ސްރީލަންކާ

ލަންކާ މަސްވެރިން ރާއްޖޭން މުދާ ގެންދިޔަ މައްސަލައެއް

ރާއްޖެ ސަރަހައްދުން އަތުލައިގަތް ލަންކާގެ މަސްބޯޓެއް އެނބުރި ގައުމަށް ދިޔައިރު ރާއްޖޭން މުދާ ގެންގޮސް ގާނޫނާ ހިލާފަށް އެތެރެކުރަން އުޅުނު މައްސަލައެއްގައި ލަންކާގެ މަސްވެރިންތަކެއް ހައްޔަރުކޮށްފި އެވެ.

އެ މަސް ދޯނި ގަވައިދާ ހިލާފަތް ރާއްޖޭގެ ކަނޑުން މަސް ބާނަނިކޮށް އަތުލައިގަތީ މިދިޔަ މެއި މަހު އެވެ. ލަންކާގެ ސަންޑޭ ޓައިމްސް ނޫހުން ބުނި ގޮތުގައި ލަންކާގެ ބެރުވަލާ އަވަށުގެ ބަނދަރު ބަލަހައްޓާ ކޯސްޓް ގާޑުން ވަނީ އެ ގައުމުގެ ކަސްޓަމްސްގެ ގާނޫނުތަކާ ހިލާފަށް ލަންކާ އަށް މުދާ އެތެރެކުރި މަސްވެރިންގެ ހަ މީހަކު ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި މީހުންނަކީ ބެރުވަލާގެ މަސްވެރިންނެވެ.

އެ މީހުން އަތުލައިގަތީ މިދިޔަ ހުކުރު ދުވަހު އެވެ. އެ މީހުން އަތުން ވަނީ އިލެކްޓްރޯނިކްސް ސާމާނު ވެސް ހިމެނޭހެން ރާއްޖެއިން ގެންދިޔަ އެކި ބާވަތުގެ މުދާ ފެނިފަ އެވެ. އެމީހުންގެ އަތުން ފެނުނު ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަންނައުނާއި ސެންޓާއި ކާނާ ހިމެނެ އެވެ. ކާބޯތަކެތީގެ ތެރޭގައި ދަޅުގައި ބަންދުކުރި މަސް ހިމެނެ އެވެ.

"މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް މިދިޔަ މަހު ރާއްޖޭ ސަރަހައްދަށް އޮޅިގެން ވަދެވުމުން ރާއްޖޭން ބޯޓުތައް ހިފެހެއްޓި. ހައްޔަރުކުރި މީހުން ބުނެފައި ވަނީ އޭގެ ފަހުން އެހީވީ ރާއްޖޭން ރައީސް އޮފީހުގެ މީހެއް ކަމަށް. ބޯޓުގައި ލަންކާ އަށް ގެންދިޔަ ތަކެތި ހޯދަން އެހީވީ ވެސް ރައީސް އޮފީހުން ކަމަށް" ލަންކާ ކޯސްޓް ގާޑުން ބުނެ އެވެ.

ރާއްޖޭން ލަންކާ އަށް ވަގަށް މުދާ އެތެރެކުރި މައްސަލާގައި ލަންކާ އިން ހައްޔަރުކުރި ހަ މީހުން ފުލުހުންނާ ނުވަތަ ކަސްޓްމަސްއާ ހަވާލުކުރަން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ކޯސްޓް ގާޑުން ވަނީ މ. އަތޮޅާއި ވ. އަތޮޅާ ދެމެދުގެ ސަރަހައްދުން ލަންކާގެ ތިން މަސް ބޯޓެއް މޭ މަހުގެ ތެރޭގައި އަތުލައިގެންފަ އެވެ. އެ ބޯޓުތައް ފެނުނީ އެ ދެ އަތޮޅުގެ އިރުމަތިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ 30 މޭލުގެ އެތެރެއިން ކަމަށް އެމްއެންޑީއެފް އިން އޭރު މައުލޫމާތު ދީފައިވެ އެވެ. ކޯސްޓް ގާޑު ހުރަވީން އަތުލައިގަތް މިއިން ކޮންމެ ބޯޓެއްގައި ވެސް ހަ މީހުން ތިއްބެވެ.