އައިފޯން

އައިފޯން 13 ގައި ވައިފައި-6 އީ ބޭނުން ކޮށްފާނެ

އައިފޯން 13 ސީރީޒްގެ ފޯނުތަކުގައި "ވައިފައި-6 އީ" ޓެކްނޮލޮޖީ ހިމެނޭނެ ކަމަށް ކަމާބެހޭ ގިނަ ފަރާތްތަކަކުން ލަފާ ކުރަން ފަށައިފި އެވެ.

ޑިޖިޓަލް ޓަައިމްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހު ނެރޭނެ ކަމަށް ބެލެވެ އައިފޯން 13 ގައި "ވައިފައި-6 އީ" ހިމެނޭ ކަމަށް ބުނެފައި ވަނީ އެޕަލްގެ މުވައްޒަފެކެވެ.

"ވައިފައި-6 އީ" ޓެކްނޮލޮޖީ އިން ހަ ގިގަހާޑްޒްގެ ވައިފައި ބޭނުން ކުރެވޭނެ އެވެ. އަދި ވައިފައިގެ ރޭންޖް ވެސް ބޮޑުތަނުން އިތުރު ކޮށްދެ އެވެ. އެޕަލްއިން އައިފޯން 11 އިން ފަށައިގެން "ވައިފައި 6" ބޭނުން ކުރަންމުން އައިސްފައި ވެއެވެ. އަދި މިއީ ކުރީގެ "ވައިފައި 5"ކަށް ވުރެ ރައްކާތެރި އަދި ރޭންޖާއި ސްޕީޑްގެ ގޮތުން ފެންވަރު ރަނގަޅު ވައިފައި އެކެވެ.

މިހާރު ގިނަ މޮބައިލް ފޯން ބްރޭންޑްތައް "ވައިފައި 6" އެ ބްރޭންޑްތަކުގެ ފޯނުތަކުގައި ހިމަނަމުން ދެއެވެ. ނަމަވެސް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުން ބުނާ ގޮތުގައި 2022 ވަނަ އަހަރަށް އެޕަލް އަދި އެންޑްރޮއިޑް ގިނަ ފޯނުތަކެއް "ވައިފައި-6 އީ" ސްޓޭންޑާޑް ވައިފައި ގޮތުގައި ބޭނުން ކުރަމުން ދާނެ ކަމަށެވެ.

އައިފޯން 13 ސީރީޒްގެ ފޯނުތަކުގައި ވައިފައިގެ އިތުރުން ކެމެރާ، އޯއެސް، ސްކްރީން އަދި ބެޓެރިއަށް ވެސް ބަދަލުތަކެއް ގެންނާނެ އެވެ.