ބޭރު ކުޅިވަރު

މެސީގެ ފަޔަށް، ރާމޯސްގެ ކޮނޑަށް އެކަކު ވެސް ހަމަލާނުދޭނެ: ސުއަރޭޒް

މާދަމާ ނޫން އަނެއް ދުވަހުގެ ރޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅޭ އެލްކްލެސިކޯ މެޗުގައި ބާސެލޯނާގެ ލަޔޮނަލް މެސީގެ ފަޔަށް، އަދި ރެއާލްގެ ސާޖިއޯ ރާމޯސްގެ ކޮނޑަށް ވެސް އެކަކު ވެސް ހަމަލާނުދޭނެ ކަމަށް ބާސެލޯނާގެ ލުއިސް ސުއަރޭޒް ބުނެފި އެވެ.

އުރުގުއޭގެ ފޯވަޑް މިހެން ބުނީ ސާޖިއޯ ރާމޯސް ތަދުކަނޑުވާ އިންޖެކްޝަން ޖަހައިގެން މި މެޗުގައި ކުޅެން ނިންމުމުންނެވެ. ރާމޯސްގެ ވާތު ކޮޑަށް އަނިޔާވީ ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅެނިކޮށް ވެއްޓިފަ އެވެ. މި އަނިޔާއިން އަދި މުޅިން ސަލާމަތްނުވާތީވެ ރާމޯސްއަށް މި މެޗުގައި ކުޅެވޭނެކަން މިހާތަނަށް އޮތީ ޔަގީނެއްނުވެފަ އެވެ. ނަމަވެސް މެޗަށް ނުކުތުމަށް އޮތް އެންމެ ފަހުގެ ހައްލަކީ ތަދުކަނޑުވާ އިންޖެކްޝަން ބޭނުންކުރުން ކަމަށް މިހާރު ވަނީ ނިންމާފަ އެވެ.

އަނެއްކޮޅުން މެސީ މި މެޗަށް މި ނުކުންނަނީ ސެޕްޓެމްބަރު މަހު ފަޔަށް ލިބުނު އަނިޔާ ރަނގަޅުވިތާ އެންމެ ހަތަރު ދުވަސް ފަހުންނެވެ.
"އަހަންނަކަށް ހިޔެއްނުވޭ އެއްވެސް މީހަކު ރާމޯސްގެ ކޮނޑުގައި ޖަހާނެހެން. އަދި އަހަންނަށް ހޔެއް ނުވޭ އެކަކު ވެސް މެސީގެ ފައިގައި ޖަހަން މަސައްކަތްކުރާނެހެން. އަހަރުމެންނަކީ ރަހުމަތްތެރިބައެއް،" ސުއަރޭޒް ބުންޏެވެ.

މި މެޗަށް ރެއާލްގެ ކީޕަރި ކޭލާ ނަވާސް ވެސް މިހާރު ވަނީ އަނިޔާގައި ހުރުމަށްފަހު ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފަ އެވެ. އަދި ބާސެލޯނާއިން ލަޔޮނަލް މެސީ އާއި އިވާން ރަކިޓިކް ވެސް ވަނީ އަނިޔާއިން މުޅިން ސަލާމަތްވެގެން ޓީމާއެކު ފަރިތަކުރަން ފަށައިފަ އެވެ.