އިސްލާމިކް މިނިސްޓްރީ

މިއަހަރު ތެރޭ ރުގްޔާ ފަރުވާގެ އުސޫލެއް ހަދަނީ

ރުގްޔާގެ ފަރުވާ ދޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ކަނޑައަޅާ ރަސްމީ އުސޫލެއް އެކުލަވާލައި މި އަހަރުގެ ތެރޭގައި ގެޒެޓް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ރުގްޔާ އުސޫލެއް ކަނޑައެޅުމާ ބެހޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަވަސް އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ރުގްޔާ ކުރުމުގެ ނަމުގައި ރާއްޖޭގައި ބަޔަކު މީހުން ނާޖާއިޒް ފައިދާ ނަގާ ކަމަށާއި އެފަދަ އެތައް މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރުގްޔާގެ ފަރުވާ ދޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކޮށް އުސޫލެއް އެކުލަވައިލަން މަސައްކަތް ކުރާ ކަމަށާއި އެފަދަ އުސޫލެއް ގެނައުމުގެ ބޭނުމަކީ ވަކި ފެންވަރެއްގެ، ވަކި ބެކްގްރައުންޑެއްގެ ބަޔަކަށް ރުގްޔާ ކުރުމުގެ ހުއްދަ ދިނުމާއެކު މިހާރު ފެންމަތިވާ މައްސަލަތައް ހުއްޓުވުން ކަމަށެވެ.

މިހާރު އޮންނަ ގޮތުން ކޮންމެ މީހަކަށް ވެސް ރުގްޔާ ކުރެވެ އެވެ. ހުއްދަ އެންމެނަށް ވެސް އޮންނާތީ އާއި ބޮޑު އަގު ނަގައި ވިޔަފާރީގެ ގޮތު ނާޖާއިޒު ފައިދާއަށް ރުގްޔާ ކުރާތީ އާންމުންގެ ކަންބޮޑުވުން އޮވެއެވެ. ނަމަވެސް މިނިސްޓަރު ޒާހިރު ވިދާޅުވީ ޝަރުއީ ރުގްޔާ ކުރަން އެނގޭނީ ދީނީ ބެކްގްރައުންޑެއް އޮތް ކިޔަވައިގެން ހުރި މީހަކަށް ކަމަށެވެ.

"މިހާރު ރުގްޔާ ކުރުމުގެ މަސައްކަތުގައި ކަމުގެ އިލްމު ނުދަންނަ މީހުން ވެސް ހަރަކާތްތެރިވޭ،" ޒާހިރު ވިދާޅުވި އެވެ.

ރުގްޔާ ކުރާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތައް ކަނޑައަޅާ އުސޫލެއް އެކުލަވާލުމުން ރުގްޔާ ކުރުމުގެ ހުއްދަ ލިބޭނީ އިސްލާމިކް މިނިސްޓްރީގެ ހުއްދައަކާ އެކުގަ އެވެ.

ޝަރުއީ ރުގްޔާ ކުރުމުގެ ނަމުގައި ޖިންސީ އަނިޔާ ކުރާ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ފެންމަތިވެ އެވެ. އެފަދަ މައްސަލަތަކުގެ ޝިކާރައަކަށް ގިނަ ފަހަރު ވަނީ އަންހެނުންނާއި ކުޑަކުދިންނެވެ. މިދިޔަ އަހަރު ވެސް ރުގްޔާ ކުރުމުގެ ނަމުގައި އުމުރުން 30 އަހަރުގެ އަންހެނަކާއި އޭނާގެ ހަތް އަހަރުގެ ކުއްޖަކަށް ތިން މަސް ވަންދެން ގޭގައި ބަންދުކޮށް ލާއިންސާނީ އަނިޔާ ދިން މައްސަލައެއް ފެންމަތިވި އެވެ.