީ ސައިންސްގެ ރޮނގުން ބަލާއިރު މިއީ އެއްގޮތަކަށް ވެސް ވުން އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. ޖަނަވާރުންގެ ޑޮކްޓަރުން މާނަކުރަނީ މިއީ ބަކަރީގައި ހުރި އައިބެއްގެ ގޮތުގަ އެވެ. އަދި ރާމާމަކުނަކާއި ބަކައްޓެއްގެ ފަރާތުން ދަރިއެއް ލިބުމުގެ ފުރުސަތު އެއްވެސް ވަރަކަށް ނޯންނާނެކަމަށް އެމީހުން ވެސް ބުނެ އެވެ.
ޖަނަވާރުންގެ ޑޮކްޓަރު މުހައްމަދު ޔޫސުފު ބުނި ގޮތުގައި ރާމާމަކުނެއް މޫނު ހުރި ބަކައްޓެއް އުފަންވުމަކީ އެއްގޮތަކަށް ވެސް ވާނެކަމެއް ނޫން ކަމަށެވެ. އަދި އެއީ ރާމާމަކުނެއްގެ މޫނު ނޫން ކަމަށާއި ބަކަރީގައި އުފަންވި އިރުވެސް ހުރި އައިބެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ.
ގާހިރާ ޔުނިވަސިޓީގެ ގެ ވެޓެރިނަރީ މެޑިސިން ފެކަލްޓީގެ ޑީން ޑރ. އީމާން ބަކްރު ވިދާޅުވީ އިންސާނުން ވެސް ވަރަށް ބޮޑެތި އައިބުތަކާއެކު އުފަންވާ ގޮތަށް ބައެއް ޖަނަވާރުން ވެސް އުފަންވާއިރު ވަރަށް ބޮޑެތި އައިބުތައް ހުރެ އެވެ. އެހެން ދިމާވަނީ އެސޮރުގެ މައިންބަފައިންގެ ގައިގައި ހުރި ޖެނެޓިކްސް މައްސަލަތަކަކާ ހުރެ އެވެ. ބަނޑުބޮޑުއިރު މަންމައަށް ވިހައެއް ކެވިގެން ނުވަތަ ވިހަ އެކުލެވޭ މާހައުލެއްގައި އުޅެވިގެން ނުވަތަ ބަނޑުބޮޑުއިރު ހަށިގަނޑަށް ވަންނަ ވައިރަހެއްގެ ސަބަބުން ވެސް ބަނޑުގައި އޮންނަ ދަރިފުޅު ވިހާއިރު މިފަދަ ބޮޑެތި އައިބުތައް ލާފައި ހުންނަ ކަމަށް ޑރ. އީމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ ކޭސް ތައް ފެންނަލެއް މަދަސް މިކަންކަން މިގޮތަށް ވުމުގައި ސައިންޓިފިކް ސަބަބުތައް ހުންނަ ކަމަށެވެ.
"ބޮޑެތި އައިބުތައް ހުރުމުގެ ސަބަބުން ސިފަޔަށް ބޮޑެތި ބަދަލު އައިސްފައި ހުންނަ ޖަނަވާރަށް ދުނިޔޭގައި އުޅެން ވަރަށް ދަތިވޭ. އެހެންވެ މާ ގިނަ ދުވަހެއް ނުވެ މިފަދަ ޖަނަވާރު މަރުވޭ،" ޑރ. އީމާން ވިދާޅުވި އެވެ.