އެމްޑަބްލިއުއެސްސީ

މަތިވެރީގައި ފެން ވިއުގައިގެ މަސައްކަތް ފަށައިފި

Jul 1, 2021

އއ. މަތިވެރީގައި ފެން ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

ފެން ކުންފުނިން މިއަދު ބުނީ މިހާރު އެ މަޝްރޫއުގެ ދަށުން ކުރަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ކަމަށެވެ.

ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ މަތިވެރިއަށް ގެންގޮސްފަ އެވެ.

މަތިވެރީގައި 6.86 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ ނެޓްވޯކެއް ގާއިމުކުރާނެ އެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރަން ތިން ތާންގީ ބަހައްޓާނެ އެވެ.

މަތިވެރި ގޭގޭގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައި ދޭއިރު ފެން ތަހުލީލު ކުރާ ސާމާނު ވެސް ފޯރުކޮށް ދޭނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 38.8 މިލިއަން ރުފިޔާ އެވެ.

މި މަސައްކަތް އެއް އަހަރާއި ދެ މަސް ދުވަހުގެ ތެރޭގައި ނިންމަން ވަނީ ޝަރުތުކޮށްފަ އެވެ.