އެމްއައިޓީޑީސީ

ކާށިދޫ ބިމަށް އެމްއައިޓީޑީސީން ކުއްޔެއް ނުދޭ

ކ. ކާށިދޫގައި ގެސްޓް ހައުސް ޕްރޮޖެކްޓެއް ހިންގަން މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އަށް ދޫކޮށްފައިވާ ބިމުން މިހާތަނަށް އެއްވެސް ވަރަށް ކުލި ލިބިފައި ނުވާ ކަމަށް ކާށިދޫ ކައުންސިލުން ބުނެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ބިމަކީ އެރަށުގައި ވަކި ވަކި ގެސްޓްހައުސްތަކެއް ހަދަން އެމްއައިޓީޑީސީ އަށް ދީން ބިމެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ކާށިދޫން ބޮޑު ބިމެއް އެމްއައިޓީޑީސީއަށް ދީފައި ވަނީ އޭރު އޮތް ކައުންސިލްގެ ލަފައެއް ނެތި އެވެ. އެ ބިމުގައި އެމްއައިޓީޑީސީން 60 ކޮޓަރީގެ ގެސްޓްހައުސްއެއް އަޅަން ބިންގާ އެޅީ މާޗް 26، 2018 ގައެވެ. އިތުރު ގެސްޓްހައުސްތަކެއް އަޅަން ވެސް ނިންމާފައިވެ އެވެ. އޭގެ ފަހުން އެ ބިމުގައި އިމާރާތެއްގެ އޮނިގަނޑު ހެދުން ފިޔަވާ އިތުރު އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެއެވެ.

ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު މިއަދު ވިދާޅުވީ އެމްއައިޓީޑީސީ އަށް އެ ރަށުން ދޫކޮށްފައިވާ ބިމުން އެއްވެސް އާމްދަނީއެއް އެ ރަށުގެ ރައްޔިތުންނަށް ނުލިބޭއިރު ވަޒީފާގެ ފުރުސަތެއް ވެސް ނެތި އަހަރުތަކެއް ވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"ކުރިން މިގޮތަށް ހަވާލު ކުރެވިފައި ހުރި ބިންތައް އުސޫލެއްގެ ދަށުން މިހާރު ވަނީ ކައުންސިލާ ހަވާލު ކުރެވިފައި. އެކަމަކު އެމްއައިޓީޑީސީގެ ބިމާ ބެހޭ ގޮތުން ސިދާ އެއްޗެކޭ ބުނެވޭނީ ބައެއް ކަންކަން ބެލުމަށް ފަހު. އަދި އެ ބިމާ މެދު ކައުންސިލުން ގޮތެއް ނިންމަންޖެހޭނަމަ އެކަމެއް ކުރާނެ" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއައިޓީޑީސީ އަށް ކާށިދޫން ދީފައިވާ ބިމަކީ ކުރީގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީން ދީފައިވާ ބިމެއް ކަމަށެވެ. އެއީ އެ ރަށުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާކޮށް ރަށަށް ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެން ދާނެ މަޝްރޫއަކަށް ވާތީ އެމްއައިޓީޑީސީގެ ބިމާ މެދު ގޮތެއް ނިންމުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީއާ ވެސް މަޝްވަރާ ކުރާނެ ކަމަށެވެ.

"ޓޫރިޒަމް މިިނިސްޓްރީން ވަނީ ބައްދަލުވުމެއް ހަމަޖައްސާފައި. އެކަމަކު އަދި ސީދާ ތާރީހެއް ނުލިބޭ. ތާރީހެއް ލިބި މަޝްވަރާ ކުރުމަށް ފަހު ކައުންސިލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ،" އާމިރު ވިދާޅުވި އެވެ.

ކާށިދޫގައިވާ އެމްއައިޓީޑީސީގެ ބިމުގައި އަޅާފައިވާ އިމާރާތުގެ އޮނިގަނޑު ހަދާފައިވަނީ ޗައިނާގެ ކުންފުންޏަކުންނެވެ. ކުރީގެ ސަރުކާރުގައި އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ބިޑް ނުކޮށެވެ. އެ ކުންފުނީގެ ނަމާއި ބިމުގެ ބޮޑު މިން ސަރުކާރުން އެއްވެސް އިރަކު ބުނެފައެއް ނުވެއެވެ.

ކާށިދޫ ގެސްޓްހައުސް ޕްރޮޖެކްޓަށް އެއް މިލިއަން ޑޮލަރުގެ ލޯނެއް އެމްއައިޓީޑީސީގެ ކުރީގެ މެނޭޖްމަންޓުން ނަގާފައިވެ އެވެ. އަދި އޭގެ ތެރެއިން ފަސް ލައްކަ ޑޮލަރު ޗައިނާގެ ކުންފުންޏަށް ދީފައިވެ އެވެ. އެކަމަކު ސަރުކާރު ބަދަލުވެ، 2019 ވަނަ އަހަރު އެމްއައިޓީޑީސީގެ އާ މެނޭޖްމަންޓުން ވަނީ ޗައިނާ ކުންފުނި މަސައްކަތުން ވަކިކޮށްފަ އެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި އާ މެނޭޖުމަންޓުން މިހާރު ވަނީ ކާށިދޫ ޕްރޮޖެކްޓް ކުރިއަށް ގެންދަން އެމްއައިޓީޑީސީން ކުރިން ނަގާފައިވާ ލޯނާއި ހަވާލުވާ ގޮތަށް އެ ޕްރޮޖެކްޓް ވެސް ތަރައްގީ ކުރާނެ ކުންފުންޏެއް ހޯދާފަ އެވެ. އެއީ ކޮން ކުންފުންޏެއް ކަންވެސް އެމްއައިޓީޑީސީއަކުން ނުބުނެ އެވެ.