ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯ މުސާރައިން އުނިކުރަން އެއްބަސްވާނެތަ؟

ރޮނާލްޑޯގެ ޓްރާންސްފާއާ މެދު ގިނަ ދުވަސް ތަކެއްގެ ވާހަކަ ދެއްކުމަށްފަހު މިހާރު ޔުވެންޓަސްގައި ރޮނާލްޑޯ މަޑު ކުރާނެ ކަމަށް ބެލެވޭއިރު މެސީ ފަދައިން ރޮނާލްޑޯގެ މުސާރައިން ބައެއް އުނި ކުރަން އެއްބަސް ވެދާނެތޯ މިއީ ގިނަ ބައެއްގެ ސުވާލެކެވެ.

ޔުވެންޓަސްގައި ރޮނާލްޑޮ މަޑު ކުރާނެ ކަމަށް ބެލެވޭއިރު މި މަހުގެ 25 ވަނަ ދުވަހު އަލުން ޓީމުގެ ފަރިތަކުރުން ތަކުގައި އޭނާ ބައިވެރިވަން ފަށާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި އެންމެ އަޑުހަރުކޮށް ދެކެވުނު އެއް ވާހަކައަކީ ރޮނާލްޑޯ އޭނާ ވިދާލި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލު ވެދާނެ ވާހަކަ އެވެ. ނޫނީ ފުޓްބޯޅަ ހަޔާތުގައި އިތުރު ސަފުހާއެއް ހުޅުވައި ޕީއެސްޖީއަށް ރޮނާލްޑޮ ބަދަލު ވެދާނެ ކަމުގެ އަޑުތައްވެސް ފެތުރުނެވެ. ނަމަވެސް އިޓަލީގެ ކުޅިވަރު ނޫސްތަކުން ބުނާ ގޮތުގައި 2022 އަށް ހަމަވާ ރޮނާލްޑޯގެ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އާކޮށް އޭނާ ޔުވެންޓަސްގައި މަޑު ކުރާނެ އެވެ.

ރޮނާލްޑޯގެ ކޮންޓްރެކްޓް އާކުރުމަށް ޔުވެންޓަސް އިން އެހާ ބޮޑު ސަމާލުކަމެއް ދެނީ އޭގެ ސަބަބުން ޔުވެންޓަސް އަށް މާލީ ގޮތުން ބޮޑެތި ފައިދާ ތަކެއް ވާނެތީ އެވެ. ނަމަވެސް ކޮންޓްރެކްޓް އާ ކޮށްފި ނަމަ ރޮނާލްޑޯގެ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 60 މިލިއަން ޔޫރޯ ވެގެން ދާނީ ޔުވެންޓަސް ކުރަން ޖެހޭ ވަރަށް ބޮޑު ހަރަދަކަށެވެ. އެހެން ކަމުން މިހާރު ވެސް ހަރަދުތައް ބޮޑުވެގެން އުޅޭ ޔުވެންޓަސް ރޮނާލްޑޯގެ ކޮންޓްރެކްޓް އާ ކުރާނަމަ އެކަމާ ވިސްނާނެ އެވެ.

ޔުވެންޓަސްގެ ހަރަދުތައް ހަމަޖެއްސުމަށް އެހީތެރިވެ، މެސީއެކޭ އެއްފަދައިން ރޮނާލްޑޯ އޭނާގެ މުސާރައިން ބައެއް އުނި ކުރަން އެއްބަސް ވެދާނެތޯ މިއީ ސުވާލެކެވެ. މެސީ ބާސެލޯނާ އާއެކު އެކުލަވާލި އާ ކޮންޓްރެކްޓްގައި އޭނާގެ މުސާރައިގެ ދެބައިކުޅަ އެއްބައި އުނިކުރަން ވަނީ އެއްބަސްވެފަ އެވެ.

ނަމަވެސް ރޮނާލްޑޯގެ މި ޑީލާއި މެދު ވަކި ގޮތެއް އަދި ނުނިންމަ އެވެ. ބެލެވޭ ގޮތުގައި މިކަމަށް ގޮތެއް ނިމިގެން ދާނީ ރޮނާލްޑޯގެ އެޖެންޓާއި ޔުވެންޓަސްގެ ރައީސް އެންޑްރީ އެންޔެލީ އާއި ބައްދަލު ކުރުމަށްފަހު އެވެ.

ރޮނާލްޑޮ މިހާރު ހުރީ ޔޫރޯ ނިންމާލުމަށް ފަހު އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގެޒް އާއެކު ޗުއްޓީގަ އެވެ. އޭނާ އެނބުރި ކްލަބާއި ގުޅޭނީ މި މަހުގެ ފަހުކޮޅުގަ އެވެ.