ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ދައުލަތުން ޖަމިއްޔާތަކަށް މިހާރަށް ވުރެ ބޮޑަށް އެހީވާންޖެހޭ: ރައީސް ވަހީދު

Jul 22, 2021

ޑިމޮކްރަސީގެ އުސޫލުން ގައުމު ހިންގަން ބޭނުންވާނަމަ މަދަނީ ޖަމިއްޔާތަކަށް ދައުލަތުން މިހާރަށް ވުރެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.

ރައީސް ވަހީދު މިކަމަށް ގޮވާލެއްވީ ބ. ތުޅާދޫ ސިލްވަ ޝައިން ކުލަބް (ޓީއެސްއެސްސީ)އަށް 50 އަހަރު ފުރުމާ ގުޅިގެން ރޭ އެރަށުގައި ބޭއްވި ރަންޔޫބިލް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަހީދު ވަނީ ޓީއެސްއެސްސީ އުފެއްދި ދުވަސްވަރު އެ ޖަމިއްޔާގެ ބައެއް މަސައްކަތްތަކުގައި އެހީތެރިކަން ވެސް ފޯރުކޮށްދެއްވާފަ އެވެ. އަދި ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަހީދު ވަނީ ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް ޓީއެސްއެސްސީން ކުރާ މަސައްކަތްތަކުގައި އެކި ގޮތްގޮތަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މަދަނީ ޖަމިއްޔާތަކުގެ ދައުރާއި މުހިއްމު ކަމުގެ މައްޗަށް ވާހަކަދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ޑިމޮކްރަސީއެއްގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ މަދަނީ ޖަމިއްޔާތައް ކަމަށެވެ. އެހެންކަމުން މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި ތަރައްގީގެ މަސައްކަތްތަކުގައި ޖަމިއްޔާތަކުގެ ބައިވެރިވުން މިހާރަށް ވުރެ އިތުރުކުރުމަށް ދައުލަތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"އަދިވެސް މިފަދަ ޖަމިއްޔާތަކަށް އެކަށީގެންވާ އެހީތަކެއް ލިބޭނެ ގޮތްތަކެއް އިންތިޒާމު ކުރެވިފައެއް ނެތް. އާދެ އަޅުގަނޑުމެން މި ރާއްޖެއަށް ޑިމޮކްރަސީ ގެނެސްގެން އުޅޭއިރުގައި ޑިމޮކްރަސީގެ އެންމެ މުހިއްމު އެއް ބަޔަކީ މަދަނީ ޖަމިއްޔާތައް. އެހެންވީމާ މި ޖަމިއްޔާ އަކީ ވެސް ޑިމޮކްރަސީގައި ހަމަ ވަރަށް މުހިއްމު ބައެއް. އެކަމަށްޓަކައި އެހީތެރިވުމަކީ އެއީ ޑިމޮކްރަސީއެއް ކުރިއަށް ގެންދިއުމަށްޓަކައި [ދައުލަތުން] ކުރަންޖެހޭ ކަމެއް،" ރައީސް ވަހީދު ވިދާޅުވި އެވެ.

ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ޝައުގުގައި ޖަމާއަތަށް ހިދުމަތްކުރުމަށް ވެސް ރައީސް ވަހީދު ވަނީ އެދިވަޑައިގެންފަ އެވެ. ރާއްޖެއިން އެ މަންޒަރު ފެންނަމުންދާ ކަން ފާހަގަކުރައްވާ ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގައި ޖަމިއްޔާތައް ހިންގާ މީހުން އެ މަސައްކަތަށް ވަރަށް ގިނަ ވަގުތު ހުސްކުރާ ކަމަށެވެ. އަދި އެމީހުންނަށް ލިބޭ އާމްދަނީ އަކުން ޖަމިއްޔާތަކަށް ހަރަދު ކުރާ މީހުން ތިބި ކަން ފާހަގަކުރެއްވި އެވެ.

ރައީސް ވަހީދު ވިދާޅުވީ ރަށްތަކުގެ ތަރައްގީއާ ގުޅޭ ކަންކަމުގައި ޕްލޭނާއި ސިޔާސަތު ހަދާނީ ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން ކަމަަށްވީ ނަމަވެސް އެމަސައްކަތުގައި ރައްޔިތުން ތަމްސީލް ކުރާ މަދަނީ ޖަމިއްޔާތައް ބައިވެރި ކުރަން ޖެހޭ ކަމަށެވެ. އަދި ތަރައްގީއާއި އިޖުތިމާއީ މަސައްކަތްތައް ތަންފީޒު ކުރުމުގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު މިހާރަށް ވުރެ އިތުރުކުރަން ޖެހޭ ކަމަށެވެ.

"ޑިމޮކްރަސީ އަކީ ރައްޔިތުން އޭގައި ބައިވެރިވެގެން ރައްޔިތުންނަށް ވެސް އޭގައި ފެންނަ ގޮތަކަށް ފެންނަ މިސްރާބަކަށް ގެންދަން ޖެހޭ އެއްޗެއް. އެހެންވީމާ އަޅުގަނޑުގެ އުއްމީދަކީ ދައުލަތުގެ މުއައްސަސާތަކާއި މިފަދަ ޖަމާއަތް ޖަމިއްޔާތަކާއި އެއްބައިވެގެން އެކީގައި މަސައްކަތް ކޮށްގެން ރަށް ތަރައްގީކުރުމުގެ ތަސައްވުރެއް ނެރި ޕްލޭނެއް ނެރި އެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން މިހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުން. އޭރުން ރަށް ކުރިއަށް ދާނީ،"

ރަށްރަށުގެ ތަރައްގީ އަށް ޖަމިއްޔާ ތަކުން މަސައްކަތް ކުރާއިރު ވަކި ބައެއްގެ މަސްލަހަތަށް ފައިދާވާ ގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި އެންމެންނަށް ކުރިއެރުމާއި ތަަރައްގީއާއި ފައިދާ ލިބޭ ގޮތަށް މަސައްކަތް ކުރުމަށްވެސް ރައީސް ވަހީދު ވަނީ އިލްތިމާސް ކުރައްވާފަ އެވެ. ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ވާދަވެރިކަން ގެންގުޅުނު ނަމަވެސް އެކަން ވަކި ހަމައަކާއި އުސޫލެއްގެ ތެރޭގައި ގެންގުޅުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"ބައެއް ކަންކަމުގައި ޖެހޭނެ ވާދަކުރަންވެސް. ވާދަކުރަންޖެހޭ ކަންކަމުގައި. އެހެންނަމަވެސް ކޮންމެ ކަމެއް އެއީ ވާދަކުރަންޖެހޭ ކަމެއް ނޫން. ކޮންމެ ކަމެއް އެއީ ޖަދަލު ކުރަންޖެހޭ ކަމެއް ވެސް ނޫން. އެހެންވީމާ އެބަޖެހޭ އަޅުގަނޑުމެން ހުރިހާ އެންމެން އެކައްޗެއް ކިޔައިގެން އެއް މިސްރާބަކަށް ރަށުގެ ތަރައްގީ ގެންދިއުމަށްޓަކައި މަސައްކަތް ކުރަން. ދައުލަތުން އެބަޖެހޭ މިކަމުގައި މިއަށް ވުރެ ބޮޑު ހިތްވަރެއް ރައްޔިތުންނަށް ދޭން،" ރައީސް ވަހީދު ވިދާޅުވި އެވެ.

ތުޅާދޫ ސިިލްވަ ޝައިން ކުލަބުގެ 50 އަހަރުގެ ހިދުމަތާ ގުޅޭގޮތުން ރައީސް ވަހީދު ވިދާޅުވީ އެހާ ދިގު މުއްދަތަކަށް ޖަމިއްޔާ އަކުން ހިދުމަތް ކުރުމަކީ އާދަޔާ ހިލާފު ބޮޑު ކާމިޔާބެއް ކަމަށެވެ. ޓީއެސްއެސްސީން އެ ޖަމިއްޔާގެ ކުރިއެރުމާއި ޖުމްލަކޮށް ތުޅާދޫގެ ކުރިއެރުމާއި ތަރައްގީ އަށް ވަރަށް ގިނަ ވަރަށް ބުރަ މަސައްކަތްތަކެއް އެކި ދާއިރާތަކުން ކޮށްފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ. އެހެންކަމުން އެ މަސައްކަތްތަކުގައި އެކި ދުވަސްވަރު އުޅުއްވި ހުރިހާ ބޭފުޅުންނަށް ވެސް ރައީސް ވަހީދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.