ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް

ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމޭނީ 2023 ގައި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ޓައިމްލައިން ސަރުކާރުން އާންމުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކުރި ޓައިމްލައިންގައިވާ ގޮތުން މި މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓާއި ޕްރީކޮލިފިކޭޝަން މަސައްކަތް މިހާރު ވަނީ ނިންމާލާފަ އެވެ. މި މަޝްރޫއުގެ ޓޭންޑާ މަސައްކަތް ފެށުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ. އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު އެވެ. މުޅި މަޝްރޫއު ނިންމާލުމަށް ހަމަޖައްސާފައިވަނީ ޖޫން 29، 2023 ގައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުންނެވެ. މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތައް ކުރާނީ އިންޑިއާގެ ކުންފުނިތަކުންނެވެ.

ހަނިމާދޫ އެއާޕޯޓަށް އަންނަ ބައެއް ބަދަލުތައް

  • އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރުން
  • އެއާޕޯޓުގެ ރަންވޭ 2460 މީޓަރަށް ބޮޑުކުރުން (ފަހުން 3000 މީޓަރަށް ބޮޑުކުރެވޭނެ)
  • ދިގުމިނުގައި 164 މީޓަރާއި، ފުޅާމިނުގައި 34 މީޓަރު ހުންނަ، އަދި ދެފަރާތުގައި 5.5 މީޓަރުގެ ދެ ޓެކްސީވޭ
  • ލޭންޑް އަދި ސީސައިޑް ކަނެކްޓިވިޓީ އާއި ޕެސެންޖާ ފެސިލިޓޭޝަން ހިމެނޭހެން 10،230 އަކަމީޓަރުގެ އިމާރާތެއް
  • އޮޕަރޭޝަނަށް އެކަށީގެންވާހެން ގާތްގަނޑަކަށް 58،000 އަކަމީޓަރުގެ އޭޕްރޮންއެއް ފަރުމާކުރުން
  • ކޯޑް އެއާކްރާފްޓްތަކުގެ އޮޕަރޭޝަން ތަކަށް އެކަށީގެންވާ ޕެސެންޖާ ޓާމިނަލެއް ގާއިމުކުރުން

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ކަމަށް ބުނެ މިހާރު އެއާޕޯޓްގެ ބައުންޑަރީގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަށް 853،937 އަކަފޫޓްގެ ބިމެއް އިތުރު ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެވަރުގެ ބޮޑު ބިމެއް ދޭން އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކުރާއިރު ރައްޔިތުން ވެސް ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މީގެ ކުރިން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުމެއް ހުރި ނަމަ އެއާޕޯޓުގެ ތަރައްގީއަށް ބޭނުންވާ ބިމުގައި ހަދަން ނިންމާފައިވާ ބައެއް މަސައްކަތްތައް ހުއްޓާލެވިދާނެ ކަމަށެވެ. އެގޮތުން އެތަނުގައި ހަދަން ނިންމާފައިވާ ޓްރާންސިޓް ހޮޓާ އުނިކޮށްލަން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެންމެ މުހިންމު ކަމަކަށް ބިން ބޭނުން ވަނީ ރަންވޭ ބޮޑު ކުރަން ކަމަށާއި ފުރަތަމަ ފިޔަވަހީގައި ބޮޑު ކުރާނީ 2460 މީޓަރު ކަމަށެވެ.

އެއަށްފަހު މީގެ 10 ވަރަކަށް އަހަރު ފަހުން އެތަން އިތުރަށް ބޮޑު ކުރަން ޕްލޭން ކޮށްފައިވާ ކަމަށާއި ނަމަވެސް ކައުންސިލުން އެ ބިން ދޭން ބޭނުން ނުވެއްޖެނަމަ އެއާޕޯޓު އެހެން ތަނަކަށް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ. މުސްތަގުބަލަށް ވިސްނާއިރު އެ ބިން ދުރާލާ ހޯދާފައި ބޭއްވުން މުހިއްމު ކަމަށް ވެސް ވިދާޅުވި އެވެ.