ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވީ މިދާކަށް ދުވަހު ކަޅުކަނޑަށް ވަދެ އުޅުނު އިނގިރޭސި މަނަވަރު ރަޝިއާ ސިފައިން ފައްތާލި ނަމަވެސް ދުނިޔޭގައި ބޮޑު ހަނގުރާމައެއް ނުފެށުނީސް ކަމަށެވެ. ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވީ އެފަދަ ހަނގުރާމައަކުން ބަލިވާނެކަން އިނގޭސިންނަށް އަދި އެމެރިކާއަށް ކަށަވަރުވާތީ ކަމަށެވެ.
ޕޫޓިން ވިދާޅުވީ އިނގިރޭސި ރޯޔަލް ނޭވީގެ މަނަވަރެއް ކަޅުކަނޑުގައި ވައްތަރު ޖެއްސީ ރަޝިއާ ރުޅިއަރުވަން ކަމަށެވެ. އެއީ އެމެރިކާއާ އިނގިރޭސިން ގުޅިގެން ކުރި ކަމެއް ކަމަށާއި ރަޝިއާގެ އުންޑަތަކުން ސަލާމަތްވާން އެމީހުންނަށް ޖެހުނީ އޮޑީގެ މިސްރާބު ބަދަލު ކުރަން ކަމަށެވެ.
ރަޝިއާގައި އަހަރަކު އެއްފަހަރު އާންމުގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް ބާއްވަވާ ސުވާލާއި ޖަވާބު ސެޝަންގައި ޕޫޓިން ވިދާޅުވި ގޮތުން އިނގިރޭސި މަނަވަރު ކަޅުކަނޑުގައި، ރަޝިއާ ކަނޑުގެ ސަރަހައްދަށް ވަތންއިރު އެމެރިކާގެ އަސްކަރިއްޔާއިން ބަލަން ތިއްބެވެ. އެމީހުންގެ ވިސްނުމަކީ ރަޝިއާއިން ހަމަލާއެއް ދީފި ނަމަ ބޮޑު ކަންތައްގަނޑެއް ހިނގުން ކަމަށް ވެދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވީ އިނގިރޭސި މަނަވަރު ކަޅުކަނޑުން ޔުކްރޭން ސަރަހައްދަށް ވަދެ ރަޝިއާއާ ދިމާއަށް މިސްރާބުޖެހިތަނާހެއް، އެމެރިކާގެ ޖެޓެއް ގުރީކުން ނައްޓާލި ތަން ރަޝިއާގެ ރާޑަރުތަކުން ދެއްކި ކަމަށެވެ. އެމެރިކާގެ ހަރަކާތްތައް ވަރަށް ރަނގަޅަށް ރަޝިއާއިން ބެލި ކަމަށާއި ރަޝިއާގެ އަސްކަރިއްޔާއިން އެވަަގުތު އަމަލު ކުރީ ހާލަތަށް ބަލާފައި ކަމަށެވެ.
ދުނިޔެ އޮތީ ތިންވަނަ ބޮޑު ހަނގުރާމައެއް ފެށުމާ ހިސާބުގައިތޯ ޕޫޓިންއަށް ސުވާލު ދެންނެވުމުން ސީދާ އެ ސުވާލަށް ޖަވާބެއް ނުދެއްވި އެވެ. އެމަނިކުފާން ވިދާޅުވީ ރަޝިއާގެ އަސްކަރިއްޔާއިން މަނަވަރަށް ހަމަލާތަކެއް ދިން ނަމަވެސް ހަނގުރާމައަކަށް މަގުފަހި ނުވީސް ކަމަށެވެ. އެއީ ރަޝިއާއަށް ހަމަލާދީފައި ސަލާމަތުން ނުދެވޭނެކަން އިނގިރޭސިންނާއި ހުޅަނގަށް މުޖައްރިބުވާތީ ކަމަށެވެ.
ޕޫޓިން ވިދާޅުވީ ޔުކްރޭންއާ ވީ ފަޅިން ރަޝިއާގެ ސަރަހައްދުގައި އެ ގައުމުގެ އަސްކަރިއްޔާއިން ތަމްރީންތަކެއް ހެދުން އެމެރިކާއާ ނޭޓޯއަށް ވީ ވަރަށް ބޮޑު ކަމަކަށް ކަމަށެވެ. އެ މީހުންގެ ކަންބޮޑުވުން އަހައި ރަޝިއާއިން އެ ސަރަހައްދު ދޫކޮށް ފޭބުމުން، ރަޝިއާއިން ކުރީ ރަނގަޅު ކަމެކޭ ބުނުމުގެ ބަދަލުގައި ނޭޓޯ ސިފައިން މިހާރު ތިބީ އެތަނުގައި ގެދޮރުއަޅައިގެން ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.
ރަޝިއާއާ އިންވެގެން ކަހަލަ ގޮތަކަށް އަދި އެހާ ކައިރީގައި ބޭރު ގައުމުތަކެއްގެ އަސްކަރީ ފައުޖުތަކެއް ތިބުމަކީ ރަޝިއާއަށް ކުރާ ޖެއްސުމަކަށް ނުވާނެތޯ ޕޫޓީން ސުވާލުކުރެއްވި އެވެ.