ޓެކްނޯލޮޖީ

އެޕަލް އެއާޓެގް: ވަގަށް ނަގާ ތަކެތި ހޯދައިދެނީ

އެޕަލްގެ އެއާޓެގަކީ ވަރަށް މުހިންމު އަދި އެހާ ބޭނުންތެރި ޑިވައިސްއެއްކަން އެމެރިކާގެ ބޮސްޓަން ފުލުހުން ތަޖުރިބާކޮށްފި އެވެ. ފުލުހުން ވަނީ ވަގަށް ގެންގޮސްފައިވާ ބައިސްކަލެއް އެއާޓެގެއްގެ އެހީތެރި ކަމާއެކު ހޯދާފަ އެވެ.

ބައިސްކަލުގެ ވެރިމީހާ، ޖީން ގޯޓާ ބުނީ މަޑިދަށުގައި އޮތް ކުޑަ ދަބަހެއްގައި އެއާޓެގެއް ފޮރުވީ މިކަހަލަ ހާދިސާއެއް ދިމާވެދާނެ ކަމަށެވެ. އަދި އެއާޓެގް ބޭނުން ހިފައި ބައިސްކަލު ހޯދޭނެ ކަމަށް އޮތް އިތުބާރުގައި ކަމަށެވެ.

ޖީން ގޯޓާ ބުނީ ބައިސްކަލު ވަގަށް ގެންދިޔައީ ޖުލައި ހަތަރު ވަނަ ދުވަހު އޭނާގެ ގޭގެ ބޭރުގައި ޕާކްކޮށްފައި ހުއްޓާ ކަމަށެވެ. އޭނާ ޕޮލިހަށް މި މައްސަލަ ހުށަހެޅީ އެއާޓެގާ ބެހޭ މައުލޫމާތާއެކުގައި ކަމަށެވެ. އަދި ބައިސްކަލު ދުއްވާފައި ހުރި ޗާޓް ވެސް ފުލުހުންނަށް ހުށަހެޅި ކަމަށް އޭނާ ބުންޏެވެ.

މިފަދަ ހާދިސާތައް މިހެން ދިމާވި ނަމަވެސް، އެޕަލްއިން ބުނީ ފަސޭހައިން ވަގަށް ގެންގޮސް ފާނެ ކަމަށް ބެލެވޭ އައިޓަމްތަކުގައި އެއާޓެގް ހަރުކުރަން ނުފެންނަ ކަމަށެވެ. އަދި ކުޑަކުދިންނާއި ގޭގައި ގެންގުޅޭ ޖަނަވާރުންގެ ގައިގައި ވެސް އެއާޓެގް ނޭޅުވުމަށް ވެސް އެޕަލް އެދެ އެވެ.

އެޕަލްއިން މިފަދަ ބޭނުންތަކުގައި އެއާޓެގް ބޭނުން ނުހިފުމަށް ނަސޭހަތްތެރިވާ ސަބަބަަކީ ވަގަށް ގެންގޮސްފައިވާ ތަކެތި އަމިއްލައަށް ހޯދަން އުޅެގެން އަނިޔާއެއް ވެދާނެތީ ކަމަށް ވެސް ބައެއް މީހުން ދެކެ އެވެ.

އެޕަލް އިން އެއާޓެގް އުފެއްދި ބޭނުމަކީ އާންމުކޮށް މީހުން އަތުން ގެއްލޭ ފަދަ ތަކެތި – ބްރީފްކޭހާއި ތަޅުދަނޑި އަދި ދަބަސް ފަދަ ތަކެތި ބޭއްވޭ ތަން ހަނދާން ނެތޭ ފަހަރެއްގައި ވެސް ފަސޭހަ ކަމާއެކު ހޯދާލުމަށެވެ.