ރައީސް މުހައްމަދު ނަޝީދު

"ހިސާން ބިލު" ކިޔާތީ ނަޝީދު ހިތްހަމައެއް ނުޖެހޭ

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލަށް "ހިސާން ބިލް" ކިޔާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "އާސްކް ސްޕީކާ" ގެ ތިންވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕްރަގްރާމް ފެށުމުގެ ކުރީން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު އުސޫލު އޮތް ގޮތުން މަޖިލީހަށް ސަރުކާރުގެ ފަރާތުން އެޓާނީ ޖެނެރަލްއަށް ބިލް ހުށައެޅުމަށް ފުރުސަތު ނެތުމުން މަޖިލީހަށް ހުށައަޅާ ބިލްތައް ހުށައަޅަނީ މެންބަރެއް މެދުވެރިކޮށް ކަމަށެވެ. ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލަކީ ސަރުކާރުން ތައްޔާރުކޮށް މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕަށް ފޮނުވި ބިލެއް ކަމަށާ އެ ބިލް މަޖިލީހަށް ހުށައަޅުއްވަން ޕީޖީ ލީޑަރު ޕާޓީގެ ކޮންމެވެސް މެންބަރެއް އިހުތިޔާރު ކުރައްވާ ކަމަށެވެ. އެ ގޮތުން މި ބިލް މަޖިލީހަށް ހުށައެޅުއްވީ ހިސާން ކަމަށާ ނަމަވދެސް އެއީ ހިސާންގެ ބިލެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި އެ ގޮތަށް ބިލްގެ ނަން ބޭނުން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީ ފިޔަވައި ސަރުކާރު ކޯލިޝަންގައި އޮތް ހުރިހާ ޕާޓީތަކުންވެސް ދެކޮޅު ހަދާ އެ ބިލްގެ ކޮމެޓީ މަރުހަލާ މިހާރު އޮތީ ނިމިފައެވެ. 100 ވުރެ ގިނަ ކައުންސިލުންވެސް އެ ބިލާ ދެކޮޅަށް ބަޔާން ނެރެފައިވާއިރު ބިލަށް މިހާރު ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ.

އެގޮތުން އިސްލާމީ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ހުށަހެޅި ނަމަވެސް އެ މާއްދާ ވަނީ އުނިކޮށްފަ އެވެ.

އޭގެ އިތުރުން ވަކި މީހަކީ ކާފަރުވެ މުރުތައްދުވެފައިވާ މީހެކޭ ބުނުން ކުށަކަށް ހަދަން ހިސާން ހުށަހެޅުއްވި މާއްދާ ވެސް ވަނީ އިސްލާހުކޮށްފަ އެވެ. އެގޮތުން ވަކި ހާލަތެއްގައި އެގޮތަށް ބުނެވިދާނެކަމަށް ކޮމިޓީން ނިންމި އެވެ. އެއީ މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ބުނެ ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ވުމެވެ. އެ މާއްދާގައި ބުނާ މުރުތައްދު ނުވަތަ ކުފުރުގެ އަމަލަކީ އިލްމުވެރިންގެ މެދުގައި އިއްތިފާގުވެފައި ހުންނަ ކަންކަމަށް ވާން ޖެހޭނެކަމަށް މިއަދު ފާސްކުރި އެވެ.

ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނަށް އިދިކޮޅު މީހެއް ކަމަށް އަދި އެފަދަ މާނައެއްގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތުކުރުން ވެސް ކުށަކަށް ހަދަން މިއަދު ވަނީ ފާސްކޮށްފަ އެވެ. "އާންމު ތަންތަނަ" ކީ އާންމުކޮށް ހުޅުވާލެވިގެން އެންމެނަށް ވެސް ނުވަތަ ފީއެއް ދައްކައިގެން ނުވަތަ ދައުވަތުދީގެން ވަދެނިކުމެވެ ތަނަކަށް ވާން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ހަމަ އެހެންމެ ބްރޯޑްކާސްޓިން ވަސީލަތެއް ބޭނުންކޮށްގެން ޕްލެޓްފޯމެއްގައި ހިޔާލުބަދަލުކުރެވޭ ތަންތަނާއި ޓެކްނޮލޮޖީއާ އިންޓަނެޓް މެދުވެރިވެގެން ވެސް ހިޔާލު ބަދަލުކުރެވެން ހުންނަ ޕްލެޓްފޯމްތަކަކީވެސް އާންމު ތަންތަންކަމަށް މިއަދު ފާސްކުރި އެވެ.

ހަމަ އެހެންމެ މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ނުވަތަ ސިޔާސީ ވިސްނުމަށް ބަލައި މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން، އެފަދަ ކަމެއް ރޭވުމަށް ގޮވާލުން އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި ނުވަތަ އެމީހަކަށް ތަފާތުުކުރުމަށް ގޮވާލައި ނުވަތަ އެ އަމަލަށް ހިތްވަރު ދިނުން ކުށަކަށް ހަދަން ވަނީ ފާސް ކޮށްފައިވެއެވެ.