ހަބަރު

ފަހުމީއަށް ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ދިނުމަށް ހުކުމްކޮށްފި

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމުން ދުރުކުރި މައްސަލާގައި 400،000 އަށް ވުރެ ގިނަ ރުފިޔާ މުހައްމަދު ފަހުމީ ހަސަން އަށް ދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި ފަހުމީ މަގާމުން ދުރުކޮށްފައި ވަނީ އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ވަނީ ފަހުމީ މަގާމުން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އޭނަ އަށް ބަދަލެއް ގޮތުގައި 421،733ރ ދިނުމަށް ހުކުމްކޮށްފައެވެ.

ސިވިލް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ފަހުމީ މިހާރު ހުންނެވި މެލޭޝިޔާގައި ރައްޖޭގެ ސަފީރު ކަމަށް އައްޔަން ކުރި ތާރީހާ ހަމައަށް ހިނގާފައިވާ ދުވަހުގެ މުސާރައިގެ ގޮތުގައި މަހަކަށް 51،400 ރުފިޔާގެ މަގުން 171،333 ރުފިޔާ ދޭން ޖެހޭ ކަމަށެވެ. އައެމަގާމާ ހަވާލުވި ހިސާބުން ފެށިގެން ހައިކޮމިޝަނަރުގެ މުސާރައަށްވާ 18000 ރުފިޔާއާއި ކޮމިޝަންގެ މެންބަރެއްގެ އަސާސީ މުސާރަ ކަމަށްވާ 30،000 ރުފިޔާއިން ކެނޑުމަށްފަހު ބާކީވާ 12000 ރުފިޔާގެ މަގުން ޖުމްލަ 250،000 ރުފިޔާ ދޭން ޖެހޭ ކަމަށެވެ. އަދި އެފައިސާ ދެ މަހެއް ތެރޭގައި ދެއްކުމަށްވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފަހުމީ ސިވިލް ސާވިސް ކޮމިޝަންގެ މަގާމުން 2012 ވަނަ އަހަރު ވަކިކޮށްފައިވާ އިރު ރައިސުލް ޖުމްހޫރިޔިއްޔާ އަބްދުﷲ ޔާމިން ވަނީ މެލޭޝިޔާއަށް ކަނދައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރުގެ މަގާމް ފަހުމީއަށް ދީފަ އެވެ.