އަބްދުﷲ ކަމާލުއްދީން

ޝަރުތު ހަމަނުވާތީ ޕާޓީ އުފައްދަން ކަމާލުއްދީނަށް ހުއްދަ ނުދިން

Jul 14, 2021

ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ އަހަރު ތަކެއް ވަންދެން ހިދުމަތް ކުރެއްވި އަބްދުﷲ ކަމާލުއްދީން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅުއްވި ފޯމް، އިލެކްޝަންސް ކޮމިޝަނުން ބާތިލްކޮށްފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަބްދުﷲ ކަމާލުއްދީން މިއަދު ހުށަހެޅުއްވި ބާތިލްކުރީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ ކަމަށެވެ.

ފުއާދު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އަބްދުﷲ ކަމާލުއްދީން ހުށަހެޅުއްވިއިރު އޭނާގެ ނަން އެމްއާރްއެމްގެ މެންބަރެއްގެ ގޮތުގައި އެބައޮތެވެ.

"ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅޭ ގޮތަކުން ނޫން މިއޮންނަނީ. އެއްވެސް ޕާޓީއެއްގައި މެންބަރެއްގެ ގޮތުގައި ނެތް ބޭފުޅަކަށް ޕާޓީއެއް އުފެއްދުމަށް ހުށަހެޅުއްވޭނީ،" ފުއާދު ވިދާޅުވި އެވެ.

އެމްއާރްއެމް އަކީ އަބްދުﷲ ކަމާލުއްދީން އެންމެ ފަހުން ހުންނެވި ސިޔާސީ ޕާޓީ އެވެ. އެޕާޓީގެ ދަފްތަރުން އޭނާގެ ނަން އަދި އުނިކޮށްފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް އަބްދުﷲ ކަމާލުއްދީން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެމްއާރްއެމް އިން ވަކިވެވަޑައިގެންފަ އެވެ.

އޭނާ އުފައްދަން މަސައްކަތް ކުރައްވާ ޕާޓީގެ ނަމަކީ "މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ އެވެ.

ކަމާލުއްދީން ވިދާޅުވީ އާ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރި ކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔަ ނަމަވެސް ގައުމުގައި ހައްލު ނުކުރެވި ގިނަ މައްސަލަތަކެއް އެބަހުރި ކަމަަށެވެ. އިސްލާމްދީނަށް ނަސްރުދީ ގައުމުގެ ސިޔާދަތު ދަމަހައްޓާ ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމާއި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަ ކުރަން އާ އަޒުމެއްގައި އާ ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށެވެ.

އެގޮތުން އޭނާއާ އެއް ހިޔާލުގެ އަދި އެއް ފަލްސާއެއްގައި މަސައްކަތް ކުރެވޭނެ މީހުންގެ ލަފާގެ މަތިން "މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށައަޅާފައިވާ ކަމަށް ކަމާލުއްދީން ވިދާޅުވި އެވެ. ޕާޓީއާ ގުޅޭ އިތުރު މައުލޫމާތު އިލެކްޝަންސްގެ ހުއްދައަށް ފަހު ހާމަކުރާނެ ކަމަށް ވެސް ކަމާލުއްދީން ވިދާޅުވި އެވެ.

"މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ރިޓަޔާޑް މުހައްމަދު ނާޒިމް ވެސް ވަނީ ޕާޓީއެއް އުފައްދަވަން ނިންމަވާ އެ މަސައްކަތް ފައްޓަވާފަ އެވެ. ސިޔާސީ މައިދާނަށް ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވޭ އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުންގެ ސޮއި ވެސް މިހާރު ވަނީ ހަމަ ކޮށްފަ އެވެ.