ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން ކުމުންދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން އުތުރުގެ ތިން ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހދ. ކުމުންދޫއަށް މިއަދު ވަޑައިގެންފި އެވެ.

ކުމުންދޫ އިން ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. ރައީސް ސޯލިހް ވަނީ އެ ރަށަށް ވަޑައިގެން ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވާ މަރުކަޒުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި މަރުކަޒަށް މިވަގުތަށް ބޭނުންވާ ކަންކަމުގެ މައުލޫމާތު ސާފުކުރެއްވިއެވެ.

މީގެ އިތުރުން އެ ރަށުގެ ފެނުގެ ނިޒާމު މަސައްކަތް ކުރިއަށްދާ ގޮތްވެސް ރައީސް ބެއްލެވިއެވެ. އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އެ ކުންފުނިންގެ އެމްޑީ ހަސަން ޝާހު ވަނީ ރައީސް ސޯލިހަށް އަރުވާފައެވެ.

ރައީސްގެ ދެކަނބަލުން އިއްޔެ ވަނީ ހދ. ކުޅުދުއްފުށި ސިޓީއަށްވެސް ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ހަނިމާދޫއަށް ވަޑައިގަތުމަށް ހަަމަޖެހިފައިވެއެވެ.