މޯލްޑިވްސް ކަސްޓަމްސް ސާވިސް

ދިވެހި ބަހުން ލިޔެފައިވާ ނަސޯރާ ދީނުގެ ލިޔުންތަކެއް އެތެރެކުރަން އުޅެފި

ރާއްޖެ އެތެރެކުރަން އުޅުނު، ދިވެހި ބަހުން ލިޔެފައިވާ ނަސޯރާ ދީނުގެ ލިޔުންތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައިފި އެވެ.

ކަސްޓަމުން މިއަދު ބުނީ ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެއަށް ގެންނަ ލިޔެކިޔުންތައް ބަލާ ފާސްކުރުމުގެ ތެރޭގައި ދިވެހި ބަހުން ލިޔެފައިވާ ނަސޯރާ ދީނުގެ މައުލޫމާތު ހިމެނޭ ލިޔުންތަކެއް ބޭރުގެ އެކިއެކި މީސްމީހުންގެ ނަމުގައި ރާއްޖެއަށް ފޮނުވަމުން އަންނަ ކަމަށެވެ. ނަސޯރާ ދީނުމުގެ މައުލޫމާތު ލިޔެފައިވާ މި ލިޔުންތައް ރާއްޖެއަށް ފޮނުވާފައި ހުންނަނީ ސިޓީއުރަ ކުރެވި ތަފާތު މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތައް އަދި އަމިއްލަ މީސްމީހުންނަށް އެޑްރެސްކޮށް ކަމަށެވެ. ނަމަވެސް މިހާތަނަށް ކަސްޓަމްސް އިން ބެލި ބެލުމުން މިކަމަކީ އެ ލިޔެކިޔުންތައް އެޑްރެސް ކޮށްފައިވާ މީހުންނަށް ނުވަތަ ކުންފުނިތަކާއި މުއައްސަސާތަކަށް އެނގުމަކާއި ނުލައި އޮޅުވާލުމުގެ ތެރެއިން ކުރަމުންދާ ކަމެއް ކަަމަށްވެސް ވަނީ ބުނެފައެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތައް ރާއްޖެއަށް ގެނައުމާއި އެ ފަދަ ފޮތްތައް އިޝްތިހާރު ކުުރުމާއި ދިވެހިންނަށް ދެއްކުމާއި އެފަދަ ގޮތްތަކުގެ މައުޒަރުތައް ބޭއްވުމާއި ވިއްކުމާއި ދިނުމާއި އާންމުކޮށް ފެންނާނެހެން ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދަށުން އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތައް ލިޔެފައި ހުންނަ ނުވަތަ އެފަދަ ކުރެހުން ހުންނަ ފޮތް، މަޖައްލާ އާއި ނޫސްފަދަ ތަަކެއްޗާއި ވާހަކައާއި މަންޒަރު އަޅާފައި ހުންނަ ފިލްމު ޓޭޕާއި ޑިސްކެޓް ފަދަ ތަކެއްޗާއި އިސްލާމްދީނަށް އިހާނެތިކޮށް ހިތޭފަދަ ތަކެތި ގެނައުމާއި އުފެއްދުމާއި ގެންގުޅުމާއި ވިއްކުމާއި ފެތުރުމަކީވެސް މަނާ ކަންތައްތަކެވެ.

ކަސްޓަމުން ބުނީ މިފަދަ ލިޔުންތައް ރާއްޖެ އެތެރެވިޔަ ނުދީ ކަސްޓަމުން ހިފަހައްޓަމުން އަންނަ ކަމަށާ އަދި އެފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވާ މީހުން ހޯދާ އެކަން ތަކުރާރުވިޔަ ނުދީ ހުއްޓުވުމަށް ފުލުހުންނާއި ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.