ދުނިޔެ

ބައިޑަންއާ އަބްދުﷲ ރަސްގެފާން އެއް މޭޒުދޮށުގައި

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އުރުދުންގެ އަބުދުﷲ ރަސްގެފާނު ބައްދަލު ކުރައްވައިފި އެވެ. މި ދެ ބޭފުޅުންގެ ބައްދަލުވުން އޮތީ ވައިޓް ހައުސްގައި ހޯމަ ދުވަހު އެވެ. އެހެންކަމުން، ބައިޑަންގެ ޒައާމަތުގައި ވައިޓް ހައުސްއަށް ދައުވަތު ދެއްވި ފުރަތަމަ އަރަބި ލީޑަރުގެ ޝަރަފު އަބްދުﷲ ރަސްފާނަށް ލިބިވަޑައިގަތީ އެވެ.

އެމެރިކާ ބުނާ ގޮތުން އުރުދުންއަކީ މެދުއިރުމަތީގައި އެމެރިކާއަށް މުހިންމު ގައުމެކެވެ. ފަލަސްތީނާ އިޒްރޭލް އަދި ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުންތައް މައިތިރި ކުރުމަށް އެމެރިކާއަށް އުރުދުންގެ އެހީތެރިކަން ބޭނުންވެ އެވެ.

ބައިޑަންއާ އަބްދުﷲ ރަސްގެފާން ވައިޓް ހައުސްގައި، އެއްމޭޒު ދޮށަށް ވަޑައިގެން އާދަޔާ ހިލާފު އާ ވާހަކަތަކެއް ނުދައްކަވަ އެވެ. ބައިޑަން ވިދާޅުވީ އަންމާންގައި ވައިގެ ސިފައިން ބޭނުން ކުރާ އެފް-16 އިގެ ޖެޓްތައް މިހާރު ހުންނާނީ މާ ބޮޑަށް ބާވެފައި ކަމަށާއި ޒަމާނީ ކޮށްލަން އެމެރިކާ އެހީތެރި ވެދެއްވާނެ ކަމަށެވެ.

ބައިޑަންގެ ވާހަކަތައް ހުރި ގޮތަށް ބަލާއިރު މެދުއިރުމަތީގައި އުރުދުން ވާންވީ އެމެރިކާގެ ޕްރޮކްސީއަކަށެވެ. އަދި އެމެރިކާ ބުނާ ކަމެއް އުރުދުންއިން ކޮށްދީފި ނަމަ ހޮޔޮ ބަދަލެއް ދެވިދާނެ އެވެ.

އުރުދުންގެ ޖެޓްތައް އާކުރާ ވާހަކައަކުން އެ ގައުމަށް އޮތް މޮޅެއް ނެތެވެ. އިޒްރޭލުގައި ނެތް ޓެކްނޮލޮޖީއެއް އަދި އަސްކަރީ މޮޅެއް މެދުއިރުމަތީ އަރަަބި އެއްވެސް ގައުމަކަށް އެމެރިކާ ލިއްބައި ނުދޭނެ އެވެ.

މެދުއިރުމަތިގައި ސުލްހަ ގާއިމު ކުރުމަށް އުރުދުން މެދުވެރިވެ އިޒްރޭލުގެ އާ ސަރުކާރާ މަޝްވަރާ ކުރަން ބައިޑަން އެދި ވަޑައިގަތެވެ. އެމަނިކުފާން ވިދާޅުވީ އުރުދުންއަށް ފަސޭހަކޮށް ދިނުމުގައި އެމެރިކާ ދެމި އޮންނާނެ ކަމަށެވެ.

ބައިޑަން ވިދާޅުވީ އިގުތިސޯދީ އަދި އަސްކަރީ އެހީތައް އުރުދުންނަށް ފޯރުކޮށްދެއްވާނެ ކަމަށާއި ދެގައުމު ގުޅިގެން ބައިނަލްއަގުވާމީ މަޝްރަހުގައި ބިނާކުރަނިވި ދައުރެއް އަދާކުރެވިދާނެ ކަމަށެވެ.

އުރުދުންގެ ޝާހީ ޚާންދާންގައި މިއަހަރު އޭޕްރީލްގައި ބަޣާވާތެއްގެ ސިފަޖެހި ހިނގައިދިއަ ހަމަނުޖެހުން ތަކުގައި ވެސް އެމެރިކާ އޮތީ އަބުދުﷲ ރަސްގެފާނަށް އެއްބާލުން ދެއްވާ ގޮތަށެވެ.

އެމެރިކާއިން ބުނީ ގައުމީ މަސްލަހަތު ހިމާޔަތްކޮށް މިނިވަންކަން ދެމެހެއްޓުމަށް އަބުދުﷲ ރަސްގެފާން އަޅުއްވާ ހުރިހާ ފިޔަވަޅަކަށް ފުރިހަމަ ތާއީދު އޮތް ކަމަށާއި މަޝްރަހު ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ. އަބްދުﷲ ރަސްގެފާނަށް އިތުބާރުކުރައްވާ ކަމަށް ވެސް އެމެރިކާއިން ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.