ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ފަންނީ މީހުންނަށް ހާއްސަ ސަނަދެއް ދެނީ

ފަންނުވެރިންގެ މަސައްކަތް ބަލައިގަނެ އެ މީހުންނަށް ސަނަދެއް ދޭން ނިންމައިފި އެވެ.

ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓުފިކެޓެއް ނެތި، އެއް ބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއް ވަޒީފާއެއްގައި ދެމިތިބޭ މުވައްޒަފުންގެ ފަންނުވެރިން ބަލައިގަނެ އެމީހުންނަށް ސަނަދު ދިނުމާ ގުޅޭ އުސޫލެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ އާންމު ކޮށްފަ އެވެ.

"ނެޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓިފިކޭޝަން" ގެ ނަމުގައި ގަވައިދެއް އެކުލަވައިލީ ސެޓްފިކެޓެއް ނެތި ފަންނީ މަސައްކަތްތަކުގައި އުޅޭ މީހުންގެ ހުނަރު ހުރިތޯ ބަލައި މަތީ ހަރުފަތްތަކަށް ވާސިލުވުމުގެ ފުރުސަތު އެމީހުންނަށް ހޯދައި ދިނުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ތައުލީމާއި ތަމްރީން ދިނުމުގެ ގައުމީ ނިޒާމުގެ ތެރެއިން ޓްރޭޑް ޓެސްޓިން ދޭނެ އުސޫލެއް ގާއިމްކޮށް އެ ފަރާތްތަކަށް ސަނަދު ދެވޭނެ އިންތިޒާމެެއް ހަމަޖެއްސުމުގެ ގޮތުން ކަަމަށެވެ.

އެ ގަވައިދުގެ ދަށުން ފަންނީ މީހުންނަށް ސަނަދު ދޫކުރަނީ ހާއްސަ އިމްތިހާނެއް ހެދުމަށް ފަހު އެވެ.

ޓްރޭޑް ޓެސްޓިން ކުރިޔަށް ގެންދަން ތަމްރީން ދޭ ފަރާތް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީ ކުރަން ޖެހޭ އިރުު ޓްރޭޑް ޓެސްޓިންގައި ބައިވެރިވާން އެދޭ ފަރާތް ތަމްރީން ދޭ ފަރާތްތައް މެދުވެރިކޮށް އެ އޮތޯރިޓީގައި ރަޖިސްޓްރީ ވެސް ވާން ޖެހޭނެ އެވެ.

އެ އިމްތިހާންގައި ބައިވެރި ވެވޭނީ ވަކި ޝަތުރުތަކެއް ވެސް ފުރިހަމަ ވެގެނެވެ. އޭގެ ތެރޭގައި ރަށު ފެންވަރުގައި ބަލައިގަންނަ މިންވަރަށް ފަންނީ ހުނަރުވެރި މަސައްކަތެއް ކުރާ މަދުވެގެން ފަސް އަހަރުވެފައިވުމާއި ފަންނީ ހުނަވެރިވެ މަސައްކަތްތެރިކަމުގެ ވަޒީފާއެއްގައި މަދުވެގެން ފަސް އަހަރު އުޅެފައިވުން ހިމެނެ އެވެ.

އިމްތިހާންގައި ބައިވެރިވި މީހުންގެ ކިބައިގައި އެކަށީގެންވާ ވަރަށް ހުނަރުހުރިކަން ކަށަވަރުކޮށް އެސެސްމަންޓްތަކުން ފާސްވެއްޖެނަމަ މޯލްޑިވްސް ނެޝެނަލް ސްކްލިކްސް ޑިވޮލޮޕްމަންޓް އޮތޯރިޓީން ގަބޫލުކުރާ ނެޝެނަލް ސެޓްފިކެޓެއް ދޭނެ އެވެ.