ރައީސް އަބްދުﷲ ޔާމީން

ޔާމީން ހާޒިރުކުރަނީ ފޯކަސް އަނބުރާލަން: އިދިކޮޅު

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ މައްސަލައިގެ ތަހުގީގެއް އަލުން ފަށާފައި ވަނީ ސަރުކާރާއި މެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުންތައް އިތުރުވެ ރައްޔިތުންގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވަމުންދާ މި ދަނޑިވަޅުގައި ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމުގެ ބޭނުމުގައި ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން މިހެން ބުނެފައިވަނީ ދެ ފަހަރެއްގެ މަތިން ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރުމާއި ގުޅިގެންނެވެ.

އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވަނީ މައްސަލަ ކުރިއަށް ގެންދާ ގޮތާއިމެދު ރައީސް ޔާމީންގެ ފަރާތްޕުޅުން އެކަން ސާފުކޮށްދިނުމަށް އެދި ސުވާލު ކުރުމުންވެސް އެކަމަށް އިޖާބަ ދިނުމެއް ނެތި މަޖުބޫރުން ތަހުގީގު ނިމިފައިވާ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށް ކުރަމުން ގެންދާ މަސައްކަތަކީ ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވެގެންދާ ކަމެއް ކަަމަށެވެ. މިފަދައިން ތަހުގީގު ނިމި ބަޔާން ތައް ނަގާ ބަޔާންތަކުގައި ސޮއިކޮށް ނިމިފައިވާ މައްސަލަތައް އިރުއިރުކޮޅާ ނަގާ ތަހުގީގުތައް ތަކުރާރު ކުރާނަމަ އެއްވެސް މައްސަލައެއްގެ ތުހުމަތުގައި ހުންނަ ފަރާތެއްގެ ތަހުގީގު ނިމޭނެ ދުވަހެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށްވެސް ވަނީ ބުނެފައެވެ.

".. ރައީސް ޔާމީންގެ މައްސަލައިގެ ތަހުގީގެއް އަލުން ފަށާފައި މި ވަނީ ސަރުކާރާއި މެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުންތައް އިތުރުވެ ރައްޔިތުންގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވަމުންދާ މި ދަނޑިވަޅުގައި ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމުގެ ބޭނުމުގައި. ހަމައެއާއެކު އެ މައްސަލައިގެ ތެރެއަށް އިތުރު ކަންކަން ވައްދާ އެ މަނިކުފާނަށް ދެމުން ގެންދާ ނުހައްގު އަނިޔާ ތަކުރާރު ކުރުމުގެ ބޭނުމަކީ ސަރުކާރު ނިސްބަތްވާ ޕާޓީ ކުދިން ރުއްސުމަށް ހިންގާ ސިޔާސީ ހަރަކާތެއްގެ ގޮތުގައި ރައްޔިތުންވެސް އެކަން ސިފަ ކުރަމުންދާ ކަން ފާހަގަ ކުރަން،"

އެ ބަޔާނުގައި ވަނީ ފުލުހުންގެ މުއައްސަސާއިން ސިޔާސީ ނުފޫޒުތަކަށް ތަބާވުމެއް ނެތި ގާނޫނު ތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ކުރުމަށްވެސް ގޮވާލާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އާއި ސިޔާސީ ފަރާތްތަކުންވެސް ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލައި ރައީސް ޔާމީނަށް ދެމުން ގެންދާ އަނިޔާ ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ.