ހިސާން ބިލު

ސަރުކާރުން ހިސާނު ބިލު ދިފާއު ނުކުރާތީ އެމްޑީޕީގެ ބައެއް މެމްބަރުން ކޯފާވެއްޖެ

ސަރުކާރުން ފޮނުވައިގެން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް "ހިސާން ބިލު" ހުށަހެޅުއްވި ނަމަވެސް އެ ބިލު ސަރުކާރުން ދިފާއުކުރަން މާބޮޑު މަސައްކަތްތަކެއް ނުކުރާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ބައެއް މެމްބަރުން ކޯފާވެއްޖެ އެވެ.

"ހިސާން ބިލު"ގެ މަސައްކަތް ޖުޑިޝަރީ ކޮމެޓީން ނިންމައި އެ ބިލު ފާސް ކުރުމުގެ ގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސްތައް ކުރިއަށް ދާއިރު އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ބޭނުންވީ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލައިގެން އިސްލާހު ކުރުމަށެވެ. ނަމަވެސް އެ ބިލު މިއަދު ކޮންމެހެން ފާސްކުރަން އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުންވި އެވެ.

ބިލުގެ ބަހުސްގައި ބައިވެރިވެލެއްވި ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވުމަށް ފަހު އެ ބިލުގެ ދިފާއުގައި ސަރުކާރުން ނުނިކުންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ދެން އެންމެ މުހިންމު ކަންބުވުމެއްގެ ގޮތުގައި އިމްތިޔާޒް ފާހަގަކުރެއްވީ ބިލު ހުށަހެޅުއްވި ހިސާނުގެ ފުރާނައަށް ނުރައްކާވާ ވަރަށް ކުރިމަތިވެވަޑައިގެންނެވި ބިރުވެރިކަމެވެ. ހަމަ އެހެންމެ ބިލު ދިރާސާކުރި ޖުޑިޝަރީ ކޮމިޓީގެ މެމްބަރުންނަށް ވެސް ނުރައްކާތައް ކުރިމަތިވި ކަމަށެވެ.

ބަހުސްގައި ބައިވެރިވެލެއްވި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ތާއިދުކުރެއްވީ އާޒިމް ހުށަހެޅުއްވި ގޮތަށް ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށެވެ. ނަމަވެސް ސަރުކާރުން ބިލު ސްޕޮންސާ ކުރުމަށްފަހު ހިސާންގެ ދިފާއުގަިއ ނުނުކުންނެވުމުން ނެވެ. އަދި ހިތްވަރު ނެތްނަމަ އެފަދަ ބިލުތައް ނުފޮނުވުމަށް އޭނާ ގޮވާލެއްވި އެވެ.

ބަހުސްގައި ބައިވެރިވެެލެއްވި އީވާގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ ބިލާއެކު ހިސާނަށް ކުރިމަތިވި ނުރައްކަލެވެ. އަދި އެ ބިރުވެރިކަމުގެ ތެރޭގައި ވެސް ހިސާންގެ ދިފާއުގައި އެއްޗެއް ވިދާޅުވީ ހަމައެކަނި އެޓާނީ ޖެނެރަލް ކަމަށް އެކަނިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.