ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

އައްޑޫގެ ފިޔަވަޅުތަކަށް ލުޔެއް ދީފި

ކޮވިޑް ފެތުރޭތީ ބަލި ކޮންޓްރޯލް ކުރަން އައްޑޫ ސިޓީގައި އެޅި ފިޔަވަޅުތަކަށް ލުޔެއް ދީފި އެވެ.

މިދިޔަ މަހު އެއްވަނަ ދުވަހުން ފެށިގެން މޮނީޓަރިންގައި އޮތް އައްޑޫ ސިޓީގެ ހިތަދޫ ފިޔަވައި އެހެން ރަށަކުން މިހާރު އާ ކޭހެއް ނުފެނެ އެވެ. އަދި ހިތަދޫން ފެންނަ ކޭސްތައް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

"ހިތަދޫން އިއްޔެ ވެސް އެއް ކޭސް ފެނުނު. އޭގެ ކުރީ ދުވަހު ހަތަރު ކޭސް" އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވި އެވެ.

އެހެންކަމުން ހިތަދޫ ފިޔަވައި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫ ގައި ވަނީ ވަރަށް ބޮޑެތި ލުއިތަކެއް ދީފަ އެވެ. މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރަން އަންގާފައިވާ އެންގުން މިިދޔަ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ އުވާލާފަ އެވެ. ޖަމާއަތް ނުހަދައި މިހާރު މިސްކިތްތަކުގައި ނަމާދު ވެސް ކުރެވޭނެ އެވެ. އަދި ޖިމްތަކާއި ބޯކޮށާ ތަންތަން ހެނދުނު 8:00 އިން ހަވީރު 4:00 އަދި ހޮޓާތަކާއި ކޭފާތަކުން ހެނދުނު 8:00 ރޭގަނޑު 10:00 އަކަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.

މި ލުއިތައް ދިން ނަމަވެސް އަދިވެސް ޕާޓީތަކާއި ހަފުލާތަކެއް ނުބޭއްވޭނެ އެވެ. އަދި ތިން މީހުންނަށް ވުރެ ގިނައިން އެއްފަހަރާ ބޭރަށް ނުކުމެ އުޅުމާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ވެސް ނުބޭއްވޭނެ އެވެ.

ވެރިރަށް ހިތަދޫގައި ވެސް ބައެއް ލުއި ދީފައި ވެއެވެ. އެގޮތުން ހައުސް ހޯލްޑް ޕާމިޓަކާ ނުލައި ކާފިއު ނޫން ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ދެން ނުކުމެވޭނެ އެވެ. ނަމަވެސް އަދިވެސް ހަވީރު 4:00 އިން ފަތިހު 4:00 ގެ ނިޔަލަށް ކާފިއު ދެމި އޮންނާނެ އެވެ.

އައްޑު އަތޮޅުގެ ރަށްރަށުން މިހާތަނަށް ކޮވިޑްގެ 451 ކޭސް ފެނިފައި ވެއެވެ.