ހިސާން ބިލު

ހިސާން ބިލު: ޔައުގޫބު ހުށަހެޅުއްވި އިސްލާހުތައް ގެންގޮސްފި

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހެޅި އިސްލާހުތައް އަނބުރާ ގެންދަވައިފި އެވެ.

ހިސާން ހުށަހެޅުއްވި ބިލުގެ މަސައްކަތްތައް މިދިޔަ މަހުގެ 30 ވަނަ ދުވަހު ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް ބިލަށް އިސްލާހުތައް ޔައުގޫބް ހުށަހެޅުއްވި އެވެ. އެ އެ އިސްލާހުތައް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށް ވެސް ބައެއް އެމްޑީޕީގެ މެމްބަރުން އިއްޔެ ވިދާޅުވެފައި ވެއެވެ.

އެ ބިލު ފާސް ކުރުމުގެ ގޮތުން މިއަދު މަޖިލީހުގައި މިހާރު ވަނީ ބަހުސްތައް ފަށައިފަ އެވެ.

މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ޔައުގޫބް ހުށަހެޅުއްވި އިސްލާހުތައް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އަވަސް އަށް އިއްޔެ މައުލޫމާތު ދެއްވި އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ ޔައުގޫބް އެންމެ ފުރަތަމަ ހުށަހެޅުއްވި އިސްލާހު ތަކުގެ ތެރޭގައި ހިމެނޭ ކުށްތައް ދަރަޖަ ކުރުމުގެ ބައިގައި އިތުރަށް ރަނގަޅު ކޮށްލަން ޖެހޭ ކަމެއް ފާހަގަ ކުރެއްވިގެން ޔައުގޫބު އިތުރު އިސްލާހެއް ހުށަހެޅުއްވި ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތުން ޔައުގޫބަށް އެ ފުރުސަތު ދެއްވަން އެއްބަސްވީ ފަހުން ހުށަހަޅަން ބޭނުންވި އިސްލާހު ހުށަހެޅުމަށް ފަހު ކުރިން ހުށަހެޅި ހުށަހެޅުންތަކަށް ވޯޓަށް އަހަން ފުރުސަތު ނުދޭ ގޮތަށެވެ.

މެންބަރު ޔައުގޫބު ވިދާޅުވީ ކުރިން ހުށަހެޅި އިސްލާހު ތަކުގެ ތެރެއިން އިސްލާހެއްގައި އިނީ ދެ ކުށަކަށް ދެ އަދަބެއް ދޭން ހުށަހެޅިފައި ކަމަަށެވެ. އޭނާ ބޭނުން ވަނީ އެ ދެ ކުށަށް އެއް އަދަބެއް ދޭން ކަމަށާއި އަލުން އިސްލާހެއް ހުށަހެޅީ އެކަން ރަނގަޅު ކޮށްލުމަށް ކަމަށެވެ. ނަމަވެސް އޭނާ ހުށަހެޅުއްވި އިސްލާހާ މެދު މަޖިލީހުގެ ރިޔާސަތުން ވަކި ގޮތެއް އަންގާފައި ނުވާ ކަމަށް ޔައުގޫބް އިއްޔެ ވިދާޅުވި އެވެ.

ނަން ނުޖެހުމަށް ޝަރުތު ކުރައްވާ މައުލޫމާތު ދެއްވި އެމްޑީޕީގެ އެހެން މެމްބަރުން އިއްޔެ ވިދާޅުވީ ޔައުގޫބްގެ ހުރިހާ ހުށަހެޅުމެއް މަޖިލީހުގެ ތަޅުމަށް ގެންގޮސްގެން ވޯޓަށް އަހަން ފުރުސަތު ނުދީފިނަމަ ހިސާން ހުށަހެޅުއްވި ބިލް ބޭރު ކުރަން އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވޯޓު ދެއްވާނެ ކަމަށެވެ.

"ޔައުގޫބް އިސްލާހު ތަކެއް ހުށަހެޅުއްވި ނަމަވެސް އެއީ ޖުމްލަ ހަމަ ގިނަ މެންބަރުންތަކެއްގެ ވިސްނުމުގައި ހިމެނޭ އިސްލާހުތަކެއް. އެހެންވީމާ އެ އިސްލާހުތަކަށް ވޯޓަށް އަހަން ފުރުސަތު ނުދީފިނަމަ ބިލާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ރަސްމީކޮށް އިއުލާން ކޮށްފައިވާ މަޖިލީހުގެ 10 މެންބަރުންނާއި ގުޅިގެން 'ހިސާން ބިލު' ބޭރު ކޮށްލާނެ އެމްޑީޕީގެ މެންބަރުން އެބަތިބި،" މައުލޫމާތު ދެއްވި އެއް މެންބަރަކު ވިދާޅުވި އެވެ.

ޔައުގޫބު ކުރިން ހުށައަޅުއްވާފައިވާ އިސްލާހު ތަކުގެ ތެރޭގައި ހިމެނެނީ ގާނޫނުގެ 123 ވަނަ މާއްދާގެ ފަހަތަށް އިތުރުކުރުމަށް ހުށައަޅާފައިވާ 124 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ. ކުށް ކަނޑައެޅުމުގެ އެ މާއްދާއަށް ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ދީނީ އިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މައްސަލައެއްގައި އޭގެ ތެރެއިން ވަކި ރައުޔެއްގައިވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެ މީހަކަށް އަނިޔާވެރިވުމަށް ގޮވާލުމާއި އިސްލާމީ ޝަރީއަތުގައި މީހަކު ކުފުރުވެ މުރުތައްދުވެއްޖެ ކަމަށް ކަނޑައެޅުމަށް އޮތް މިންގަނޑުން ބޭރުވެ އާންމު ތަނެއްގައި މުސްލިމަކަށް ނިސްބަތްކޮށް އެ މީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ކުށެއް ކަމަށެވެ. ނަމަވެސް ވަކި ބަސްތަކަކީ ކުފުރުވެދާނެ ބަސްތަކެއްކަން ނުވަތަ ވަކި އަމަލުތަކަކީ ކުފުރުވެދާނެ އަމަލުތަކެއްކަން ބަޔާންކުރުމަށް މި މާއްދާ ހުރަސް ނާޅާ ކަމަށެވެ.

މީގެ އިތުރުން މާތްﷲ އާއި ކީރިތި ރަސޫލާ އާއި ކީރިތި ގުރުއާން އާއި ކީރިތި ރަސޫލާގެ ސުންނަތާއި އެކަލޭގެފާނުގެ އަހުލުބަައިތުންނާއި ސަހާބީންނާއި އަދި އިސްލާމްދީނާއި އިސްލާމީ ޝިއާރުތަކާމެދު ނަފުރަތު އުފެދޭ ގޮތަށް ފުރައްސާރަ ކުރުމާއި މަލާމަތް ކުުރުން ނުވަތަ އިސްލާމީދީނާއި ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުން ނުވަތަ ދޮގު މައުލޫމާތު ދިނުން ނުވަތަ މިފަދަ އަމަލަކަށް ހިތްވަރު ދިނުން ނުވަތަ މިފަދަ އަމަލެއް ކުރުމާއި އަދި ކުރުމުގައި ބައިވެރިވުމާއި ނުވަތަ އެކަމަށް ގޮވާލނުން ނުވަތަ އަމުރު ކުރުން ވެސް ކުށެއްގެ ގޮތުގައި ހިމަނަން ވަނީ ހުށަހަޅާފަ އެވެ.

ޔައުގޫބުގެ އިސްލާހުތަކުގައި ވަނީ ކުށްތައް ދަރަޖަ ކުރުމުގެ ބަޔާއި މަނާކުރުމުގެ ބަޔަށްވެސް އިސްލާހު ހުށައަޅުއްވާފަ އެވެ. މަޖިލީހުގެ ރިޔާސަތާއި އެމްޑީޕީގެ ބައެއް މެންބަރުންނާ ދެމެދު ހިޔާލުތަފާތުވުން އުފެދިފައިވަނީ ކުށްތައް ދަރަޖަ ކުރުމުގެ ބަޔަށް ޔައުގޫބް މިއަދު އަލުން ހުށަހެޅުއްވި އިސްލާހަކާ ގުޅިގެންނެވެ.

ޔައުގޫބުގެ އިސްލާހު ތަކުގައި މާނަކުރުންތައް ގެނެސްފައިވާ ގޮތށް ބަލާއިރު "އާންމު ތަނެއް" ކަމަށް ބުނެފައިވަނީ ވަނީ އާންމުން ހިނގާބިނގައިވާ ތަންތަނާއި، އެ ތަނަކަށް އާންމުން އައިސް އަދި އެނބުރި ގޮސް އުޅޭ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ތިބޭ ގޮތަށް ނުވަތަ އެކި ބޭނުންތަކުގައި އެއްވެ އުޅެވޭ ގޮތަށް ހުންނަ ތަންތަނާއި، ކަނޑައެޅިފައިވާ އަގެއް ދައްކައިގެން ނުވަތަ ދައުވަތެއް ދީގެން ނުވަތަ އެ ނޫންވެސް ގޮތަކުން އާންމުންނަށް ބައިވެރިވެވޭ ފޯރަމްތަކާއި، ހަބަރާއި މައުލޫމާތު އާންމުކުރާ އެހެނިހެން ވަސީލަތްތައް ކަމަށެވެ.

އަަދި "އަނިޔާވެރިވުމަށް ގޮވާލުން" ކަމަށް ބުނެފައިވަނީ މީހެއްގެ ނަފްސަށް ނުވަތަ މުދަލަށް ނުވަތަ އާއިލާއަށް ގެއްލުމެއް ދިނުމަށް ގޮވާލުމަށް ކަަމަށް ބުނެފައިވެ އެވެ. މީހަކު ކުރާ ކުށަކަށް އިސްލާމީ ޝަރީއަތުގަައިވާ ގޮތުގެ މަތިން ޝަރުއީ މަރުހަލާއަކުން އިސްލާމީ ޝަރީއަތުގައިވާ އަދަބެއް ދިނުމަށް ގޮވާލުން މި މާނައިގެ ތެރޭގައި ނުހިމެނޭ ކަމަށްވެސް އިސްލާހުގައިވެ އެވެ.

މީގެއިތުރުން "މުރުތައްދުވުން" ކަމަށް ބުނެފައިވަނީ ވަނީ އަހްލުއްސުންނަ ވަލް ޖަމާއަތުގެ ދީނީ އިލްމުވެރިންގެ މެދުގައި މުރުތައްދުވުމުގެ އަމަލެއް ކަމާއިމެދު ހިލާފެއް ނެތް އަމަލެއް ކުރުމަށް ކަމަށްވެސް ބުނެފައިވެ އެވެ.

ޖުޑިޝަރީ ކޮމިޓީން ބިލް ފާސްކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީން ދީފައިވާ ހިޔާލުތަކާއި ލަފާ ތަކާއި އެއްގޮތަށް ނޫން ކަމަށް ވިދާޅުވެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވެސް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.