ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އަފްޣާން އިންޑިއާ އެމްބަސީ ބަންދެއް ނުކުރަން: އިންޑިއާ

އަފްޣާނިސްތާންގައި ހުންނަ އިންޑިއާ އެމްބަސީ ބަންދު ނުކުރާ ކަމަށް އެ ގައުމުން ބުނެފި އެވެ. އިންޑިއާއިން މިހެން ބުނީ އަފްޣާނިސްތާންގައި ހުންނަ އިންޑިއާ އެމްބަސީ އާއި ކޮންސިއުލޭޓް އޮފީސްތައް ބަންދު ކޮށްފި ކަމަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އަޑުފެތުރިފައި ވަނިކޮށެވެ.

އަފްޣާނިސްތާންގައި ހުރި އިންޑިއާ އޮފީސްތައް ބަންދުކޮށް ރައްޔިތުން އިންޑިއާއަށް ގެންދިއުމާ މެދު މަޝްވަރާ ކުރެވޭ ކަމަށް ވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވާހަކަ ދެކެވުނެވެ.

އިންޑިއާ އެމްބަސީއެއް އަފްގާން ވެރިރަށް ކާބުލްގައި ހުރެ އެވެ. އޭގެ އިތުރުން ހަތަރު ކޮންސިއުލާ އޮފީހަކުން ވެސް ޚިދުމަތް ދިނެވެ. އެހެން ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން ދެ އޮފީހެއް ބަންދުކުރި އެވެ. އެއީ އީރާން ބޯޑަރު ސަރަހައްދުގައި ހުރި ކޮންސިއުލާ އޮފީހާއި ޕާކިސްތާން ބޯޑަރު ސަރަހައްދުގައި ހުރި އޮފީހެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައި ބާރުތައް އަފްޣާން ސަރުކާރާ ހަވާލުކުރި ނަމަވެސް ތާލިބާނުން އަންނަނީ އަފްޣާންގެ ރަށްތައް ހިފައި އެމީހުންގެ އަމިއްލަ ވެރިކަމެއް ގާއިމު ކުރަމުންނެވެ. އަފްޣާންގައި ތާލިބާނުންގެ ބާރާއި ނުފޫޒު ގަދަވުމަކީ އެ ގައުމުގައި ތިބި ބޭރު ގައުމުތަކުގެ ރައްޔިތުންނަށް ވެސް ބޮޑު ނުރައްކަލަކަށް ވާނެ އެވެ.

އިންޑިއާ ރައްޔިތުން އަފްޣާނިސްތާނަށް ދަތުރު ކުރުމުގައި ބޭނުމެއް ނެތް ގޮތުގައި ދަތުރު ނުކުރަން އޮތީ އަންގާފަ އެވެ. ތާލިބާނުންގެ އަމަލުތައް ހުންނަ ގޮތުން މީހުން ކިޑްނެޕް ކުރުމާއި ވަގަށް ނެގުމަކީ އާންމު ހަރަކާތެކެވެ.

އިންޑިއާއިން ރައްޔިތުންނަށް ދީފައި އޮތް ނަސޭހަތަކީ އަފްޣާނިސްތާނަށް ނުގޮސް ފަރުޖެހެން ނެތް ކަމެއްގައި ނޫނީ އެ ގައުމަށް ދަތުރު ނުކުރުމަށާއި، ދެ ދަތުރެއް އެއްމަގަކުން ނުުކުރަން ވެސް ވަނީ އެދިފަ އެެވެ. އިންޑިއާއިން ބުނީ މީހުން ދަތުރުކުރާ އާދައަށް ޓެރަރިސްޓުން ފާރަވެރިވާނެ ކަމަށާއި ދަތުރުކުރާ އާދައަށް ބަދަލުކުރުން ބުއްދިވެރި ކަމަށެވެ.

އަފްޣާނިސްތާންގައި މަސައްކަތްކުރާ އިންޑިއާ ކުންފުނިތަކަށް ވެސް އިންޑިއާއިން ވަނީ ނަސޭހަތްތެރިވެފަ އެވެ. މުވައްޒަފުނާއި މުދާ ރައްކާތެރިކުރުމަށާއި ހަމަނުޖެހުމަކަށް މަގުފަހިކޮށްފާނެހާ ކަމަކުން ދުރުވުމަށް ވަނީ ގޮވާލާފަ އެވެ.