ހަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާގެ 600 އަށްވުރެ ގިނަ މައްސަލަ ހުށަހަޅައިފި

ކުޑަކުދިންނަށް ކުރާ އަނިޔާގެ 643 މައްސަލައެއް މި އަހަރުތެރޭގައި ހުށަހަޅާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްލަގުވާމީ ދުވަހާ ގުޅިގެން އެޗްއާރްސީއެމް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން ކުޑަކުދިންގެ ހައްގުތަކަށް އުނިކަމެއް ލިބިގެން އެކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުތެރޭގައި ޖިންސީގޯނާތަކާއި އެ ކުދިންނާ މެދު ބެލެނިވެރިން އަދި ދައުލަތުގެ ބައެއް މުއައްސަސާތަކުން އިހުމާލުވެފައިވާކަމަށް ބުނާ މައްސަލަތަކާއި އަދި މައިންބަފައިންގެ ފަރާތުން ކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަމާއި އަޅާލުން ނުލިބުމުގެ ސަބަބުން ދިމާވާ މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން، މިދިޔަ އަހަރު ތެރޭގައި މިފަދަ 82 މައްސަލަ އެއް އެޗްއާރްސީއެމް ހުށަހަޅާފައިވާ ކަމަށާއި، މިއަހަރު 97 މައްސަލައެއް އެޑިއުކޭޝަނަން މިނިސްޓްރީއަށް ހުށަހެޅިފައިކަމަށެވެ. މީގެ އިތުރުން 103 މައްސަލައެއް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އަށް ހުށަހެޅިއިރު، ކުޑަ ކުދިންނަށް ކުރާ އަނިޔާއާ ގުޅުންހުރި 361 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް އެޗްއާރުސީއެމްއިން ބުނެފައިވެ އެވެ.

ކުޑަކުދިންނަށް އަނިޔާ ކުރާ ފަރާތްތައް ހޯދައި، އެ ފަރާތްތަކަށް ގާނޫނީގޮތުން ފިޔަވަޅުއަޅައި، އެފަދަ ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމުގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާފައިވާ ފެމިލީ އެންޑް ޗިލްޑްރެން ސާވިސްތަކުގެ ފެންވަރު ރަނގަޅުކޮށް އެތަންތަނަށް ބޭނުންވާ ފަންނީ މީހުން ތަމްރީނު ކުރުމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.