ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިސޯޓް

ކަންބޮޑުވުންތަކާއެކު ރިސޯޓު މުވައްޒަފުންގެ ޕެޓިޝަނެއް ހަދަނީ

Jun 26, 2021
1

ކޮވިޑް-19 އާ ގުޅިގެން، ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާ ގަވައިދާއި އުސޫލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތަކާއި ރިސޯޓް މުވައްޒަފުންނަށް ކުރިމަތިވަމުންދާ ދަތިތައް ބަޔާންކޮށް، ސަރުކާރަށް ހުށަހަޅަން ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސް އިން ބުނީ މި ޕެޓިޝަން ހަދަނީ ރިސޯޓް މުވައްޒަފުންނަށް އާމާޒުކޮށް ކޮވިޑް-19 އާއި ގުޅުވައިގެން އެޗްޕީއޭގެ ފަރާތުން ހަދާފައިވާ ގަވައިދުގެ ސަބަބުން އަނބި ދަރިން ގާތަށް ދިޔުމަށް ދިމާވެފައިވާ ހުރަސް ތަކަށް ހައްލު ހޯދުމުގެ އިތުރުން ސަންސެޓް ގާނޫނަށް ގިނަ ރިސޯޓްތަކުގެ މެނޭޖްމެންޓުން އަމަލު ނުކުރާތީވެ އެކަމަށް ހައްލެއް ހޯދަން ކަމަށެވެ.

ރާއްޖޭގެ އިކޮނޮމީގެ 70 ޕަސެންޓް ސީދާ ގޮތުން ކޮންޓްރޯލް ކުރާ ސިނާއަތް ކަމަށްވާ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ މި ޕެޓިޝަން ހުށަހަޅަން ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށެވެ. މި ޕެޓިޝަނަށް ގާތްގަނޑަކަށް 500 ސޮއި ހޯދަން މަސައްކަތް ކުރާއިރު މިހާތަނަށް ކޮންމެ ވެސް ވަރަކަށް ވަނީ ސޮއި ކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ހުޅުވައި އިގްތިސޯދު ހިންގަން ފެށުމާއެކު އެންމެ ބޮޑަށް ކޮންޓްރިބިއުޓްކުރި ބަޔަކީ ރިސޯޓު މުވައްޒަފުންނެވެ. އެގޮތުން މުވައްޒަފުން ވަނީ މިބަލީގެ އެންމެ ނުރައްކާތެރި ވަގުތުގައިވެސް ޓޫރިސްޓުންނަށް ގާތުން ހިދުމަތް ދީފަ އެވެ.