ފިނިޕޭޖް

އާމިރު ހާންގެ ތިން ވަނަ އަންބަކަށް ވާނީ ފާތިމާ ސަނާ ޝޭހު ތަ؟

އާމިރު ހާނާއި ކިރަން ރާއޯ ވަރިވާކަން އިއުލާން ކުރުމާ ގުޅިގެން ވަރަށް ގިނަ ބަޔެއްގެ ސަމާލު ކަމަށް ފާތިމާ ސަނާ ޝޭހް އަތުވެއްޖެ އެވެ. ގިނަ ބަޔަކު ބުނަނީ ކިރަން އާއި އާމިރު ވަރިވާން ޖެހުނީ އާމިރުގެ "ދަންގަލް" ގެ އެއް ބަތަލާ ފާތިމާގެ ސަބަބުން ކަމަށެވެ.

ފާތިމާ އާއި އާމިރުގެ ސިއްރު ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ އަޑުތަކެއް ފެތުރޭތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެ ވާހަކަތައް ފުރަތަމަ ދެކެވެން ފެށީ "ދަންގަލް" އިން ފާތިމާ އަށް މުހިއްމު ރޯލެއް އާމިރު ދިން ހިސާބުންނެވެ. އޭގެ ފަހުން އާމިރު ކުޅުނު "ތަގްސް އޮފް ހިންދުސްތާން" ގައި ވެސް ފާތިމާ ބައިވެރި ކުރީ އާމިރުގެ ނުފޫޒުން ކަމަށް އޭރު އަޑުތައް ފެތުރުނެވެ.

"ދަންގަލް" ކުޅުނު އިރުއްސުރެ ފެށިގެން އާމިރުގެ ސިއްރު ލޯބިވެރިއެއްގެ ގޮތުގައި ފާތިމާ ގެންގުޅެމުންދާ ކަމަށް ދެކެވޭ ވާހަކަތަކަށް އާމިރު ވަކި ޖަވާބެއް މިހާތަނަށް ދީފައެއް ނުވެ އެވެ. ނަމަވެސް ފާތިމާ ބުނަނީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

ނަމަވެސް މި ވާހަކަތަކުގެ އަޑު އިތުރަށް މިހާރު ގަދަވެފައި ވަނީ ކުއްލިއަކަށް ކިރަން ވަރިކުރަން އާމިރު ނިންމުމުންނެވެ.
މިހާރު އެންމެން ވެސް ކުރަނީ އެއް ސުވާލު ތަކެކެވެ. އާމިރުގެ ތިން ވަނަ އަންބަކަށް ފާތިމާ ސަނާ ޝޭޚް ވެދާނެ ހެއްޔެވެ؟ ފާތިމާ އާ އާމިރު ކައިވެނި ކޮށްފިނަމަ އެ ކައިވެނި ދެމި އޮންނާނީ އަނެއްކާ ކިހާ ދުވަހަކަށްތޯ ވެސް ބައެއް މީހުން ސުވާލު ކުރެ އެވެ.

ޔަގީންވާ ކަމަކީ އާމިރުގެ ހިތުގައި ހާއްސަކަމެއް ފާތިމާއަށް އޮންނަ ކަމެވެ. އޭނާ ކުޅޭ ކޮންމެ ފިލްމަކަށް ވެސް ފާތިމާ ލާން ބޭނުންވާ ކަމެވެ.

އުމުރުން 29 އަހަރުގެ ފާތިމާ އާމިރަށް ވުރެ 27 އަހަރު ހަގެވެ.