ބޭރު ކުޅިވަރު

ރޮނާލްޑޯ އަށް ތާއީދެއްނެތް. އިސްކަންދެނީ ބޭލް އަށް.

ރެއާލް މެޑްރިޑާއި ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެމެދު ގުޅުން ގޯސްވެއްޖެކަން އެންމެނަށް މިހާރު އެނގި ކަށަވަރުވެއްޖެ އެވެ. އަދި މި ސީޒަން ނިމުމުން އޭނާ ވިއްކާލާނެ ކަމުގެ އަޑުތައް ގަދަވެފައިވަނީ ރެއާލް މެޑްރިޑުގެ ބައެއް ފަރާތްތަކުން ނަން ހާމަނުކޮށް، އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗަކީ އަމިއްލަ ދަނޑުގައި ރޮނާލްޑޯ ކުޅޭނެ އެންމެ ފަހު އެލްކްލެސިކޯ މެޗު ކަމަށް ނޫސްވެރިންގެ ކަންފަތްބުޑުގައި ސިއްރުސިއްރުން ބުނަން ފެށުމުންނެވެ. ތިން ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޕޯޗުގަލްގެ ކެޕްޓަނާއި ރެއާލްއާ މައްސަލަޖެހުނީ ކީއްވެ ހެއްޔެވެ؟ މިއީ އެންމެ ގިނަ ބަޔަކު މިހާރު އުފައްދާ ސުވާލެވެ. މިކަމުގައި މިހާތަނަށް ފަސް ސަބަބެއް ވަނީ ހޯދިފަ އެވެ.

1- އެންޗެލޯޓީ އަށް ތާއީދު ކުރުން:

ރޮނާލްޑޯ އާއި ކުލަބާ މައްސަލަޖެހުނު އެންމެ ބޮޑު މައްސަލައަކީ މިދިޔަ ސީޒަނަށް ފަހު ކޯޗުކަމުން ވަކިކުރި ކާލޯ އެންޗެލޯޓީ އަށް އޭނާ ތާއީދު ކުރުމެވެ. ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުމުން އެންޗެލޯޓީ މަގާމުން ވަކިކުރާނެކަން ޔަގީންވި ހިސާބުން ރޮނާލްޑޯ ވަނީ ކުލަބުގެ ނިންމުމާ ދެކޮޅަށް ތެދުވެފަ އެވެ. އަދި އެންޗެލޯޓީ އަށް ތާއީދުކޮށް، އޭނާ ވަނީ ޓުވީޓްކޮށް ވެސްކޮށްފަ އެވެ. ކުލަބުގެ ރައީސް ޕްލޮރެންޓީނޯ ޕްރޭޒް އާއި ރޮނާލްޑޯގެ ގުޅުމަށް ބުރޫ އެރީ މި ހިސާބުންނެވެ.

2- ބެނީޓޭޒް ހުރެގެން ކާމިޔާބެއް ނުލިބޭނެ: ރޮނާލްޑޯ

އެންޗެލޯޓީ ވަކިކުރުމަށްފަހު ރެއާލްގެ ކޯޗަކަށް ގެނައީ އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ އަދި ޔޫތު ޓީމުގެ ކޯޗު ރަފާ ބެނީޓޭޒް އެވެ. އޭނާއަކީ ރޮނާލްޑޯ މެންޗެސްޓާ އަށް ކުޅުނު ދުވަސްވަރު ވާދަވެރި ލިވަޕޫލްގެ ކޯޗެވެ. ބެނީޓޭޒާ މެދު ރޮނާލްޑޯގެ ހިތްބަރުވެފައިވަނީ ޔުނައިޓެޑާއި ލިވަޕޫލްގެ ވާދަވެރިކަމުގެ ތެރެއިންނެވެ. ބެނީޓޭޒް ކޯޗަކަށް ގެނައުމަށް އެންމެ ފުރަތަމަ ދުވަހު ވެސް ދެކޮޅުހެދި އެވެ. އަދި ލިވަޕޫލަށް ޗެމްޕިއަންސް ލީގު، ޗެލްސީ އަށް ޔޫރޮޕާ ލީގު، އަދި އިންޓަމިލާނަށް ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްދީފައިވާ ބެނީޓޭޒް ހުރެގެން ރެއާލް އަށް ކާމިޔާބު ނުލިބޭނެ ކަމަށް ސީދާ ރައީސަށް ދެންނެވި އެވެ.

3- ބޭލްގެ މުހިންމުކަން ބޮޑުކުރުން:

ބެނީޓޭޒް އާއި ރޮނާލްޑޯއާ ދެމެދު އޮތް ނަފްރަތުގެ ހުޅު ފަޅައިގެންދިޔައީ ވަރަށް އަވަހަށެވެ. ބެނީޓޭޒްގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި އޭނާ ފާހަގަ ކުރީ ކަރީމް ބެންޒެމާ އާއި ގެތެރް ބޭލްގެ ވާހަކަ އެވެ. އޭގެ ފަހުން ބޭއްވި ޕްރެސްތަކުގައި ރޮނާލްޑޯއަކީ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށް ބުނަމުންދިޔަ ނަމަވެސް ބެނީޓޭޒް އިސްކަންދެނީ ބޭލް އަށެވެ. އޭނާ ބޭނުންވަނީ ބޭލް ވަށައިގެން ޓީމު ބިނާކުރުމަށެވެ. ސަބަބަކީ ރޮނާލްޑޯ އަށް ވުރެ ބޭލް ހަނގުވުމެވެ. ރޮނާލްޑޯގެ ރެކޯޑް މުގުރާލައި އޭނާއަށްވުރެ ހަ މިލިއަން ޕައުންޑް އަގުބޮޑުކޮށް، ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ރެއާލް އަށް ގެނައި ބޭލްގެ އުމުރަކީ 26 އެވެ. ރޮނާލްޑޯ އަށް މިހާރު 31 ފުރެން ގާތްވަނީ އެވެ.

މި ދެ ކުޅުންތެރިންގެ މެދުގައި އޮތް އަނެއް މައްސަލައަކީ ބެނީޓޭޒް ބޭލް ލައްވައި ނަންބަރު 10ގެ މަގާމަށް (ފޯވަޑުގެ ފަހަތުން) ކުޅުވުމެވެ. މިއީ ބޭލް އަށް ލަނޑު ޖަހަން ލިބޭ ފުރުސަތުތައް ތަނަވަސްކޮށްދޭން ކުރި ކަމެކެވެ. ރޮނާލްޑޯ މިކަމާ ހިތްހަމަނުޖެހެނީ ބޭލް ދަނޑުމަތީގައި ހުންނަ ކޮންމެ ފަހަރަކު އޭނާގެ މުހިންމުކަން ކުޑަވެގެންދާތީ އެވެ. ލަނޑު ޖަހަން ލިބޭ ފުރުސަތުތައް މަދުވާތީ އެވެ. ނަމަވެސް އަނިޔާގެ ސަބަބުން ބޭލް އަށް މި ސީޒަނުގައި އަދި ކުޅެވުނީ އެންމެ ހަތް މެޗެވެ.

އަނެއްކޮޅުން ބާސެލޯނާގެ ލަޔޮނަލް މެސީއާ އޮތް ވާދަވެރިކަމުގައި ރޮނާލްޑޯ ގޯލު ޖަހަން ބޭނުންވެ އެވެ. އޭނާ އަށް ކުރިމަތިވާ އަނެއް ޕްރެޝަރަކީ ބާސެލޯނާގައި ބްރެޒިލްގެ ނޭމާ ވެސް މޮޅަށް ކުޅުމެވެ. މިހެންވެ ރޮނާލްޑޯގެ ހުރިހާ ވިސްނުމެއް ލަނޑު ޖަހަން ހުރުމަކީ ވެސް ޓީމެއްގެ ގޮތުގައި ރެއާލް ބައްޓަން ބެނީޓޭޒަށް އުނދަގޫވާ ސަބަބަކަށްވަނީ ވެފަ އެވެ.

4- ރޮނާލްޑޯ ގެނައީ މިހާރުގެ ރައީސެއްނޫން

ކްރިސްޓިއާނޯ ރޮނާލްޑޯ ދުނިޔޭގެ ރެކޯޑް ފީއަކަށް 2009 އަހަރު ރެއާލް އަށް ބަދަލުވިއިރު ކުލަބުގެ ރައީސަކީ ޕެރޭޒް އެވެ. އެކަމަކު ހަގީގަތުގައި ރޮނާލްޑޯއަކީ ޕެރޭޒް ގެނައި ކުޅުންތެރިއެއްނޫނެވެ. ކުލަބަށް ރޮނާލްޑޯ ގެނައުމުގެ ހުރިހާ ކަމެއްކުރީ ޕެރޭޒްގެ ކުރިން ކުލަބު ހިންގި ރޯމަން ކަލްޑެރޮން އެވެ. މިއާ ހިލާފަށް ބޭލް އަކީ ސީދާ ޕެރޭޒް ގެނައި މީހެކެވެ. މިހެންވެ ފުޓްބޯޅަ ޕޮލިޓިކްސްގެ ތެރެއިން ބޭލްގެ ވިދުން ގަދަ ކުރަން ކުލަބުން ބޭނުންވެ އެވެ.

5- ރޮނާލްޑޯގެ ނުފޫޒު ގަދަވުން:

ރޮނާލްޑޯ އަކީ ޗޭންޖިން ރޫމުގައި ނުފޫޒު ގަދަ މީހެކެވެ. ނަމަވެސް މިއީ ކުލަބުގެ ރައީސް ޕެރޭޒް މާގަޔާވާ ސިފައެއްނޫނެވެ. މީގެ ކުރިން ޒައިނުއްދީން ޒިދާނާއި ބްރެޒިލްގެ ރޮނާލްޑޯ އަދި ލުއިސް ފީގޯ އާއި ޑޭވިޑް ބެކަމް ފަދަ ކުޅުންތެރިން ރެއާލް އަށް ގެނެސް ގެންގުޅުނުއިރު މިއިން ކުޅުންތެރިއަކާ ޕެރޭޒްއާ މައްސަލަނުޖެހެ އެވެ. އެކަމަކު ރޮނާލްޑޯއާ ޕެރޭޒް މައްސަލަޖެހޭގޮތްވަނީ ކުޅުންތެރިޔާގެ ގެންގުޅޭ އަމިއްލަ އުސޫލުތަކާ ހެދި ކުލަބުގެ އުސޫލުތަކަށް ބުރީއަރާތީ ކަމަށްވެ އެވެ.