މާލޭ ސިޓީ ކައުންސިލް

ގަރާޖު ސިޓީ ދޫކުރުމުގެ ބާރު ސިޓީ ކައުންސިލަށް

Jul 12, 2021

މާލެ ސަރަހައްދުގައި ވެހިކަލް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ދޫކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ނިންމައިފި އެވެ.

މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ކުރިން އެފަދަ އުޅަނދުތައް ބާއްވާނެ ގަރާޖެއް ދައްކަންޖެހެ އެވެ.

އެފަދަ ގަރާޖުތައް ބަލައި ޗެކް ކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް މީގެކުރިން ކުރަމުން ދިޔައީ ޓްރާންސްޕޯޓް އޮތޯރިޓީންނެވެ.

އެ އޮތޯރިޓީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ގަރާޖުތައް ބަލައި ޗެކް ކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލުން ކަމަށެވެ.

މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ކުރިން އެފަދަ އުޅަނދުތައް ބާއްވާނެ ގަރާޖެއް ދައްކަންޖެހޭތީ އެކަމުގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާ ކަމަށް ބުނެ ކުރާ ތުހުމަތުތައް ވަރަށް ގިނަ އެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކުން މިފަދަ ބައެއް މައްސަލަތައް ބަލާފައިވާއިރު އެއް ގަރާޖަކަށް އެތައް ސަތޭކަ އުޅަނދެއް ރަޖިސްޓްރީ ކޮށްދީފައި ހުންނަ މައްސަލަތައް ވަނީ ފާހަގަކުރެވިފަ އެވެ.