ބޮލީވުޑް

އާލިއާ "ކަޕޫރު އެންޑް ސަންސް" ކުޅެން ކަރަން ބޭނުމެއް ނުވި

އާލިއާ ބަޓް ބޮލީވުޑަށް ތައާރަފްކޮށް އޭނާގެ ކެރިއަރު ބައްޓަން ކޮށްދިނުމުގައި އެންމެ އިސް ރޯލެއް ކުޅެފައި ވަނީ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރެވެ. ނަމަވެސް އާލިއާ ކުޅުނު "ކަޕޫރު އެންޑް ސަންސް" އޭނާ ނުކުޅެ ދޫކޮށްލާތޯ ކަރަން ވަރަށް މަސައްކަތް ކުރި ކަމަށް ޚުދް އޭނާ ވަނީ ދާދިފަހުން އެއްބަސްވެފަ އެވެ.

ޝަކުން ބަޓްރާ ޑައިރެކްޓްކޮށްފައިވާ "ކަޕޫރު އެންޑް ސަންސް"ގެ ބަތަލުންނަކީ ސިދާރްތު މަލްހޯތުރާ އާއި ފަވާދު ޚާނެވެ.
ކަރަންގެ އޮންލައިން އިންޓަވިއު އެއްގައި ވާހަކަ ދައްކަމުން އޭނާ ބުނި ގޮތުގައި އާލިއާ "ކަޕޫރު އެންޑް ސަންސް" ކުޅުމާ އޭނާ ހިތްހަމަނުޖެހުނީ އަދި އެ ފިލްމު އާލިއާ އަށް ނުދޭން މަސައްކަތްކުރީ އާލިއާ އަށް ރަނގަޅަށް ޕާފޯމް ކުރެވޭ ކަހަލަ ވަރުގަދަ ރޯލެއް އެ ފިލްމުގައި ނެތީމަ އެވެ.

"އޭނާ (އާލިއާ) އެ ފިލްމަށް ނުނަގާތޯ އަހަރެން ވަރަށް ހުރަސް އަޅަން މަސައްކަތް ކުރިން. އަހަރެން އާލިއާ އެކަނި ބައްދަލުކޮށް ވެސް ބުނިން ދަރްމާ ޕްރޮޑަކްޝަންގެ ކޮންމެ ފިލްމެއް ކަލޭ ކޮންމެހެން ކުޅޭކަން ނުޖެހެއޭ. ކަލޭ ހިތްހަމަ ނުޖެހެންޏާ އެ ފިލްމު ނުކުޅޭށޭ. މާ ރަނގަޅު ރޯލެއް ނެތޭ ބަތަލާއަކަށް އެ ފިލްމުގެ. ނަމަވެސް އަހަރެން ދެއްކި ވާހަކަ އާލިއާ ގަބޫލެއް ނުކުރި. އޭނާ ބުނީ ތިމަންނަ ވަރަށް ލޯބިވާ މީހެކޯ ޑައިރެކްޓަރު ޝަކުން ބަޓްރާ އަކީ. އޭނައަކީ ގާތް އެކުވެރިއެކޯ. އެހެންވީމަ އޭނާ ދައްކާ ވާހަކަ ވެސް އަޑު އަހާފަޔޯ އެއްޗެކޭ ބުނެވޭނީ. އަހަރެން ބުނިން އާނއެކޭ އަޑު އެހިޔަސް ކުޅޭނެ ކަމެއް ނެތޭ އެ ފިލްމު،" ކަރަންގެ އިންޓަވިއުގައ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އާލިއާ އެ ފިލްމުގެ ސްކްރިޕްޓް ކިޔާފައި އޭނާގެ ކައިރިއަށް އައިސް ސްކްރިޕްޓާ ހިތްހަމަޖެހޭ ކަމަށާއި ފިލްމު ކުޅެން ބޭނުން ކަމަށް ބުންޏެވެ. އެހެންވެ ދެން އޭނާ އިތުރަށް އެކަމާ އަޅާ ނުލީ އެވެ.

ކަރަން ބުނި ގޮތުގައި "ކަޕޫރު އެންޑް ސަންސް"ގައި ފަވާދު ކުޅުނު ރޯލު އޭނާ ބޮލީވުޑްގެ މަޝްހޫރު ހަ އެކްޓަރަކަށް ހުށަހެޅި އެވެ. ނަމަވެސް އެކަކުވެސް އެ ރޯލު ގަބޫލެއް ނުކުރި އެވެ.