ލައިފްސްޓައިލް

ބަސް ނާހާތީ ފަޅު ރަށަކަށް ދަރިފުޅު ދޫކޮށްލައިފި

ފުރާވަރު އުމުރުގައި ބައެއް ކުދިން އުޅޭ ގޮތުން މައިންބަފައިންނަށް އެ ކުދިން ބަލަހައްޓަން ވަރަށް އުނދަގޫވެ އެވެ. ދަރިން ބަސް ނޭހުމުން އެކަން ރަނގަޅު ކުރަން އެކި މައިންބަފައިން ގެންގުޅެނީ އެކި ކަހަލަ އުކުޅުތަކެވެ. ބައެއް މައިންބަފައިން ވަރަށް ހަރުކަށި އަދަބު ވެސް ދަރިންނަށް ދެއެވެ. އެ ކުދިން ބަސް އަހާނީ ހަރުކަށިކޮށް ކަންތައް ކޮށްގެން ކަމަށް ގަބޫލުކުރެވިގެންނެވެ. ނަމަވެސް ޗައިނާގެ މި ދެމަފިރިން ކުރި ކަހަލަ ކަމެއް ކުރާކަށް ވަރަށް މަދު މީހަކަށް ނޫނީ ނުކެރޭނެ އެވެ.

ޗައިނާގެ ދެމަފިރިން އެމީހުންގެ 13 އަހަރުގެ ދަރިފުޅު ބަސް ނޭހުމުން އޭނާ އިސްލާހު ކުރަން ކަމަށް ބުނެ ފަޅު ރަށަކަށް ގެންގޮސް އެ ކުއްޖާ އެ ރަށަށް ދޫކޮށްލީ އެވެ. މި ކުއްޖާގެ މައިންބަފައިން އެހާ ބޮޑަށް ރުޅިއައީ ސްކޫލްގައި ވެސް ނުކިޔަވައި ބަސް ނާހާ އުޅޭތީ ކުއްޖާ ސްކޫލުން ކަނޑާލުމާ ގުޅިގެން އައި ރުޅީގަ އެވެ.

ޗައިނާގެ ޕްރޮވިންސެއް ކަމަށްވާ ޝެންޑޮންގްގައި ދިރިއުޅޭ މި ދެމަފިރިން އެމީހުންގެ ދަރިފުޅު ގެންގޮސްލީ ރޫޝަން ސިޓީ އާ ކިލޯމީޓަރެއްހާ ދުރުގައި ވަކިން އޮންނަ ފަޅު ރަށަކަށެވެ. މި ރަށުގައި ކަރަންޓެއް ބޯފެނެއް ވެސް ނުހުރެ އެވެ.

ޗައިނާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މަސްވެރިކަން ކުރަން އުޅުނު ބަޔަކު އެ ރަށާ ކައިރި ކުރުމުން އެ ކުއްޖާ އެމީހުން ކައިރިއަށް ގޮސް އެހީއަށް އެދުނީ އެވެ. މައިންބަފައިން ގަދަކަމުން އޭނާ އެ ރަށަށް ގެނެސް ދޫކޮށްލާފައި ގޮސްފި ކަމަށް މަސްވެރިން ގާތު ކުއްޖާ ބުނި ކަމަށް ވެއެވެ. އަދި އަނބުރާ އޭނަގެ ރަށަށް ގެންގޮސް ދިނުމަށް މަސްވެރިންގެ ކިބައިން އެ ކުއްޖާ ވަރަށް އާދޭސް ކުރިކަމަށް ވެސް ވެއެވެ.

އެ ކުއްޖާގެ ވާހަކަ ފުލުހުންނަށް ރިޕޯޓުކުރީ މަސްވެރިންނެވެ. ފުލުހުން ވަގުތުން އައިސް ކުއްޖާ ގެންގޮސް އޭނާގެ މައިންބަފައިން ވެސް ފުލުހަށް ހާޒިރު ކުރި އެވެ. އަދި މިއީ ކުދިން ބަސް އަހާތޯ ކުރަން ރަނގަޅު ކަމެއް ނޫންކަމަށް ބުނެ ކުއްޖާގެ މައިންބަފައިންނަށް ނަސޭހަތްތެރިވި އެވެ. އަދި ކުއްޖާ ގޮވައިގެން ގެޔަށް ދާން ފުލުހުން އެ ކުއްޖާގެ މައިންބަފައިންނަށް އެންގި އެވެ.

އެންމެ ފުރަތަމަ ކުއްޖާ ގެންދަން އޭނާގެ މައިންބަފައިން ދެކޮޅުހެދި އެވެ. ނަމަވެސް ދެ ދުވަހު ފަޅުރަށުގައި ހުރުމުން ކުއްޖާ އަށް އެކަށީގެންވާ ރަނގަޅު ބަދަލުތަކެއް އައިސް އިސްލާހުވެފައިވާ ކަމަށް ގަބޫލު ކުރެވިގެން ކުއްޖާ ގެޔަށް ގެންދިޔައީ އެވެ.