ހަބަރު

މައްޔިތުން އުފުލަން ދޯނިގަތުމުގައި ހަރަދުކުރީ މާލިއްޔަތު ގާނޫނާ ހިލާފަށް

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ނިންމުމުން މައްޔިތުން އުފުލަން އިސްލާމިކް މިނިސްޓްރީން ދެ ދޯނި ގަތުމުގައި ހަރަދުކޮށްފައި ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށާއި އަދި އެކަމުގައި ޒިންމާވާން ޖެހޭ އެންމެހާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ އިޖުރާއާތުތައް ފުރިހަމަކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ 2012 އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހުރި އޮޑިޓު ރިޕޯޓުތައް ދިރާސާކުރުމަށް ފަހު މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެކުލަވާލި ރިޕޯޓްގައި ގިނަ މައްސަލަތަކެއް ފާހަގަކޮށް އެތައް ކަމެއް ރަނގަޅު ކުރުމަށް ލަފާދީފައި ވެއެވެ.

އެ ރިޕޯޓް ފާސްކުރުމާ ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 51 މެމްބަރަކު ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައި ބުނީ މައްޔިތުން އުފުލަން ދެ ދޯނި ގަތުމަށް އިސްލާމިކް މިނިސްޓްރީން އެޗްޑިސީއާ ހަތަރު މިލިއަން ރުފިޔާ ހަވާލުކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ދޯނި މަރާމާތުކުރުމަށް 672,483 ރުފިޔާ އަދި އަނެއް ދޯނީގެ އިންޖީނު ހަލާކުވެގެން އެމްޓީސީސީގެ ޑޮކްޔާޑުގައި އޮތުމުގެ ސަބަބުން ޑޮކުޔާޑުގެ ފީގެ ގޮތުގައި އޭޕްރީލް، 18 2018 ގެ ނިޔަލަށް 706،012 ހަރަދުކޮށްފައިވާ ކަމަށެެވެ.

އަދި އެ ދޯނިތައް ބޭނުންކޮށްފައިވަނ އެންމެ ތިން މަސްދުވަހުގެ މުއްދަތަކަށް ކަމަށާއި އެއަށްފަހު މި އުޅަނދުތަކާމެދު އަމަލުކުރާނެ ގޮތެއް ނުނިންމައި އުޅަނދުތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ނުގެންދިޔުމުގެ ސަބަބުން އުޅަނދުތައް ވަރަށް ބޮޑަށް ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވީ އެންމެ އަވަހަކަށް އެ މައްސަލަ ބަލައި ނިންމުމަށް އެ ކޮމިޝަންގެ ދެންނެވުމަށް މިއަދު ވަނީ ފާސްކޮށްފަ އެވެ. ހަމަ އެހެންމެ އެ ދޯނި އިސްލާމިކް މިނިސްޓްރީން ގަނެ އެޗްޑީސީގެ ނަންމަތީ ރަޖިސްޓްރީކޮށްފައިވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށާއި އެކަމުގައި ފައިސާ ހަރަދުކޮށްފައިވަވާތީ ޒިންމާވާ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ އިޖުރާއާތުތައް ފުރިހަމަ ކުރުމަށް ފިނޭންސް މިނިސްޓްރީއަށް އެންގުމަށް ވެސް މިއަދު ފާސްކުރި އެވެ.