އެމްއެންޑީއެފް

ސުޕްރީމް ކޯޓު ކައިރިން ޓޯއީ ކާރެއް ފެނިގެން ސިފައިން އެލާޓަށް

Jul 15, 2021
1

ރިމޯޓުން ކޮންޓްރޯލް ކޮށްގެން ދުއްވާ ކުޑަ ކާރެއް ސުޕްރީމް ކޯޓު ކުރިމަތިން ފެނުމާ ގުޅިގެން އެ ސަރަހައްދު ބަންދު ކޮށްފި އެވެ.

އެ ސަރަހައްދުން ފެނުނު ކާރު މިހާރު ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ސުޕްރީމް ކޯޓު ސަރަހައްދު ބަންދު ކޮށްގެން ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދިޔަ ނަމަވެސް އެ ސަރަހައްދުން ފެނުނު ކާރާ ގުޅޭ އެއްވެސް މައުލޫމާތެއް ސަލަމާތީ ހިދުމަތްތަކާ ބެހޭ އިދާރާ ތަކުން އަދި ދީފައެއް ނުވެ އެވެ.

އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ މައުލޫމާތު ވެސް އެ ދެ އިދާރާ އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި ހައެއްގައި ދިން ބޮމުގެ ހަމަލާއަށް ފަހު މުޅި ރާއްޖޭގެ ސެކިއުރިޓީ ވަނީ މަތިކޮށްފަ އެވެ. އަދި ދައުލަތުގެ ބައެއް އިދާރާތަކުގެ ކުރިމަތީގައި ސިފައިން ގެންދަނީ ހަތިޔާރާ އެކު ފޯރި މަރަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓަކީ ސިފައިން 24 ގަޑިއިރު ސެކިއުރިޓީ ފޯރު ކޮށްދޭ ތަނެކެވެ.