ބޮލީވުޑް

ދެ ތޫފާނާއި ދެ ލޮކްޑައުން އަށްފަހު "ގަންގޫބާއީ"ގެ ޝޫޓިން ނިންމާލައިފި

ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ އާ ފިލްމު "ގަންގޫބާއީ ކަތިއާވަޅީ" ގެ ޝޫޓިން މުޅިން ނިމިއްޖެކަން ފިލްމުގެ ބަތަލާ އާލިއާ ބަޓް މިދިޔަ އާދީއްތަ ދުވަހު އިއުލާން ކުރުމާއެކު އިންޓަނެޓަށް ހީވީ ބޮޑު ތޫފާނެއް ލައިގެން ހެނެވެ. ބާންސާލީ އާއި އާލިއާގެ ފޮޓޯތައް ޓުވިޓާގައި އެންމެ ކުރީގައި ޓްރެންޑްވަމުން ދިޔައިރު ފޭނުންތަކަށް ހީވީ އީދެއް އައިސްގެން އުޅުނު ހެންނެވެ.

ފިލްމު ނިމުނުކަން އިއުލާންކުރަމުން އާލިއާ އިންސްޓަގްރާމްގައި ޝެއާކުރި ޕޯސްޓެއްގައި ބުނީ ޑިސެމްބަރު 8، 2019 ގައި ޝޫޓިން ފެށި މި ފިލްމުގެ މަސައްކަތް ދެ އަހަރު ފަހުން ނިންމާލެވުނީ ދެ ލޮކްޑައުން އާއި ދެ ތޫފާނާ ކުރިމަތިލުމަށް ފަހު ކަމަށެވެ. ފިލްމުގެ ޝޫޓިންގްގައި ހޭދަވީ ދުވަސްތަކުގައި ފިލްމުގެ ޑައިރެކްޓަރާއި އެކްޓަރުންނަށް ކޮވިޑް-19 އާ ވެސް ހަނގުރާމަ ކުރަން ޖެހުނުކަން އޭނާ ފާހަގަ ކުރި އެވެ.

"މި ފިލްމަށް ކުރިމަތިވީ މައްސަލަތަކުގެ ވާހަކައަކީ ވެސް ފިލްމެއް ހަދާލަން ވަރަށް ރަނގަޅުވާނެ ވާހަކަތަކެއް،" އާލިއާ ބުނެފައި ވެއެވެ.

މި ފިލްމު ނިމުނަސް ބާންސާލީއަށް އަދި ހަމަޖެހުމެއް ނޭވާއެއް ލެވޭކަށް ނެތެވެ. އޭނާގެ އާ ވެބް ސީރީޒް "ހީރާ މަންޑީ" ގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ބާންސާލީ ގަސްތުކުރާތީ އެވެ. ނަމަވެސް މި ވެބް ސީރީޒްގެ މަސައްކަތްކު ރަން ބާންސާލީއަށް މާ ދުރަކަށް ދާކަށް ނުޖެހޭނެ އެވެ. ސަބަބަކީ މި ސީރީޒްގެ ޝޫޓިން އޮންނާނީ "ގަންގޫބާއީ" ވެސް ޝޫޓްކުރި ސްޓޫޑިއޯގެ ހަމަ އެ ފަންގިފިލާގައި ކަމަށް ވާތީ އެވެ.

ނަމަވެސް "ގަންގޫބާއީ" ގެ ސެޓު މުޅިން ހަލާކު ކޮށްލުމަށް ފަހު "ހީރާ މަންޑީ"އަށް ހާއްސަ ސެޓެއް އެ ސްޓޫޑިއޯގައި ތައްޔާރުކުރަން ވަނީ ހަމަޖެހިފަ އެވެ. "ހީރާ މަންޑީ" ގެ ޝޫޓިން ފެށޭނީ ސެޓު މުޅިން ނިމުނީމަ އެވެ.

"ގަންގޫބާއީ" ގައި ބާންސާލީއާއެކު މަސައްކަތްކުރި މީހަކު ބުނީ އެ ފިލްމުގެ ފަހު ބައި ނިންމުން އެއްގޮތަކަށް ވެސް ފަސޭހަ ކަމަކަށް ނުވި ކަމަށެވެ.

މުމްބައި އެ ސްޓޭޓަކަށް ނިސްބަތްވާ މަހަރަޝްތުރާގައި ޓީވީ ޝޯތަކާއި ފިލްމުތަކުގެ ޝޫޓިން ގައިޑްލައިންތަކާ އެއްގޮތަށް ބާއްވަން ހުއްދަ ލިބިފައި ވިޔަސް މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ޑެލްޓާ ވޭރިއަންޓްގެ ބިރު ފިލްމު އަދި ޓީވީ އިންޑަސްޓްރީ މީހުންގެ ހިތުގައި ވަރަށް ބޮޑަށް އޮތް ކަމަށާއި އެހެންވެ އެސްޓޭޓުގައި ޝޫޓިން ފެށީ މަދު ބަޔަކު ކަން އޭނާ ފާހަގަ ކުރި އެވެ.

"ހީރާ މަންޑީ"ގައި ބައިވެރިވާ ތަރިންނަކީ ސޮނާކްޝީ ސިންހާ، ހުމާ ގުރޭޝީ، ނިމްރަތު ކޯރު، ސަޔާނީ ގުޕްތާ އަދި މަނީޝާ ކޮއިރާލާ އެވެ.

މިއުޒިކަކީ މި ޝޯގެ މުހިއްމު ބަޔަކަށް ވާތީ މިއުޒިކް ޑައިރެކްޓަރު އިސްމާއިލް ދަރްބާރް އާއި ބާންސާލީ ގުޅިގެން އެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ. ބާންސާލީގެ ޕްރޮޑަކްޝަން ހައުސް އިން ޕްރޮޑިއުސްކުރާ މި ސީރީޒް ޑައިރެކްޓްކުރާނީ ވީބޫ ޕޫރީ އެވެ.