ހައްދުފަނައެޅުން

އެމްއެންޔޫގެ ދަރިވަރުން ހަރުކަށި ފިކުރަށް ތާއީދު ކުރާކަން ފާހަގަވޭ: އެމްޑީޕީ

ފަހަކަށް އައިސް ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ހަރުކަށި ފިކުރަށް ވަރަށް ތާއީދު ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް މަޖިލިސް މެންބަރު ހަސަން އަފީފް ތުހުމަތު ކުރައްވައިފި އެވެ. އޭނާގ މި ތުހުމަތު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރި "ހައެއްފަހެއް" ގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އިން އުފައްދާފައިވާ "މޭ ހައެއް ކޮމެޓީ" ގައެވެ. އޭނާއަކީ އެ ކޮމެޓީގެ ޗެއާ އެވެ.

މި ފަހުން ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ ގައުމީ މަޖިލީސް ބާއްވަނީ "މެއި ހައެއް ކޮމެޓީ" ން އެ ހަފުތާއަކު ހޯދާ މައުލޫމާތުތައް ހިއްސާ ކުރުމަށެވެ. ގައުމީ މަޖިލީހަށް މައުލޫމާތު ދެއްވަމުން ކޮމެޓީގެ ޗެއާ ވިލުފުށީ ދާއިރާގެ މެންބަރު އަފީފް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކުރަމުންދާ މަަސައްކަތްތަކުގެ ތަފްސީލު ހޯދަން މިދިޔަ ހަފުތާގައި އެ ކޮމިޝަނާއި ބައްދަލު ކޮށްފައިވާ ކަމަށެވެ.

އެ ބައްދަލްވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލު ދެއްވަމުން އަފީފު ވިދާޅުވީ ނަފުރަތު އުފެއްދުން ހުއްޓުވަން އެޗްއާރުސީއެމަށް ކުރެވިދާނެ މަސައްކަތްތަކާމެދު ސުވާލުކޮށް މަޝްވަރާ ކުރި ކަމަށެވެ. ވަކިން ހާއްސަކޮށް ސުކޫލު މަދަރުސާތަކުގައި އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުން މުހިންމުކަން ފާހަގަ ކުރެއްވި ކަމަށެވެ.

ދެން އޭނާ ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ފަހަކަށް އައިސް ހަރުކަށި ފިކުރަށް ވަރަށް ތާއީދު ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްއާރްސީއެމްގެ މެންބަރުންނަށް ދެންނެވި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ކުރެވިދާނެ ކަމެއް އޮތްތޯ ސާފު ކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވާހަކާގައި މިހާރަކަށް އައިސް އަޅުގަނޑުމެންނަށް ދިމާވާ ބައެއް މައްސަލަތަކުގެ ވާހަކަ އަޅުގަނޑުމެން ފާހަގަ ކުރިން. އެ ގޮތުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުން މިހާރަކަށް އައިސް ވަރަށް ހަރުކަށި ފިކުރަށް ތާއީދު ކުރާ ކަމަށް ފާހަގަ ކުރެވޭ ކަމަށް އަޅުގަނޑުމެން އެ ބޭފުޅުންނަށް ދެންނެވިން. އަދި މިކަމާމެދު އެޗްއާރުސީއެމް އިން އެއްވެސް ކަމެއް ކުރެވިދާނެތޯ އަޅުގަނޑުމެން ސުވާލު ކުރިން. ޖަވާބުގައި ވިދާޅުވީ އެ މަސައްކަތަކީ އެހެންވެސް މުއައްސަސާތަކާއެކު ކުރަންޖެހޭ މަސައްކަތެއް ކަމަށް. މީގެ ތެރޭގައި ޔުނިވާސިޓީގައި ކިޔަވައިދޭ ޓޮޕިކްތަކާއި ކުރެވޭ މަޝްވަރާތައް ބަލަން ޖެހޭ ކަމަށް،" ވަރަށް ބޮޑު ތުހުމަތެއް ބޭރަށް ގެންނަވާ އަފީފު ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގެ ދަރިވަރުން މިހާރަކަށް އައިސް ވަރަށް ހަރުކަށި ފިކުރަށް ތާއީދު ކުރާ ކަމަށް ފާހަގަކުރެވޭ ކަމަށް އަޅުގަނޑުމެން އެ ބޭފުޅުންނަށް ދެންނެވިން. އަދި މިކަމާމެދު އެޗްއާރުސީއެމް އިން އެއްވެސް ކަމެއް ކުރެވިދާނެތޯ އަޅުގަނޑުމެން ސުވާލުކުރިން. ޖަވާބުގައި ވިދާޅުވީ އެ މަސައްކަތަކީ އެހެންވެސް މުއައްސަސާތަކާއެކު ކުރަންޖެހޭ މަސައްކަތެއް ކަމަށް. މީގެ ތެރޭގައި ޔުނިވާސިޓީގައި ކިޔަވައިދޭ ޓޮޕިކްތަކާއި ކުރެވޭ މަޝްވަރާތައް ބަލަން ޖެހޭ ކަމަށް
ހަސަން އަފީފް | އެމްޑީޕީގެ މެއި ހައެއް ކޮމެޓީގެ މުގައްރިރު

އަފީފު މިފަދަ ބޮޑު ތުހުމަތެއް ރާއްޖޭގެ އެންމެ ބޮޑު ޔުނިވާސިޓީއަށް އަމާޒު ކުރެއްވީ ކޮން ކަންކަމެއްގެ މައްޗަށް ބިނާކޮށް ކަމެއް ވިދާޅެއް ނުވެއެވެ.

ބައްދަލްވުމާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އެޗްއާރުސީއެމް އިން އެކި މުއައްސަސާތަކުން މައުލޫމާތު ހޯދަމުންދާއިރު ޑިފެންސްގެ ގާނޫނު އޮތް ގޮތުން މައުލޫމާތު ދޭން އެ މިނިސްޓްރީން އުޒުރުވެރިވި ކަމަށެވެ. ނަމަވެސް މައުލޫމާތު ނުދީގެން މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން އެ ކޮމިޝަންގެ މެންބަރުން ދެއްވި ކަމަށް ވެސް ވިދާޅުވި އެވެ.